ގާނުނުގައި ބުނާ މުއްދަތު ހަމަވި ނަމަވެސް މުސްއަބުގެ މައްސަލަ ސުޕްރީމް ކޯޓުން ބެލޭނެ ކަމަށް ނިންމައިފި

އިސްލާމިކް މިނިސްޓްރީގައި އޮތް ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ (ކ) -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުން ވަކިކުރި މުސްއަބު އަބްދުالله ގެ މައްސަލަ, އިސްތިއުނާފީ މައްސަލަތައް ހުށަހެޅުމަށް ގާނޫނުގައި ބުނެފައިވާ މުއްދަތު ހަމަވި ފަހުން, ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް އެ މައްސަލަ ކުރިއަށް ގެންދާނެ ކަމަށް އެ ކޯޓުން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް މުސްއަބު އައްޔަން ކުރީ 25 ޖުލައި 2017ގައެވެ. މަގާމުގައި ހުންނަވަނިކޮށް، މުސްއަބާ ދެކޮޅަށް ސިވިލް ސާވިސް ކޮމިޝަނަށް ހުށަހެޅި ހަތަރު މައްސަލައަކާ ގުޅިގެން އޭނާ ސަސްޕެންޑު ކުރީ 29 މެއި 2019ގަ އެވެ.

މުސްއަބާ ދެކޮޅަށް ހުށަހެޅި މައްސަލަތައް ބަލައި ސިވިލް ސާވިސްގެ ގާނޫނާއި، ސިވިލް ސާވިސްގެ ގަވައިދާއި، ސިވިލް ސާވިސްގެ ކޯޑް އޮފް ކޮންޑަކްޓާ އޭނާ ޚިލާފުވެފައިވާ ކަމަށް ބުނެ އޭނާ މަގާމުން ވަކި ކުރީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

މުސްއަބު އެ މަގާމުން ވަކިކުރި މައްސަލާގައި އޭނާއަށް ބަދަލު ދޭން ހައި ކޯޓުން ހުކުމް ކުރީ މިދިޔަ އޮގަސްޓް މަހުއެވެ. އެ ސީއެސްސީ އިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ.

މަދަނީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ލިބޭތާ 30 ދުވަސް ތެރޭގައި އިސްތިއުނާފަށް ހުށަހަޅަން ޖެހޭނެއެވެ. އެނގިފައިވާ ގޮތުގައި އެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ހައި ކޯޓުން ދޫކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. ސީއެސްސީން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ.

މުސްއަބުގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދުނީ އިސްތިއުނާފީ މުއްދަތު ހަމަވި ފަހުން ސީއެސްސީން އެ މައްސަލަ ހުށަހަޅާފައި އޮތްކަމަށް ބުނެ މައްސަލަ ކޯޓުން ބޭރުކޮށްލުމަށެވެ.

މައްސަލަ ހުށަހަޅާފައިވަނީ ގާނޫނުގައި ބުނާ އުސޫލުގެ ދަށުން މުއްދަތު ފަހަނައަޅައި ދިޔަފަހުން ކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ދެކޭ ކަމަށް ރިޔާސަތުގައި އިންނެވި ފަނޑިޔާރު އައިސާ ޝުޖޫން މުހައްމަދު ވިދާޅުވިއެވެ.

ނަމަވެސް އެ މައްސަލަ ބަލައިގަނެފައިވަނީ ސުޕްރީމް ކޯޓުން މުއްދަތު ގުނުމުގައި ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް ގުނަމުން ގޮސްފައިވާތީ ކަމަށް ޝުޖޫން ވިދާޅުވިއެވެ. އަދި އެއީ މިހާތަނަށް ސުޕްރީމް ކޯޓުން އަމަލުކުރަމުންދާ ގޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ސުޕްރީމް ކޯޓުން މިފަދައިން އަމަލު ކުރަމުން ގޮސްފައިވުމުގެ ސަބަބުން މި ކޯޓަށް މައްސަލަ އިސްތިއުނާފް ކުރާ ފަރާތްތަކުން އެކަމުގެ މައްޗަށް ބަރޯސާވެ އެގޮތުގެ މަތިން ކަންކަން ތަރުތީބުކޮށްފައިވާތީ ސުޕްރީމް ކޯޓުން ކަންކުރާ ގޮތުން އިސްތިއުނާފް ކުރާ ފަރާތުގެ އިސްތިއުނާފް ކުރުމުގެ ހައްގަށް އުނިކަން ލިބޭފަދައިން މި ނުކުތާގައި ނިންމުމަކީ އަދުލުވެރި ގޮތެއްކަމުގައި ނުވާނެތީ މައްސަލަ ބާތިލު ނުކުރަން މައްސަލަ ބަލާ ފަނޑިޔާރުންގެ އިއްތިފާގުވޭ," ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ.

އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއެވެ.

މި މައްސަލައިގައި އެގޮތަށް ނިންމި ނަމަވެސް މިފަދަ ހާލަތެއް މެދުވެރިވެފައި ނުވާ އެހެން ހުރިހާ މައްސަލަތަކެއްގައި އެހަމައިން އަމަލުކުރުމަށް ހުޅުވޭ ދޮރެއް ކަމުގައި ބެލިގެންވާނެ ކަމަށް ނުފެންނާތީ އެކަން ވަނީ ފަނޑިޔާރު ޝުޖޫން ފާހަގަކުރައްވާފައެވެ. އަދި އެކަމާ ގުޅޭ ގޮތުން ނިންމި ނިންމުން އެ މައްސަލައިގެ ހުކުމުގައި ހިމަނާނެ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ.

ބަދަލުގެ ގޮތުގައި މުސްއަބު އަބްދުالله އަށް, ތިން ދުވަސް ތެރޭގައި 1.1 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން މީގެ ކުރިން އަމުރު ކުރި ނަމަވެސް ސީއެސްސީން ވަނީ އެ އަމުރަށް ތަބާނުވެފައެވެ. އަދި އޭގެ ދުވަސްތަކެއް ފަހުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު މުސްއަބަށް ބަދަލު ދިނުން މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން އޮތީ ވަގުތީ އަމުރެއް ނެރެފައެވެ.

comment ކޮމެންޓް