މާލޭގެ ފުޑް ކޯޓުން ޕްލޮޓެއް ބީލަމަށް ހުޅުވާލައިފި

މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި އޮންނަ ހާބަރު ސަރަހައްދުގައި އެސްޓީއޯއިން ޒަމާނީ ފެންވަރަކަށް ހަދާފައިވާ ފުޑް ކޯޓުތަށް: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި އެސްޓީއޯގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ފުޑް ކޯޓުގެ ޖާގަތަކުގެ ތެރެއިން ޖާގައެއް ހިންގާނެ ފަރާތެއް ހޯދުމަށް އެސްޓީއޯ އިން ބީލަމަށް ހުޅުވާލައިފިއެވެ.

އެސްޓީއޯ އިން ކުރި އިއުލާނެއްގައި ބުނީ މާލޭގެ ފުޑް ކޯޓަކުން ޖާގައެއް ހިންގާނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

މި ޖާގައަކީ އިއްޒުއްދީން މަގާވީ ފަޅީގެ 03 ވަނަ ބޮލެކެވެ. މިއީ 960 އަކަ ފޫޓޫގެ ތަންކޮޅެކެވެ. މި ބީލަން ކާމިޔާބުކުރާ ފަރާތަށް އެސްޓީއޯއިން ފަސް އަހަރުގެ މުއްދަތަކަށް އެތަން ކުއްޔަށް ދޭނެއެވެ. މި ބީލަމުގައި އިވެލުއޭޓް ކުރުމުގައި އެންމެ މަތިން މާކްސް ދޭނީ ވެސް އެންމެ ބޮޑު ކުއްޔެއް ހުށަހަޅާ ފަރާތަކަށެވެ.

މި ޖާގައިން މެއިންޓެނެންސް ފީއެއްގެ ގޮތުގައި އެސްޓީއޯއިން ކޮންމެ އަކަފޫޓަކުން 5.30 ރުފިޔާ ނަގާނެއެވެ. މީގެ ތެރޭގައި ހިމެނެނީ އެތަން ދޮވެ، ސާފުކޮށް ބެލެހެއްޓުމާއި، ފާހަނާތައް ސާފު ކުރުމާއި، ވިޔަފާރި ވަގުތުތަކުގައި ސެކިއުރިޓީ ބެލެހެއްޓުމާއި، ކުނި އުކާލުމުގެ އިތުރުން އަލިފާނުން ރައްކާތެރިކޮށްދޭ ތަކެތި ސާވިސްކޮށްދިނުމެވެ.

މި ޖާގަ ދޫކުރާއިރު، އެސްޓީއޯ އިން މޭޒު، ގޮނޑި އަދި ބެންޗު ފަދަ ފަރުނީޗަރު ދޭނެއެވެ. އަދި މި ބީލަން ކާމިޔާބު ކުރާ ފަރާތަކުން ހުށަހަޅާ ކުއްޔެއްގެ، ދެމަހުގެ ކުލި ސެކިއުރިޓީ ފީއެއްގެ ގޮތުގައި އެސްޓީއޯ އަށް ދައްކަން ޖެހޭނެއެވެ.

ބީލަމުގެ މުހިއްމު ތާރީޙުތައް:

1. 25 ޖަނަވަރީ 2023 - ބީލަމަށް ހުޅުވާލުން، ގެޒެޓުގައި ޢިއުލާން ކުރުން

2. 28 އަދި 30 ޖަނަވަރީ 2023 - ސައިޓު ބަލާލުން

3. 26 ޖަނަވަރީ އިން ފެށިގެން 6 ފެބްރުއަރީގެ ނިޔަލަށް: ސުވާލު އަދި އިތުރު މައުލޫމާތު ސާފު ކުރުމުގެ ފުރުސަތު.

4. 07 ފެބްރުއަރީ 2023: ބީލަންތައް ހުށަހެޅުމާއި ހުޅުވުން

މި ބީލަމުގައި ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުން ވެސް ބައިވެރިވެވޭނެއެވެ.

ބީލަންތައް ހުށަހަޅާނީ އެކުންފުނީގެ ކައުންޓަރަށެވެ. އަދި ބީލަންތައް ހުޅުވާނީ ބީލަމުގައި ބީލަންތައް ހުށަހެޅި ހުރިހާ ފަރާތްތަކެއްގެ ހާޒިރުގައި، އެކުންފުނީގެ ހެޑް އޮފީހުގައެވެ. މި ބީލަމަށް ހުށަހެޅޭ ބީލަންތަކުގެ ވެލިޑިޓީ 60 ދުވަހުގެ މުއްދަތަށް ހުންނަން ވާނެއެވެ.

comment ކޮމެންޓް