ނިމިދިޔަ 2022 ވަނަ އަހަރު އެސްޓީއޯއިން ރިކޯޑް ޢާމްދަނީއެއް ހޯދައިފިއެވެ.
މިދިޔަ އަހަރުގެ އޮޑިޓް ނުކުރާ ހިސާބުތަކުން ދައްކާގޮތުން، އެސްޓީއޯއަށް ވަނީ 18.2 ބިލިއަން ރުފިޔާގެ ޢާމްދަނީއެއް ލިބިފައެވެ. ދެހާސް އެކާވީސް ވަނަ އަހަރު އެކުންފުންޏަށް ޢާމްދަނީއެއްގެ ގޮތުގައި ލިބުނީ 10.2 ބިލިއަން ރުފިޔާއެވެ. އެހެންކަމުން 2022 ވަނަ އަހަރުގެ ޢާމްދަނީ ވަނީ 2021 ވަނަ އަހަރަށް ވުރެ 79 ޕަސެންޓް ކުރިއަރާފައެވެ.
މީގެ މައިގަނޑު ސަބަބަކީ ކުންފުނީގެ ހުރިހާ ވިޔަފާރިތައް ކުރިއަރައި، އާމްދަނީ އިތުރުވުން ކަމުގައި އެކުންފުނީގެ ރިޕޯޓުން ދައްކައެވެ.
މިއާއެކު، އެކުންފުންޏަށް ލިބުނު ފައިދާ ވެސް ނިމިދިޔަ އަހަރުވަނީ ބޮޑުވެފައެވެ. ދެހާސް އެކާވީސް ވަނަ އަހަރު އެކުންފުންޏަށް 1.5 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބުނު އިރު، 2022 ވަނަ އަހަރު އެކުންފުންޏަށް ލިބުނީ ދެ ބިލިއަން ރުފިޔާގެ ފައިދާއެކެވެ. މިއީ 2021 ވަނަ އަހަރާ އަޅާބަލާއިރު 41 ޕަސެންޓްގެ ކުރިއެރުމެކެވެ.
އެސްޓީއޯގެ ފައިދާ އިތުރުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރި އެއްކަމެއް ކަމުގައި ފާހަގަވަނީ އެ ކުންފުނީގެ އޮޕަރޭޓިން ޕްރޮފިޓެވެ. އެގޮތުން ނިމިދިޔަ އަހަރުގެ އޮޕަރޭޓިން ޕްރޮފިޓު ވަނީ ތާރީހުގައި ވެސް އިތުރުނުވާ ވަރަށް އިތުރުވެފައެވެ. މިގޮތުން 2022 ވަނަ އަހަރު އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި އެކުންފުނިން ވަނީ ފުރަތަމަ ފަހަރަށް އެއް ބިލިއަން ރުފިޔާ ހާސިލްކޮށްފައެވެ. ނިމިދިޔަ 2021 ވަނަ އަހަރު އެކުންފުންޏަށް އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި ލިބިފައިވަނީ 643 މިލިއަން ރުފިޔާއެވެ.
އެސްޓީއޯގެ މުޅި އަހަރުގެ ޖުމްލަ ޢާމްދަނީ އިތުރުވިއިރު، މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓާގައި ވެސް އެކުންފުންޏަށް ފުރިހަމަ ޢާމްދަނީއެއް ލިބުނެވެ. އެގޮތުން މިދިޔަ ފަހު ކުއާޓާގައި އެކުންފުންޏަށް 4.6 ބިލިއަން ރުފިޔާ ލިބުނު އިރު، އެ މުއްދަތުގައި އޮޕަރޭޓިން ޕްރޮފިޓުގެ ގޮތުގައި 368 މިލިއަން ރުފިޔާވަނީ ލިބިފައެވެ. ތިން ވަނަ ކުއާޓާގައި އެކުންފުންޏަށް އޮޕަރޭޓިން ޕްރޮފިޓުގެ ގޮތުގައި ލިބިފައިވަނީ 255 މިލިއަން ރުފިޔާއެވެ.