ބައެއް އެޕްތަކުން ފޯނުގެ ބެޓެރީ އަވަހަށް ހުސްކޮށްލާކަން އެނގޭތަ؟

އާންމުކޮށް ބޭނުންކުރާ ބައެއް އެޕްތަކުގެ ސަބަބުން މޯބައިލް ފޯނުގެ ބެޓެރީ އާދަޔާ ޚިލާފަށް އަވަހަށް ހުސްވާކަން ދާދިފަހުން ހެދި ދިރާސާއަކުން ދައްކައިފިއެވެ.

ރިސާޗް ފާމެއް ކަމަށްވާ "ޕީކްލައުޑް"އިން ވަނީ އެ މީހުންގެ މި ދިރާސާއަށް ފަހު، ބެޓެރީގެ ހަކަތަ އެންމެ ގިނައިން ބޭނުންކުރާ އެޕްލިކޭޝަންތަކުގެ ލިސްޓެއް އެކުލަވާލައިފައެވެ. އެ ފާމުން ބުނާގޮތުގައި މި އެޕްލިކޭޝަންތަކަކީ ކިތަންމެ މޮޅު އަދި ބޭނުންތެރި އެޕްތަކެއް ނަމަވެސް، އެ އެޕްތަކުގެ ސަބަބުން ބެޓެރީ ލައިފްއަށް ވަރަށް ބޮޑަށް އަސަރު ކުރެއެވެ.

އެގޮތުން އެ ފާމުން އެކުލަވާލި ލިސްޓްގައި ފިޓްބިޓް، އުބާ، ސްކައިޕް، ފޭސްބުކް، އެއާބީއެންބީ، އިންސްޓަގްރާމް، ޓިންޑާ، ބަމްބަލް، ސްނެޕްޗެޓް އަދި ވަޓްސްއެޕް ފަދަ މަޝްހޫރު ގިނަ އެޕްލިކޭޝަންތަކެއް ހިމެނޭއިރު، އެފަދަ އެޕްތައް ނުހުޅުވައި ހުއްޓަސް ހަކަތަ ބޭނުންކުރަމުން ދާކަމަށް އެދިރާސާއިން ވަނީ ދައްކާފައެވެ.

ޕީކްލައުޑުން ހެދި މި ދިރާސާގައި އައިއޯއެސް އާއި އެންޑްރޮއިޑް ޑިވައިސްތަކުގައި 1،000 އަށް ވުރެ ގިނަ އެޕްލިކޭޝަންއިން ބެޓެރީ ބޭނުންކުރާ މިންވަރު އެނަލައިޒްކޮށް، މި އެޕްލިކޭޝަންތަކުގެ ސަބަބުން ބެޓެރީ ލައިފަށް ވަރަށް ބޮޑު އަސަރެއް ކުރާކަން ވަނީ ފާހަގަކޮށްފައެވެ.

މި ދިރާސާއިން ދައްކާ ގޮތުގައި އެނަލައިޒްކުރި ހުރިހާ އެޕްލިކޭޝަނެއްގެ ތެރެއިން ބެޓެރީ ލައިފަށް އެންމެ ބޮޑު އަސަރެއް ކޮށްފައި ވަނީ މަޝްހޫރު ފިޓްނަސް ޓްރެކިން އެޕްލިކޭޝަނެއް ކަމަށްވާ ފިޓްބިޓް އިންނެވެ. އޭގެ ފަހުން އުބާ އާއި ސްކައިޕް ހިމެނެއެވެ. ފޭސްބުކް، އެއާބީއެންބީ، އިންސްޓަގްރާމް އަދި ޓިންޑާގެ ސަބަބުން ވެސް ބެޓެރީ ލައިފަށް ވަރަށް ބޮޑު އަސަރެއް ކުރާކަން ފާހަގަކުރެވިފައިވާ އިރު، އެ އެޕްލިކޭޝަންތައް ބޭނުންކުރުމުގެ ސަބަބުން ބެޓެރީގެ އިންސައްތަ ވަނީ ވަރަށް ބޮޑަށް ދަށަށްވެސް ގޮސްފައެވެ.

ސްނެޕްޗެޓާއި ވަޓްސްއެޕް ފަދަ ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކުގެ ސަބަބުން ވެސް ބެޓެރީ ލައިފަށް ވަރަށް ބޮޑު އަސަރެއް ކޮށްފައިވާ އިރު، އެ އެޕްލިކޭޝަންތައް ބޭނުންކުރުމުގެ ސަބަބުން ބެޓެރީގެ ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ.

އެ ދިރާސާގެ ލިޔުންތެރިން ފާހަގަކުރި ގޮތުގައި މި އެޕްލިކޭޝަންތައް ބޭނުން ނުކުރާ އިރުވެސް ބެކްގްރައުންޑްގައި ރަންކުރުމުގެ ސަބަބުން ބެޓެރީ ބޭނުންކުރާ މިންވަރު އިތުރުވެދާނެއެވެ. އަދި ޖީޕީއެސް އާއި ޕުޝް ނޮޓިފިކޭޝަން ފަދަ ލޮކޭޝަން ބޭސްޑް ޚިދުމަތްތައް ބޭނުންކުރުމުން ވެސް ބެޓެރީގެ ލައިފަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަން އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ދިރާސާ ބިނާވެފައި ވަނީ ވަކި ޑޭޓާސެޓަކާއި ސާމްޕަލް ސައިޒެއްގެ މައްޗަށް ކަމަށްވާއިރު، އެ މީހަކު ބޭނުންކުރާ ޑިވައިސް އާއި ސެޓިން އާއި އެމީހެއްގެ އާދަތަކަށް ބެލުމަށްފަހު ބެޓެރީ ބޭނުން ކުރާ މިންވަރު ތަފާތުވެދާނެ ކަމެވެ. ނަމަވެސް އަބަދުވެސް ބެޓެރީ ބޭނުންކުރާ ގޮތް ބެލުމާއި، ބެޓެރީ ބޮޑަށް ބޭނުންކުރާ ކަމަށް ބެލެވޭ އެޕްތައް ބަންދުކުރުން ނުވަތަ ޑިލީޓްކުރުމަށް ވިސްނާލުން ރަނގަޅެވެ. ބެޓެރީގެ އުމުރު އިތުރުކުރުމަށް އެހީތެރިވުމުގެ ގޮތުން ޕުޝް ނޮޓިފިކޭޝަން ޑިސެބަލް ކުރުން ނުވަތަ ސްކްރީން ބްރައިޓްނެސް ދަށްކުރުން ފަދަ ފިޔަވަޅުތައް އެޅިދާނެއެވެ.

comment ކޮމެންޓް