ހުޅުމާލޭގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ, އުމުރުން ދުވަސްވީ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒު ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުވާލައިފިއެވެ.
މިހާރު ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ މަރުކަޒު ހިންގަމުން އަންނަނީ ކ. ގުރައިދޫގައެވެ. އެ މަރުކަޒުގެ ހާލަތު ދަށްވެ އެތަން އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އައި ނަމަވެސް، މިހާތަނަށް އެތަނުގައި ތިބި މީހުންނަށް އެންމެ ބޭނުންވާ ކަންކަން ގާއިމްކޮށް ޚިދުމަތް ދިނުމުގައި ބައިވަރު ހުރަސްތައް ވަނީ ކުރިމަތިވެފައެވެ.
މާލެއާއި އެހެނިހެން ސަރަހައްދުތަކުގައި އެފަދަ މަރުކަޒުތަކެއް އެޅުމަށް ސަރުކާރުން ރާވާފައިވެއެވެ. އެގޮތުގެ މަތީން، އެންމެ ޒަމާނީ ވަސީލަތްތަކާއެކު އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުން ބެލުމަށް ޚާއްސަ މަރުކަޒެއް ހުޅުމާލޭގައި ގާއިމްކުރުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ.
އެޗްޑީސީން ބުނީ މި މަރުކަޒު ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ވިޔަފާރި އުސޫލުން، ލޭންޑް ލީސް މޮޑަލްއަކަށް ކަމަށެވެ. މަރުކަޒުގައި ހުންނަން ޖެހޭނެ ޝަރުތުތަކުގެ ތެރޭގައި، އެމަރުކަޒަށް ޚާއްސަ ޕާކިން އާއި، ޚިދުމަތްތައް ދިނުމަށް ބޭނުންވާ ސަރަޙައްދުތަކުގެ ޕްލޭނިން އާއި، ހުރިހާ އެންމެނަށްވެސް ވަދެނިކުތުމުގައި ފަސޭހަ ގޮތަކަށް ޑިޒައިންކުރުމާއި، މަރުކަޒުގައި އުފެދޭ ކުނި ނައްތާލުމުގެ އިންތިޒާމު ހިމެނެއެވެ.
މި މަރުކަޒު ގާއިމް ކުރުމަށް ނިންމާފައި ވަނީ މިހާރު އާބާދުވަމުން އަންނަ ހުޅުމާލޭ ދެވަނަ ފިޔަވަހީގައެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ކުރީން އީމެއިލް މެދުވެރިކޮށް ނުވަތަ އެޗްޑީސީއަށް އެޑްރެސްކޮށް ޕްރޮޕޯސަލްތައް ހުށައެޅުމުގެ ފުރުސަތު އެކޯޕަރޭޝަނުން ވަނީ ހުޅުވާލާފައެވެ.
ގުރައިދޫގައި މިފަދަ މަރުކަޒެއް ހުޅުވުމަށްފަހު، މި މަރުކަޒު ވެގެންދާނީ ރާއްޖޭގައި ގާއިމްކުރާ އެފަދަ ދެވަނަ މަރުކަޒަށެވެ.