އެމްއެންޔޫ ފަހި ސުފުރާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެމްއެންޔޫގެ "ފަހި ސުފުރާ" މައުރަޒުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ދިވެހީންގެ ތެރެއިން ކާބޯތަކެތި އުފައްދާ މީހުންނާއި, ވިއްކާ މީހުންނާއި އަދި ގަންނަ މީހުންނަށް ޚާއްސަ އެމްއެންޔޫގެ ފަހި ސުފުރާގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ހުޅުވާލައިފިއެވެ.

މި ބާޒާރު ކުރިއަށް ދާނީ މި އަންނަ މާރިޗު މަހުގެ އެކަކުން ދޭއްގެ ނިޔަލަށެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ހެނދުނު 10 އިން ރޭގަނޑު 10 ގެ ނިޔަލަށް މި ބާޒާރު ކުރިއަށް ދާނެއެވެ. މި ބާޒާރު ކުރިއަށް ދާނީ ޤައުމީ ޔުނިވާސިޓީގެ އިދާރީ މަރުކަޒުގައެވެ.

މި ބާޒާރުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ދިވެހީންގެ ތެރޭގައި ތިބި ކާބޯތަކެތި އުފެއްދުންތެރިން އެ ފަރާތްތަކުގެ ހުނަރު އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދިނުން ހިމެނެއެވެ. އަދި އާންމުންނަށް ފޯރުކޮށްނުދެވި ހުރި އައު ކާބޯތަކެތީގެ ބްރޭންޑްތަކާއި ވައްތަރުތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނެ މާޙައުލެއް މި ބާޒާރުގެ ތެރެއިން އުފެއްދުމަކީ ވެސް މީގެ މަގްސަދެކެވެ.

އަދި ކާބޯތަކެތި ވިއްކުމަށް ބޭނުންވާ ދިވެހި އުފެއްދުންތެރިންނަށް އެފުރުސަތު ފަހި ކޮށްދި އެފަދަ މާޙައުލެއް އުފެއްދުމަކީވެސް މި ބާޒާރުގެ މަޤްޞަދެކެވެ.

މި ބާޒާރުގައި ބައިވެރިވުމުށް އެއްވެސް ފީއެއް ނުނެގޭނެއެވެ. އަދި ސްޓޯލްތައް ޢާންމުންނަށް ދެވޭނީ ހަމަކުރަންޖެހޭ ހުރިހާ ތަކެއްޗެއް ހަމަކޮށް ފޯމު ފުރާ ތަރުތީބުންނެވެ. އެގޮތުން މި ބާޒާރުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އަންނަ މަހުގެ 18 ވާ ހޮނިހިރު ދުވަހުގެ މެންދުރު ދޭއްގެ ގެ ކުރިން އީފޯމު ފުރާލުމުން ބައިވެރިވެވޭނެއެވެ.

comment ކޮމެންޓް