މައިކްރޯސޮފްޓަށް ދެވަނަ ކުއާޓަރުގައި 52.7 ބިލިއަން ޑޮލަރުގެ ބޮޑު އާމްދަނީއެއް

މައިކްރޯސޮފްޓަށް ދެވަނަ ކުއާޓަރުގައި ވަނީ 52.7 ބިލިއަން ޑޮލަރުގެ ބޮޑު އާމްދަނީއެއް ލިބިފަ --

މައިކްރޮސޮފްޓަށް މި އަހަރުގެ ދެވަނަ ފިސްކަލް ކުއާޓަރުގައި އާމްދަނީގެ ގޮތުގައި، ރެކޯޑް މިންވަރެއް ކަމަށްވާ 52.7 ބިލިއަން ޑޮލަރު ލިބިއްޖެއެވެ.

މައިކްރޯސޮފްޓްގެ ސީއީއޯ ސަތިޔާ ނަޑެއްލާ، މި ކުއާޓަރުގެ ރަނގަޅު ނަތީޖާތަކަށް އަލިއަޅުއްވާލައްވައި ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މި ވަރުގަދަ ނަތީޖާއިން ދައްކުވައިދެނީ ކޮންމެ ސިނާއަތެއްގައި ވެސް ފާހަގަކޮށްލެވޭ ކުންފުނިތަކާއެކު މައިކްރޮސޮފްޓުން އުފައްދާފައިވާ ޕާޓްނާޝިޕްތަކުގެ ހަރުދަނާކަން ކަމަށެވެ.

މި ކުއާޓަރުގައި މައިކްރޯސޮފްޓްގެ އަޒޫރު ކްލައުޑް ކޮމްޕިއުޓިން ޑިވިޝަނަށް ލިބުނު އާމްދަނީ 50 ޕަސެންޓް އިތުރުވެފައިވާއިރު ލިންކްޑްއިންގެ އާމްދަނީ ވެސް ވަނީ އިތުރުވެފައެވެ. އެ ކުންފުނީގެ ސާފޭސްގެ އާމްދަނީ 12 ޕަސެންޓް އަދި ވިންޑޯޒް ކޮމާޝަލް ޕްރޮޑަކްޓްސް އާއި ކްލައުޑް ސާވިސަސްގެ އާމްދަނީ ވަނީ އަށް ޕަސެންޓް އިތުރުވެފައެވެ.

މައިކްރޯސޮފްޓަށް ރެކޯޑް އާމްދަނީއެއް ލިބުނު ނަމަވެސް އެ ކުންފުނިން ވަނީ އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިން ޑިވިޝަންތަކުގައި މަސައްކަތް ކުރާ 10،000 މުވައްޒަފުން ވަޒީފާއިން ވަކިކުރަން އުޅޭކަން އިއުލާންކޮށްފައެވެ.

އެ މުވައްޒަފުން ވަޒީފާއިން ވަކިކުރާ އެއް ސަބަބުގެ ގޮތުގައި މައިކްރޯސޮފްޓުން ފާހަގަކޮށްފައި ވަނީ ޚަރަދުތައް ކުޑަކުރުމެވެ. ނަމަވެސް އެ ފިޔަވަޅާ ގުޅިގެން އެ ކުންފުންޏަށް ފާޑުކިޔުން އަމާޒުވެ, އޭގެ ސަބަބުން މުވައްޒަފުންނަށް ކުރާ ނޭދެވޭ އަސަރުތަކަށް ހައްލެއް ހޯދައިދިނުމަށް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.

މައިކްރޯސޮފްޓަކީ 1975 ވަނަ އަހަރު ބިލް ގޭޓްސް އާއި ޕޯލް އެލެން އުފެއްދި ޓެކްނޮލޮޖީ ކުންފުންޏެކެވެ. އެ ކުންފުނި ފެށީ، ޕާސަނަލް ކޮމްޕިއުޓަރުތަކުގެ ތެރޭގައި ހިމެނޭ އަލްޓެއާ 8800 އަށް ކޮމްޕިއުޓަރު ސޮފްޓްވެއާ ތަރައްގީކޮށް ވިއްކުމުގެ ކުޑަ ވިޔަފާރިއެއްގެ ގޮތުގައެވެ.

އޭގެ ފަހުން، 1990ގެ އަހަރުތަކުގައި މައިކްރޮސޮފްޓުން ވަނީ އެ ކުންފުނީގެ އުފެއްދުންތައް އިތުރުކޮށް، އޮފީސް ސޮފްޓްވެއާ، ވެބް ބްރައުޒާ އަދި ވީޑިއޯ ގޭމްތައް އުފައްދާފައެވެ. ޕާސަނަލް ކޮމްޕިއުޓަރު މާކެޓުގައި އެ ކުންފުންޏަށް ލިބުނު ކާމިޔާބީގެ ސަބަބުން ދުނިޔޭގެ އެންމެ އަގުބޮޑު އެއް ކުންފުންޏަށްވެ، ވިންޑޯޒް، އޮފީސް، ސާފޭސް، އެކްސްބޮކްސް، ލިންކްޑްއިން، ޓީމްސް، ޑައިނަމިކްސް 365 އަދި އަޒޫރު ފަދަ އުފެއްދުންތަކާއި ޚިދުމަތްތަކާއެކު މިއަދުވެސް ޓެކްނޮލޮޖީ އިންޑަސްޓްރީގައި އެ ކުންފުންޏަކީ ބޮޑު ހިއްސާއެއް އަދާކުރަމުން އަންނަ ކުންފުންޏެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު