އުރީދޫގެ ފެހި ކަލަންޑަރު ލޯންޗުކޮށްފި

އުރީދޫ މޯލްޑިވްސްއިން އެ ކުންފުނީގެ 2023 ވަނަ އަހަރުގެ ކަލަންޑަރު ލޯންޗުކޮށްފިއެވެ.

މިއަދު ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ހަފުލާއެއްގައި މި ކަލެންޑަރު ލޯންޗުކޮށްދިނީ އެކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒެވެ.

އުރީދޫއިން މި ފަހަރު ލޯންޗުކުރި ކަލެންޑަރަކީ ވަރަށް ފެހި ކަލެންޑަރެކެވެ. ތަފާތު 12 ގަހަކަށް ޚާއްސަކޮށްފައިވާ އިރު އޭގެ ތެރޭގައި ފިނިފެންމާ، ކަރާ އަދި ގިތެޔޮ މިރުސް ހިމެނެއެވެ. އޭގެ ތެރެއިން ކޮންމެ މަހަކަށް ޚާއްސަ ކޮށްފައިވާ މާ ގަހުގެ އޮށާއި، ގަސް އިންދުމަށް 12 ގަސް ޕޮޓުވެސް ކަލަންޑަރާއެކު ލިބެއެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ކަލަންޑަރުގައިވެސް އޯގްމެންޓެޑް ރިއާލިޓީ (އޭއާރް) ފީޗާ ވަނީ ހިމަނާފައެވެ. އެގޮތުން ސްނެޕްޗެޓް ފިލްޓާއެއް ބޭނުންކޮށްގެން، ކަލަންޑަރުގައި ކުރަހާފައިވާ މާތައް 3ޑީކޮށް ފެންނާނެއެވެ.

އުރީދޫގެ ކަލަންޑަރު: މިއަހަރު ވެސް އޭއާރް ފީޗާ ހިމަނާފައިވޭ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

މި ހަފުލާގައި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު ވިދާޅުވީ އުރީދޫ މޯލްޑިވްސްގެ ކަލަންޑަރު ބިނާކޮށްފައިވަނީ ރާއްޖޭގައި ޢާންމުކޮށް ގެންގުޅޭ ބާރަ މަލަކަށް ފޯކަސް ކޮށްފައި ކަމަށެވެ. އަދި މިއަހަރުގެ ކަލަންޑަރުގައި ހިމަނާފައިވާ އޭއާރް ފީޗާ އެހެން އަހަރުތަކަށް ވުރެ ރަނގަޅު ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ހަފުލާގައި އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަހާ ގުޅިގެން "ގްރޯ ވިތު އުރީދޫ" ގެ ނަމުގައި ޚާއްސަ ކެމްޕެއިނެއް ވެސް ވަނީ ލޯންޗުކޮށްފައެވެ. މި ކެމްޕެއިނުގެ ބްރޭންޑް އެމްބެސެޑަރު ކަމަށް ހަމަޖެއްސީ ރާއްޖޭގެ މަޝްހޫރު "ޒުވާން ދަނޑުވެރިޔާ" އަބްދުﷲ ރަމްޒީއެވެ.

ގްރޯ ވިތު އުރީދޫގެ އެމްބެސެޑަރަކަށް ހަމަޖެއްސި ޒުވާން ދަނޑުވެރިޔާ ރަމްޒީ

މި ކެމްޕެއިނުގެ ދަށުން އުރީދޫ މޯލްޑިވްސް އިން އެކި ތަފާތު ހަރަކާތްތައް މި އަހަރު ތެރޭގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް