އަފްޣާން ނިކަމެތި ރައްޔިތުން ގަދަފިންޏާއި ސްނޯގެ ސަބަބުން މަރުވަނީ

އަފްޣާން ތުއްތުކުރިން ގަދަ ފިނީގައި

ކާބުލް (25 ޖަނަވަރީ 2023): އަފްޣާނިސްތާނުގައި ފިނި މޫސުމުގެ ބާރުގަދަވެ ބޯކޮށް ސްނޯ ވެހި ފިނީގެ ސަބަބުން އަފްޣާނިސްތާނުގައި ގިނަ އަދަދަކަށް މީހުން މަރުވަމުން އެބަދެއެވެ.

އަފްޣާނިސްތާނުގެ ޑިޒާސްޓާ މެނޭޖަމަންޓާބެހޭ ވުޒާރާ ބުނާގޮތުން ފިނީގެ ސަބަބުން މަރުވިކަމަށް ރިޕޯޓުކޮށްފައިވާ މީހުންގެ އަދަދު 130 އަށް އަރައެވެ. ނަމަވެސް މީގެ ދެގުނަ އަށް މީހުން މަރުވެފައިވުމަކީ އެކަށީގެންވާ ކަމެކެެވެ. މީހުންގެ އިތުރުން ފިނީގެ ސަބަބުން ގެރިބަކަރިފަދަ ޖަނަވާރުތައްވެސް ލައްކައިން މަރުވަމުންދާކަމުގެ ރިޕޯޓްތައް ލިބެމުންދާކަމަށް އެވުޒާރާއިން ބުނެއެވެ.

އަފްޣާން ތުއްތުކުދިން ގަދަ ފިނީގައި ވޭން ތަހައްމަލުކުރަނީ

އަފްޣާނިސްތާނަކީ ފިނި މޫސުމުގައި ވަރަށް ބޮޑަށް ފިނިވާ ގައުމެކެވެ. މައިނަސް އެކަކާއި ދިހައަކާ ދެމެދަށް ފިނިހޫނުމިން ދަށަށްދާ ގައުމެމެވެ. އަފްޣާނިސްތާނުގެ ފަރުބަދަމަތީގެ ސަރަހައްދުތަކަކީ ފިނި މޫސުމުގައި ވަރަށް ބޯކޮށް ސްނޯވެސް ފައިބާ ސަރަހައްދުތަކެކެވެ.

ފިނި މިހާގަދަނަމަވެސް އަފްޣާނިސްތާނަކީ ހަނގުރާމައިގާ ވީރާނާވެފައިވުމުގެ އިތުރުން ހަކަތައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ގައުމެކެވެ. ޒަމާނީ ވަސީލަތްތައްނެތް އަދި މަދަނީ އިންފްރާސްޓްރަކްޗާ ވަރަށް ބަލިކަށި ގައުމެކެވެ. އެެހެންކަމުން އަފްޣާން ރައްޔިތުން ފިނިމޫސުމުގައި ދިރިއުޅެންޖެހިފައިވަނީ ވަރަށް ވޭންދެނިވި ހާލަތެއްގައެވެ. ކޮންމެ އަހަރެއްގެ ފިނި މޫސުމުގައިވެސް އަފްޣާން އާންމުންގެ އެތަށް ސަތޭކަ ބަޔަކު ފިނީގެ ސަބަބުން މަރުވެއެވެ. އަދި ގެރިބަކަރިފަދަ ޖަނަވާރުތައްވެސް ލައްކައިން މަރުވާކަމަށްވެއެވެ.

އަފްޣާން އާންމުންނާއި ކުޑަކުދިން ގަދަ ފިނީގައި

އަފްޣާން މަސްޢޫލުވެރިން ވިދާޅުވާގޮތުގައި ބޯ ސްނޯގެ ވެހެމުގެ ސަބަބުން އެގައުމުގެ ރަށްފުށުގެ އެތަށް ސަރަހައްދުތަކެއްވަނީ އެކިހެރިވެފައެވެ. އެއީ ސްނޯގެ ސަބަބުން އެތަންތަނަށް ދަތުރުކުރެވޭނެ މަގުތައް ބަންދުވެފައިވާތީއެވެ. މިކަމުގެ ސަބަބުން ކާބޯތަކެއްޗާއި އެނޫންވެސް ދިރިއުޅުމަށް ބޭނުންވާ ތަކެތި ސަޕްލައިކުރުންވެސްވަނީ ހުއްޓުމަކަށް އައިސްފައެވެ.

ސްނޯގެ ސަބަބުން އެކަހެރިވެފައިވާ ސަރަހައްދުތަކުގައި ހާލުގައި ޖެހިފައިވާ މީހުން މީހުން ސަލާމަތް ކުރުމަށް އަފްޣާން ސިފައިން ގެންދަނީ އަސްކަރީ ހެލިކޮޕްޓަރުތަކުގެ އެހީގައި މަސައްކަތް ކުރަމުންނެވެ. ނަމަވެސް ސްނޯގެ ސަބަބުން ހެލިކޮޕްޓަރުތައް ޖެއްސުމަށްވެސްވަނީ ބޮޑެތި ދަތިތައް ކުރިމަތިވެފައެވެ.

އަފްޣާނިސްތާނުގެ ރަށްފުށުގެ ގިނަ ސަރަހައްދުތަކަކީ ވަރަށް ފަގީރު ސަރަހައްދުތަކެކެވެ. ސިއްހީ އަދި ތައުލީމީ ޚިދުމަތްތައް ނެތް އަދި ފެނާއި ނަރުދަމާފަދަ ދިރިއުޅުމަށް ބޭނުންވާ އެންމެ އަސާސީ ޚިދުމަތްތައްވެސް ނެތް ސަރަހައްދުތަކެކެވެ. އެހެންކަމުން އެސަރަހައްދުތަކުގެ ރައްޔިތުންނަކީ ގުދްރަތީ ކާރިސާތަކުގެ ޝިކާރައަކަށް އަބަދުވެސް ވަމުންދާ ބައެކެވެ. ފިންޏާއި ހޫނާ އަދި ވިއްސާރައިގެ ސަބަބުން އެސަރަހައްދުތަކުން ގިނަ އަދަދަކަށް މީހުން މަރުވެއެވެ.

އެތަންތަނުގެ ރައްޔިތުން ހަކަތައިގެ ގޮތުގައިވެސް ބޭނުންކުރަނީ ދަރެވެ. ނަމަވެސް އަފްޣާނިސްތާނަކީ ހަނަފަސް ގައުމަކަށްވެފައި ގަސްގަހާގެހި މަދުކަމުން ދަރަކީވެސް ފަސޭހައިން ލިބޭ އެއްޗެއް ނޫނެވެ. ގަދަ ފިންޏާއި ސްނޯގެ ސަބަބުން މިހާތަނަށް މަރުވި ކަމަށް ރިޕޯޓްކޮށްފައިވާ ގިނަ މީހުންގެ ތެރޭގައި ހިމެނެނީ ރަށްފުށު ހިސާބުތަކާއި ފަރުބަދަތަކުގެ މަތީގައި ދިރިއުޅޭ މީހުންނާއި ކުޑަކުދިން ކަމަށް ޑިޒާސްޓާ މެނޭޖަމަންޓާބެހޭ އަފްޣާން ވުޒާރާ ބުނެއެވެ.

އަފްޣާން އާންމުން ސްނޯގެ ތެރޭގައި

ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާއެކު އަފްޣާން ދާޚިލީ ހަނގުރާމަ ނިމުމަކަށް އައިސް އަފްޣާނިސްތާނުގައި ވަނީ ސުލްހަ ގާއިމް ކުރެވިފައެވެ. ނަމަވެސް ދީނުގެ ނަމުގައި ތާލިބާނުން ގެންގުޅޭ ހަރުކަށި އަދި ހައްދުފަހަނަޅާފައިވާ ގޮތްތަކުގެ ސަބަބުން އަފްޣާނިސްތާންވަނީ ދުނިޔޭގައި ވަރަށް ބޮޑަށް އެކެހެރިވެފައެވެ.

މިއާއެކު އަފްޣާނިސްތާނަށް ލިބެމުންދިޔަ ބޭރުގެ އެހީތައްވެސް ވަނީ ވަރަށް ކުޑަވެފައެވެ. ތާލިބާނުން ގެންދަނީ އަފްޣާނިސްތާނުގައި އިންސާނީ އެހީގެ ދާއިރާގައި މަސައްކަތްކުރާ ބޭރުގެ އެކި ޖަމްއިއްޔާ ޖަމާއަތްތަކަށްވެސް ބޮޑެތި ފިއްތުންތަކެއް ކުރިމަތި ކުރަމުންނެވެ. އަދި ދާދިފަހުން ތާލިބާނުންވަނީ އެފަދަ ޖަމްއިއްޔާ ޖަމާއަތްތަކުގައި އަފްޣާން އަންހެނުން މަސައްކަތް ކުރުންވެސް މަނާކޮށްފައެވެ. މިކަމުގެ ސަބަބުން އެހީދޭ ޖަމާއަތްތަކުގެ ދައުރު އަފްޣާނިސްތާނުގައި މިހާރުވަރަށް ކުޑައެވެ.

މިހުރިހާ ކަމެއްގެ ގެއްލުމެއް ލިބެނީ އަފްޣާން ނިކަމެތި ރައްޔިތުންނަށެވެ. ދާދިފަހުން ތާލިބާނުންވަނީ އަފްޣާން އަންހެނުންނަށް ތައުލީމު ދިނުންވެސް މަނާކޮށްފައެވެ. އަންހެން ކުދިން ސްކޫލްތަކަށް ދިޔުންވެސް މަނާކޮށްފައެވެ.

މީގެކުރިން ބޭރުގެ އެކި ޖަމްއިއްޔާ ޖަމާއަތްތަކުން އަފްޣާނިސްތާނުގެ ރަށްފުށުގެ އެކި ވިލެޖްތަކަށް ގޮސް އެތަންތަނުގެ ފަގީރުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދެއެވެ. އަދި ކާރިސާތައް ދިމާވާތަންތަނަށް ގޮސް މީހުން ސަލާމަތްކުރުމުގެ މަސައްކަތްތައްވެސް ކުރެއެވެ. ނަމަވެސް ތާލިބާނުން ވެރިކަމަށް އައިފަހުން މިފަދަ ޖަމާއަތްތަކުގެ އިންސާނީ ދައުރުވަނީ ވަރަށް ބޮޑަށް ކުޑަވެގެންގޮސްފައެވެ.

އަނެއްކޮޅުން ތާލިބާނުންނަށް ފިޔަވަޅުއެޅުމުގެ ނަމުގައި އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުންވެސް އަފްޣާން ރައްޔިތުންނާމެދު މުއާމަލާތް ކުރަމުން ގެންދަނީ ވަރަށް ރަހުމުކުޑަ އަނިޔާވެރި ގޮތަކަށެވެ. މީގެތެރޭގައި އަފްޣާން ރައްޔިތުން ގެ ފައިސާކޮޅުވެސް އެގައުމުގެ ބޭންކްތަކުގައި ނުދީ ހިފެހެއްޓުން ހިމެނެއެވެ. އެމެރިކާގެ ބޭންކްތަކުގައި އަފްޣާނިސްތާނުގެ 3 ބިލިޔަން ޑޮލަރު ހުރިކަމަށްވެއެވެ.

ތާލިބާނުން ދީނުގެ ނަމުގައި ހަރުކަށި ގޮތްތައް ގެންގުޅޭތީ އެމެރިކާވަނީ އަފްޣާން ރައްޔިތުންނަށް ކާބޯތަކެއްޗާއި ބޭސްގަތުމަށްވެސް މިފައިސާ ދޫކުރުމަށް ދެކޮޅު ހަދާފައެވެ. ނަމަވެސް ތާލިބާނުންގެ ހަރުކަށިކަމާއި ހުޅަނގުގެ ލާއިންސާނީ މިފިޔަވަޅުތަކުގެ ހުރިހާ ގެއްލުމެއް ލިބެނީ އަފްޣާން ނިކަމެތި ރައްޔިތުންނަށެވެ.

comment ކޮމެންޓް