"ބިންވެރިޔާ" ސްކީމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން ދޫކުރާ 1،000 ގޯތި ދޫކުރާ ސަރަހައްދުގެ ބިން ސާފު ކުރުމުގެ އަމަލީ މަސައްކަތް އެޗްޑީސީން މިއަދު ފަށައިފިއެވެ.
އެ ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ދޫކުރާ ސަރަހައްދު ސާފުކުރުމުގެ އަމަލީ މަސައްކަތް އެޗްޑީސީން ފެށިއިރު މިއަދު ހެނދުނު ވަނީ އެ ސަރަހައްދު ނޫސްވެރިންނަށް ދައްކާލައިފައެވެ.
އެ ސަރަހައްދުގައި ހުންނަވައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް މިއަދު ވިދާޅުވީ ހުޅުމާލޭން ގޯތި ދޫކުރުމަކީ މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ލިބިގެންދާނެ ހައްލެއް ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި ބިން ސާފުކުރުމުގެ މަސައްކަތް ދެ ހަފުތާގެ ތެރޭގައި ނިންމާލެވޭނެއެވެ.
"އަޅުގަނޑުމެންނަށް ހަވާލުކުރެވިފައިވާ މަސައްކަތް އަޅުގަނޑުމެން މިއަދު މި ފެށީ. އެޗްޑީސީގެ މަސައްކަތަކީ ގޯތި ދޫކުރަން ކަނޑައެޅިފައިވާ ބިން ސާފުކޮށް އިން ޖަހައި ކަޑަ ޖަހައި ކަންތައް ކުރުން،" އާތިފް ވިދާޅުވިއެވެ.

"ބިންވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކުރާ 1،000 ގޯތި ދޫކުރާ ސަރަހައްދުގެ ބިން ސާފު ކުރުމުގެ ތެރެއިން --- ސަން ފޮޓޯ/ އާދަމް ނިޝާމް
އެކަމާ ގުޅިގެން ޕްލޭނިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް މިއަދު ވިދާޅުވީ ހުޅުމާލޭން ގޯތި ދޫކުރުމަށް ދެވަނަ ފިޔަވަހިން 1.2 މިލިއަން އަކަފޫޓުގެ ބިން އެޗްޑީސީން ހައުސިން މިނިސްޓްރީއަށް ހަމަޖައްސައިދީފައިވާ ކަމަށެވެ.
އެ ބިންތައް ބެހިގެން ދާނީ 62 ސަރަހައްދެއްގައި ކަމަށާއި ހުޅުމާލޭގައި ވަރަށް ގިނަ ތަރައްގީގެ މަޝްރޫއުތައް ހިންގާ އިރު ބައެއް ކަހަލަ ސްޓޯރޭޖު ބޭނުމަށް ބިންތައް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމުތައް އިވެލުއޭޓުކޮށް ނިމޭއިރު ބިންތައް ސާފުކޮށް ނިމޭނެ. ޓާގެޓް މި ކުރަނީ މާޗު މަހު ފޯމުތައް އިވެލުއޭޓުކޮށް ނިންމާލެވޭނެ ކަމަށް. ބިންތައް ލިބޭ ފަރާތްތައް ކަނޑައެޅުމާ އެކު ވަގުތުން ވަގުތަށް ކަޑަޖަހާ އިން ވަކިކޮށް ހަވާލުކުރެވޭ ވަރަށް ތަން ސާފު ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ،" އާރިފް ވިދާޅުވިއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ އެންމެެ ކުޑަ ގޯތިތަކުގައި ވެސް 1،250 އަކަފޫޓު ހުންނާނެއެވެ. އަދި ބިންތަކުގެ އިން ކަނޑައަޅާނީ އެއަށް ވުރެ ކުޑަ ނުވާނެހެންނެވެ.
"ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ އާއި ގުޅީފަޅުންނެވެ. މި ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ 3.7 މިލިއަން އަކަފޫޓެވެ.
މިނިސްޓްރީން ބުނެފައި ވަނީ، ދޫކުރާ ގޯތީގެ އަދަދު ކަނޑައަޅާނީ ގޯތި ދިނުމަށް ހޮވާ ވަކި ވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުމަށް ފަހު ކަމަށެވެ.