އުފަންވުން ރަޖިސްޓަރީ ނުކޮށްގެން ޖޫރިމަނާ ވެދާނެކަމުގެ ބިރެއް އުފެދެންޖެހޭ ސަބަބެއް ނެތްކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)އިން ބުނެފިއެވެ.
އުފަންވުން ރަޖިސްޓްރީ ކުރުމަށް ލާޒިމުކޮށްފައިވާ މުއްދަތުގެ ތެރޭގައި ނުވަތަ ކުއްޖެއްގެ އުފަން ދުވަހުގެ ސެޓްފިކެޓް ހެއްދުމަށް ލާޒިމުކުރާ މުއްދަތުގެ ތެރޭގައި އެކަން ނުކޮށްފިނަމަ، ނުކުރި ސަބަބަށް ރިއާޔަތްކޮށް 10،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމާ ގުޅޭ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ ދާދި ފަހުން ތަސްދީގު ކުރައްވާފައެވެ.
އެކަމާ ގުޅިގެން އެ އިދާރާއިން ބުނީ އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަން ދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާ ބެހޭ ގާނޫނުގެ 38 ވަނަ މާއްދާގެ ދަށުން އެގޮތަށް ޖޫރިމަނާ ކުރަން ނިންމާފައިވުމާ ގުޅިގެން ވަރަށް ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަމުންދާ ކަމަށެވެ.
ޑީއެންއާރް އިން ބުނީ އުފަންވުން ރަޖިސްޓަރީ ނުކޮށްގެން ޖޫރިމަނާ ވެދާނެކަމުގެ ބިރެއް އޮންނަން ޖެހޭ ސަބަބެއް ނެތް ކަމަށާއި ސަބަބަކީ ރާއްޖޭގައި އުފަންވުމާއި މަރުވުން ރަޖިސްޓްރީކޮށް ބެލެހެއްޓުމަށް ޕޯޓަލްއެއް މިހާރު ގާއިމް ކޮށްފައިވުން ކަމަށެވެ.
އެ ޕޯޓަލް ގާއިމް ކުރުމުގެ ކުރިން، ކުއްޖަކު އުފަންވުމުން ޑީއެންއާރް އިން ހޮސްޕިޓަލް ނުވަތަ ސިއްޙީ މަރުކަޒުތަކަށް ފޮނުވާފައިވާ ފޫޅުމައިފޯމު ފުރުމަށްފަހު، ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާއާ ފޫޅުމާ ފޯމުގެ ކޮޕީ ހަވާލުކުރުމުން އުފަންވުން ރަޖިސްޓްރީ ކުރުމަށްޓަކައި އެރަށެއްގެ ކައުންސިލަށް ހުށަހަޅަން ޖެހެއެވެ.
ނަމަވެސް، މިހާރު، ކުއްޖާ އުފަންވުމުން އެ ޕޯޓަލް މެދުވެރިކޮށް މަޢުލޫމާތު އެންޓާ ކޮށް، ޕޯޓަލްއިން ފޫޅުމާފޯމު ޕްރިންޓްކޮށް ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާއަށް ހަވާލުކުރުމާއި އެފޫޅުމާފޯމު އެކުއްޖަކު އުފަންވީ ރަށެއްގެ ކައުންސިލަކަށް ވަގުތުން ސިސްޓަމް މެދުވެރިކޮށް ލިބުމުން އުފަންވުން ރަޖިސްޓްރީ ކުރެވޭނެ ކަމަށް ޑީއެންއާރް އިން ފާހަގަކުރެއެވެ.
ވުމާއެކު ގާނޫނުން ލިބޭ މުއްދަތު ކުރުވި ނަމަވެސް އުފަންވުން ރަޖިސްޓަރީ ނުކޮށްގެން ޖޫރިމަނާ ވެދާނެކަމު ބިރެއް އުފެދެންޖެހޭ ސަބަބެއް ނެތް ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ގާނޫނަކީ، ދިވެހިރާއްޖޭގައި އުފަންވާ ކުދިންގެ އުފަންވުން ރަޖިސްޓަރީ ކުރުމާގުޅޭ އުސޫލުތައް ބަޔާން ކުރާ ގާނޫނެވެ.
އެ ގާނޫނުގައި ދިވެހިރައްޔިތުންގެ އުފަންދުވަހުގެ ސެޓްފިކެޓާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާގުޅޭ އުސޫލުތަކާއި، ދިވެހިރާއްޖޭގައި މަރުވާ މީހުންގެ މަރު ސާބިތުކުރުމާއި ދިވެހިރާއްޖޭގައި މަރުވާ މީހުންގެ މަރުވުން ރަޖިސްޓަރީކުރުމާގުޅޭ އުސޫލުތައް ވެސް ބަޔާން ކޮށްފައިވެއެވެ.
އޭގެ އިތުރުން ގާނޫނުގައި ކަނޑައަޅާފައިވާ ކުރުން މަނާ ކަމެއް ކޮށްފި ނަމަ ޖޫރިމަނާ ކުރާނެ ގޮތުގެ ތަފްސީލު ވެސް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. އޭގެތެރޭގައި ފޫޅުމާ ފޯމަކަށް، އުފަންދުވަހުގެ ސެޓްފިކެޓަކަށް، މަރު ފޯމަކަށް ނުވަތަ އައިޑީކާޑަކަށް ސައްހަ ނޫން ބަދަލެއް ގެނައުމާއި ސައްހަ ނޫން މައުލޫމާތެއް ދިނުމާއި ގަސްދުގައި ގެއްލުން ދިނުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައަޅާ އެފަދަ ކަމެއް ކުރާ މީހުންނަށް އަދަބު ކަނޑައަޅާފައިވެއެވެ.