އިމްރާން ޚާންގެ ޕީޓީއައިގެ ނައިބު ރައީސް ހައްޔަރުކޮށްފި

ޕާކިސްތާނުގެ ކުރީގެ ފެޑެރަލް މިނިސްޓަރު އަދި މިހާރުގެ ޕީޓީއައި ޕާޓީއަށް ނިސްބަތްވާ އިސް ސިޔާސީ ބޭފުޅެއް ކަމަށްވާ، ފަވާދު ޗައުދަރީ -- ފޮޓޯ/ ރޮއިޓާސް

ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންނަށް ހަމަލާ ދޭން ބާރުއެޅި ކަމަށް ތުހުމަތުކޮށް، އެގައުމުގެ އިދިކޮޅު ތަހުރީކީ އިންސާފު ޕާޓީ (ޕީޓީއައި)ގެ ނައިބު ރައީސް ހައްޔަރުކޮށްފިއެވެ.

ޕާކިސްތާނުގެ ކުރީގެ ފެޑެރަލް މިނިސްޓަރެއް ކަމަށްވާ ފަވާދު ހައްޔަރުކުރުމާ ބެހޭ ގޮތުން އެގައުމުގެ ފުލުހުން ބުނީ އޭނާ ވަނީ އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުންނާއި އެމީހުންގެ އާއިލާގެ މެމްބަރުންނަށް "އިންޒާރުދީ ފުރައްސާރަ"ކޮށްފައި ކަމަށެވެ. އަދި އޭނާ ވަނީ ގައުމީ މުއައްސަސާތަކުގެ މެދުގައި ތަފާތުތަކާއި މައްސަލަތައް އުފެއްދުމަށް މަސައްކަތް ކޮށްފައި ކަމަށާއި އޭގެ ބޭނުމަކީ އެ މުއައްސަސާތަކުގައާއި އާންމުންގެ މެދުގައި ނަފުރަތު އުފެއްދުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފަވާދު ހައްޔަރުކުރީ ޕީޓީއައިގެ ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އިސްކޮށް ހުންނަވައިގެން އެ ޕާޓީން އެގައުމުގެ އިލެކްޝަންސް ކޮމިޝަނަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގައި ހުންނެވި ޚާންއަށް އިތުބާރު އޮތްތޯ ބެލުމަށް މިދިޔަ އޭޕްރިލް މަހު ޕާލިމެންޓުގައި ނެގި ވޯޓަކުން އޭނާ ނާކާމިޔާބުވިއެވެ. އެއާއެކު އޭނާއަށް މަގާމު ގެއްލުނު ފަހުން ޚާން ގެންދަވަނީ އެގައުމުގައި ވީހާވެސް އަވަހަކަށް އާންމު އިންތިޚާބެއް ބޭއްވުމަށް ސަރުކާރަށް މަޖުބޫރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އޭގެ ތެރެއިން ޚާން ކުރެއްވި އެއް ކަމަކީ، ޕީޓީއައިގެ އަޣުލަބިއްޔަތު އޮންނަ ދެ ސްޓޭޓެއްގެ ގާނޫނު ހަދާ މަޖިލީސް އުވާލެއްވުމެވެ. އެއި ޕަންޖާބާއި ޚައިބަރު ޕަޚްތުންކަވާގައެވެ.

ޕާކިސްތާނުގައި އާންމުކޮށް ވަކި ޕްރޮވިންސްތަކުގެ ގާނޫނު ހަދާ މަޖިލީހަށް މެންބަރުން އައްޔަން ކުރުމަށާއި ގާއުމީ އާންމު އިންތިޚާބުވެސް ބާއްވަނީ އެއްކޮށް ކަމުން، ޕީޓީއައިއިން އުއްމީދު ކުރީ ދެ ޕްރޮވިންސެއްގެ ގޮނޑިތައް ހުސްވުމުން އާންމު އިންތިޚާބަކަށް ދާނެ ކަމަށެވެ.

ނަމަވެސް އާންމު އިންތިޚާބެއް ބޭއްވުމުގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ޕަންޖާބަށް ވަގުތީ ޗީފް މިނިސްޓަރެއްގެ ގޮތުގައި މަހުޖަނެއް ކަމަށްވާ މުހްސިން ނަގުވީ އައްޔަންކޮށްފައެވެ.

އެ ނިންމުމާ ގުޅިގެން ޕީޓީއައިއިން އެ ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. އެގޮތުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަވާދު ވަނީ އިލެކްޝަންސްއިން އަމަލު ކުރަނީ ސަރުކާރުން ބުނާ ގޮތަކަަށް ކަމަށް ތުހުމަތުކޮށްފައެވެ. އަދި އެ ކޮމިޝަންގެ މެންބަރުންނަކީ އެހާ ބާރެއް ނެތް ބަޔެއް ކަމަށްވާ ނަމަ އެ މީހުން ގެޔަށް ދިޔުމަށް އޭނާ ގޮވާލެއްވިއެވެ. އަދި ޕީޓީއައިއިން އެ އޮފިޝަލުން ހޯދައި އެ މީހުންނަށް އަދަބު ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް