ކަރަންޓު ކެނޑުނުތާ ތިން ދުވަސްވީއިރު ވެސް ޕާކިސްތާނުގެ ސިޓީތަކަށް އެއްކޮށް ކަރަންޓް ނުދެވޭ

ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދު

އިސްލާމްއާބާދު (25 ޖަނަވަރީ 2023): ޕާކިސްތާނަށް ކަރަންޓު ފޯރުކޮށްދޭ މައި ގްރިޑަށް ދިމާވި ފަންނީ މައްސަލައަކާ ގުޅިގެން މިދިޔަ ހޯމަދުވަހު ޕާކިސްތާނުގެ ގިނަ ސިޓީތަކާއި ގިނަ ޓައުންތަކާއި ވިލެޖްތަކުން ކަރަންޓް ކަނޑައިގެންދިޔަ މައްސަލަ ހައްލުކުރަން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން ދިޔަނަމަވެސް އަދިވެސް އެމައްސަލަ އެއްކޮށް ހައްލުނުވާ ކަމަށް އެގައުމުން ބުނެފިއެވެ.

ޕާކިސްތާނުގެ ހަކަތައާ ބެހޭ ވުޒާރާ ބުނާގޮތުން މި މަސައްކަތުން ވެރިރަށް އިސްލާމްއާބާދަށާއި ބިޝާވަރު ސިޓީގެ ގިނަ އަވަށްތަކަށް މިހާރުވަނީ ފުރިހަމައަށް ކަރަންޓް ފޯރުކޮށްދެވިފައެވެ. ޕާކިސްތާނުގެ އާބާދީ އެންމެ ބޮޑު ސިޓީކަމަށްވާ ކަމުގައިވާ ކަރާޗީއާއި އެހެން ސިޓީއެއްކަމަށްވާ ލާހޯރުގެ ގިނަ ސަރަހައްދުތަކަށް އަދިވެސް ކަރަންޓް ފޯރުކޮށް ނުދެވެއެވެ.

ކަރާޗީއަކީ 17 ވަރަކަށް މިލިޔަން މީހުންގެ އާބާދީއެއް ދރިއުޅޭ ސިޓީއެކެވެ. ލާހޯރުގައި ވެސް 12 ވަރަކަށް މިލިޔަންމީހުން ދިރިއުޅެއެވެ. މިދެސިޓީގެ ގިނަ އަވަށްތަކަށް އަދިވެސް ކަރަންޓް ނުލިބޭއިރު އެދެސިޓީގެ އާބާދީގެ ތެރެއިން 24 ވަރަކަށް މިލިޔަން މީހުން އަދިވެސްވަނީ ކަރަންޓުން މަހުރޫމް ވެފައެވެ. މިދެސިޓީގައި ކަރަންޓް ފޯރުކޮށްދެވިފައިވާ ސަރަހައްދުތަކުގައި އުޅޭކަމަށް ބެލެވިފައިވަނީ ގާތްގަނޑަކަށް ފަސް ވަރަކަށް މިލިޔަން މީހުންނެވެ.

ޕާކިސްތާނުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ކަރާޗީ

މިދިޔަ ހޯމަ ދުވަހު ޕާކިސްތާނުގެ ބޮޑުބަޔަކުން ކަރަންޓް ކަނޑައިގެން ދިޔުމުން މަގުމަތީގެ ޓްރެފިކް ލައިޓްތައްވެސް ވަނީ ނުދިއްލިއެވެ. މޯބައިލް ފޯނުގެ ޚިދުމަތަށް ބުރޫއަރާފައިވާއިރު ސްކޫލްތަކާއި ޔުނިވާސިޓީތައް ވަގުތީގޮތުން ބަންދުކުރަން ޖެހުނެވެ. ބައެއް ކުލިނިކްތައް ބަންދުކުރަން ޖެހުނު ނަމަވެސް ހޮސްޕިޓަލްތައް ބަންދުކޮށްފައެއް ނުވެއެވެ. ހޮސްޕިޓަލްތަކަށްވަނީ އެތަންތަނުގައިވާ އިމާޖެންސީ ޖަނަރޭޓަރުތައް ބޭނުންކޮށްގެން ކަރަންޓް ފޯރުކޮށްދީފައެވެ.

ފިހާރަތަކުގެ ވިޔަފާރިއަށްވެސް ވަރަށް ބޮޑަށް ބުރޫއެރިއެވެ. މަސްފަދަ ތަކެތި ރައްކާކުރާ ބިޔަ ކޯލްޑް ސްޓޯރޭޖްތައް ގެންގުޅޭ ވިޔަފާރިވެރިން ވެސް ވަނީ ގޮތްހުސްވެގެން އަގުހެޔޮކޮށް ތަކެތި ވިއްކައި ވަގުތީގޮތުން އެތަންތަން ހުސްކޮށްފައެވެ. އާންމު ފިހާރަތަކުގައިވާ ފްރިޖްތައް މަސައްްކަތް ނުކުރުމުން ފިނިކޮށްގެން ގެންގުޅޭތަކެތި ވަނީ ބާޒާރުން ހުސްވެފައެވެ.

