ވިލިމާލޭގައި ބަގީގެ ހިދުމަތް ދިން ކުންފުންޏަށް ދިން ދެ ބިން އަތުލަނީ

ވިލިމާލޭގައި ބަގީއެއް ދުއްވަނީ -- ފޮޓޯ/ ޑެސްތިނޭޝަން ގައިޑްސް

ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ހަވާލުކުރި 'ނައިންޓީނައިން ހޯލްޑިންގްސް'އަށް ދީފައިވާ ދެ ބިން އަތުލުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލުކޮށްފިއެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ސިޓީ ކައުންސިލުން އެންމެ ފުރަތަމަ ހަވާލުކުރީ އިމްޕްރިންޓް ނަމަކަށްކިޔާ ކުންފުންޏަކާ 2013ވަނަ އަހަރުގެ ޑިސެމްބަރު 17ވަނަ ދުވަހުއެވެ. އެ އެއްބަސްވުމުގައި އިމްޕްރިންޓަށް ލިބިދީފައިވާ ހުރިހާ ހައްގުތަކެއް 'ނައިންޓީނައިން' ކުންފުންޏަށް ބަދަލުކޮށްފައިވަނީ ޖެހިގެން އައި އަހަރުގެ ޖެނުއަރީ މަހުގެ 16ވަނަ ދުވަހުއެވެ.

އެ އެއްބަސްވުމުގެ ދަށުން ނައިންޓީނައިން ކުންފުންޏަށް ވަނީ ވިލާމާލޭގެ އަތިރިމަތިން 2000 އަކަފޫޓުގެ ބިމަކާއި ސިނާއީ ސަރަހައްދުން 1177 އަކަފޫޓުގެ ބިމެއް ހަވާލުކޮށްފައެވެ. އެއީ ޓިކެޓް ވިއްކުމަށާއި ޓިކެޓް ވިއްކުމުގެ ނިޒާމް ގާއިމް ކުރުމަށާއި އިދާރީ އޮފީހެއް ހިންގުމަށް ދޫކުރި ބިންތަކެކެވެ.

ނަމަވެސް އެކުންފުނިން ވިލިމާލޭގައި ބަގީގެ ހިދުމަތް ނުދީ ދެ ބިމުގައި ގެސްޓްހައުސްގެ ވިޔަފާރިކުރާކަމަށް ބުނެ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 25ވަނަ ދުވަހު ސިޓީ ކައުންސިލުން ވަނީ އެ ދެ ބިން ހުސްކޮށް އެ ކައުންސިލާ ހަވާލުކުރުމަށް ހަތް ދުވަހުގެ މުއްދަތެއް ނައިންޓީނައިން ކުންފުންޏަށް ދީފައެވެ.

ސިޓީ ކައުންސިލްގެ އެންގުމަށް އަމުލުކުރުމަށް ދެކޮޅު ހަދައި ނައިންޓީނައިން ކުންފުނިން މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ. އެ ކޯޓުން ވަކި ގޮތެއް އަންގަންދެން އެ ދެ ބިން އަތުނުލެވޭނެ ކަމަށް ނިންމައި ވަގުތީ އަމުރެއް އެކޯޓުން ވަނީ ނެރެފައެވެ.

އެ އަމުރު ހައިކޯޓުގައި އިސްތިއުނާފްކޮށް މާލޭ ސިޓީ ކައުންސިލުން ބުނީ, އެ ކޯޓުން ވަގުތީ އަމުރު ނެރުމުގައި އެއްބަސްވުމާ އެއްގޮތަށް ކަންކުރޭތޯ ބަލައި ކަށަވަރު ކޮށްފައިނުވާ ކަމަށާއި ހަމައެކެނި ބަލައިފައިވަނީ ނައިންޓީނައިން ކުންފުނިން ދެއްކި ވާހަކަތަކުގެ މައްޗަށް ކަމަށެވެ.

ރައްދުގައި ނައިންޓީނައިން ކުންފުނިން ބުނެފައިވަނީ ވިލިމާލޭގައި ބަގީގެ ހިދުމަތް ފެށިފައިނުވަނީ އެ ހިދުމަތް ދޭން ފެށުމުގެ ކުރިން ގާއިމްކުރަން ޖެހޭ ބަގީ ދުއްވާނެ ރޫޓްތަކާއި ބަގީ ހުއްޓިތައް ހަދާފައި ނެތުމުން ކަމަށެވެ.

ދެ ފަރާތުގެ ވާހަކަތަކަށް ބަލައި ހައިކޯޓުން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުން ނިންމާފައިވަނީ ސިވިލް ކޯޓުގެ އަމުރު ބާތިލް ކުރުމަށެވެ.

އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މުހައްމަދު ސަލީމެވެ. ދެން ބެންޗުގައި ތިއްބެވީ ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު މުހައްމަދު ފައިސަލްއެވެ.

މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމަށް 10 ބަގީ ގެނައުމަށް ނިންމައި އެންމެފަހުގެ ތައްޔާރީތައް ވަމުން އަންނައިރު އެމްޓީސީސީން ވަނީ އިލެކްޓްރިކް ބަހުގެ ޚިދުމަތް މިހާރު އެ ރަށުގައި ފަށައިފައެވެ.

comment ކޮމެންޓް