މިދިޔަ ހޯމަ ދުވަހުގެ ހެނދުނު ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނިކޮށް މަރުވުމުން، އޭނާއާ ހަވާލުވާނެ މީހެއް ނެތިގެން މާލެ ފޮނުވާލި ބިދޭސީ މީހާ މިވަގުތު އޮތީ މޯޗަރީގައި ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
އުނގޫފާރު ހޮސްޕިޓަލުގައި ފަރުވާދެނިކޮށް މަރުވީ ރ. މީދޫން ހާލުބޮޑުވެގެން އުނގޫފާރު ހޮސްޕިޓަލަށް ގެނައި ބިދޭސީއެކެވެ. އޭނާ އަކީ ބަނގްލަދޭޝްއަށް ނިސްބަތްވާ 33 އަހަރުގެ ފިރިހެނެއް ކަމަށް މީގެ ކުރިން ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން މިއަދު ބުނީ، އޭނާގެ ހަށިގަނޑާމެދު ކަންތައް ކުރާނެ ގޮތެއް ހޯދުމަށް ކަމާ ގުޅުންހުރި އިދާރާތަކާ މިހާރު ދަނީ މަޝްވަރާ ކުރަމުން ކަމަށެވެ. މިކަމާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އޭނާ މަރުވިކަމުގެ ރިޕޯޓު ފުލުހަށް ލިބިފައި ވަނީ، އެދުވަހު ހެނދުނު 11:46 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އޭނާއާ ހަވާލުވާނެ ފަރާތެއް ނެތުމުން އެރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށުން ހަށިގަނޑު މާލެ ގެނައެވެ.
ފަރުވާދެނިކޮށް މަރުވި ބިދޭސީ މީހަކީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުނު ބިދޭސީއެއްކަމަށް ވެސް އަޑު ފެތުރިފައި ވެއެވެ. ނަމަވެސް އެކަން ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.