ހޮޓާތަކާއި ގެސްޓްހައުސްތަކަށްވެސް ގޮތް ހުސްވިއެވެ. އޮފީސްތައްވެސް ބަންދުކުރަންޖެހުނެވެ. އާންމުންގެ ގެތަކުގައިވާ އައިސްއަލަމާރިތަކުގައި ރައްކާކޮށްފައި ހުރި ގިނަ ޢަދަދެއްގެ ކާބޯތަކެތި ހަލާކުވިއެވެ.

ޕާކިސްތާނަށް މިމައްސަލަ ކުރިމަތިވެފައިމިވަނީ ފިނިމޫސުމުގައެވެ. އެހެންކަމުން ގެތައް ހޫނުކުރުމަށް ބޭނުންކުރާ ހީޓަރުތައްވެސް ހުއްޓުމަކަށް އައިސް ގަދަފިނި ތަހައްމަލުކުރަން އާންމުންނަށްވަނީ ޖެހިފައެވެ. މީގެ އިތުރުން ކާރުޚާނާތަކާއި ސިނާއީ މަސައްކަތްތައް ކުރާ ތަންތަނުގެ މަސައްކަތްތައްވެސްވަނީ ހުއްޓުމަކަށް އައިސްފައެވެ. ނަމަވެސް މިހާރު ޕާކިސްތާނުގެ ބޮޑުބަޔަކަށް ވަނީ ކަރަންޓް ފޯރުކޮށްދީފައެވެ.

ޕާކިސްތާނަކީ ހަކަތައިގެ ދަތިކަން އިންތިހާއަށް އޮތް ގައުމެކެވެ. އެހެންކަމުން 220 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޕާކިސްތާނުގެ ރަށްފުށުގެ ބައެއް ސަރަހައްދުތަކަށް އެއްގޮތަކަށްވެސް ކަރަންޓްގެ ޚިދުމަތެއް ނުލިބެއެވެ. ކަރަންޓުގެ ޚިދުމަތަކީ ޕާކިސްތާނުގައި އިތުބާރުހުރި ގޮތެއްގައި ދެވޭ ޚިދުމަތަކަށް ނުވަނީވެސް ހަކަތައިގެ ދަތިކަމުންނެވެ.

ޕާކިސްތާނަށް ބޭނުންވާވަރާ ގާތަށްވެސް އެގައުމަށް ކަރަންޓް ނުއުފެއްދެއެވެ. ކޯރުތަކުގައި ޑޭމްތައް ހަދައިގެން ހައިޑްރޯ ޕަވާއިން ކަރަންޓް އުފެއްދިނަމަވެސް ޕާކިސްތާނަށް ބޭނުންވާ ކަރަންޓްގެ ބޮޑުބައި އުފައްދަނީ އިންޕޯޓްކުރާ ތެލުންނެވެ. ޕާކިސްތާން ގެންދަނީ ނިއުކްލިޔާ އިންޖީނުގެތައް ބިނާކޮށްގެންވެސް ކަރަންޓްގެ ބޮޑުބައެއް ކަވަރު ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިއީ ވަރަށް ބޮޑު އިންވެސްޓްމަންޓަކަށްވާތީ މިކަމަށް އެތައް އަހަރެއް އަދިވެސް ބޭނުންވެއެވެ. ނިއުކްލިޔާ ހަކަތައިން އުފައްދާ ކަރަންޓަކީ ވަރަށް އަގުހެޔޮ ކަރަންޓެކެވެ.

ހަކަތައިގެ މައްސަލަ ހައްލުކުރުމަށްޓަކައި އަވަށްޓެރި އީރާނުން ހޮޅި އަޅައިގެން ތެޔޮ އެތެރެކުރުމަށް ޕާކިސްތާނުން ކުރަމުން ގެންދާ މަސައްކަތްތައް އެމެރިކާގެ ހުރަސްއެޅުންތަކާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންވަނީ ކުރިޔަށް ގެންދެވޭގޮތް ނުވެފައެވެ. ހަކަތަ ލިބުން ދަތިވުމާއެކު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ ނުވަތަ ގިނަ ގިނައިން ކަރަންޓް ކަނޑައިގެން ދިޔުމަކީ ޕާކިސްތާނުގައި އާންމު ކަމެކެވެ.

ނަމަވެސް މިދިޔަ އާދީއްތަ ދުވަހު ޕާކިސްތާނަށް ކުރިމަތިވި ކަރަންޓްގެ މައްސަލައަކީ އާންމުކޮށް ކުރިމަތިވާ މައްސަލައެއް ނޫނެވެ. އެމައްސަލަ ކުރިމަތިވީ ކަރަންޓު ފޯރުކޮށްދޭ މައި ގްރިޑަށް ދިމާވި ފަންނީ މައްސަލައަކާ ގުޅިގެންކަން ޕާކިސްތާނުގެ ހަކަތައާބެހޭ ވުޒާރާއިންވަނީ ހާމަކޮށްފައެވެ.

ދެހާސް އެކާވީސް ވަނަ އަހަރުގެ ކުރީކޮޅުވެސް މުޅި ޕާކިސްތާނުން ކަރަންޓުގެ ޚިދުމަތް ކެނޑުމުގެ މައްސަލައެއް ވަނީ ކުރިމަތިވެފައެވެ. ނަމަވެސް އެފަހަރު ވަރަށް އަވަހަށް މައްސަލަ ވަނީ ހައްލުކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު