ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާނު ފަހުމީގެ ކުންފުނި، 'ކިންގްސް ކެޕިޓަލް ހޯލްޑިންގްސް'ގެ ބޭންކް އެކައުންޓްތައް ނުހިފެހެއްޓޭނެ ކަަމަށް ސިވިލް ކޯޓުން ބުނެފިއެވެ.
ކިންގްސް ކެޕިޓަލް އެކައުންޓަށް ގިނަ ފައިސާތަކެއް ޖަމާވަމުންދާ ސަބަބު ބުނެދިނުމަށް އެދުމަށްފަހު އެ އެކައުންޓްތައް ޑީއެކްޓިވޭޓް ކުރީ ބީއެމްއެލްއިންނެވެ. އެކަމާ ގުޅިގެން ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ އެ ކުންފުނީގެ ބޭންކް އެކައުންޓްތައް ހިފެހެއްޓީ ގާނޫނާ ޚިލާފަށް ކަމަށެވެ.
އެ ހުކުމުގައި ބުނީ މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން، ލޯންޑާ ކުރާ ކަމަށް ޝައްކު ކުރެވޭ ފައިސާއެއް ހިފެހެއްޓޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި އަމިއްލައަށް އެކައުންޓް ޑީއެކްޓިވޭޓް ކުރުމުގެ ބާރު ބޭންކަށް ނުލިބޭ ކަމަށް ވެސް ހުކުމުގައިވެއެވެ.
އަލްހާންގެ ކުންފުނި، 'ކިންގްސް ކެޕިޓަލް ހޯލްޑިންގްސް'އިން ޕޮންޒީ ސްކީމެއް ހިންގި ކަމަށް އޭނާގެ މައްޗަށް ތުހުމަތުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މަކަރާއި ހީލަތް ހަދައިގެން މީހުންގެ އަތުން ފައިސާނަގައި މަނީލޯޑާ ކުރިކަމަށް ބުނެ ފުލުހުން ކުރި ތުހުމަތާ ގުޅިގެން މީގެ ކުރިން ވެސް އޭނާ ފުލުހަށް ހާޒިރު ކުރިއެވެ.
ފުލުހުން އޭނާ ހާޒިރުކުރީ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި މާލީ ސެކިއުރިޓީގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ޚިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގުގައި ސުވާލުކޮށް ބަޔާންނެގުމަށެވެ.
އެ މައްސަލައާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ކޯޓު އަމުރަކާއެކު ފުލުހުން އަލްހާންގެ އޮފީސް، 'ކިންގްސް ކެޕިޓަލް ހޯލްޑިންގްސް' އަށް ވަދެ، އެތަން ބަލައި ފާސްކޮށް، އޭނާގެ ފޯނު ވެސް ހިފަހައްޓާފައިވެއެވެ. އެ އަމުރުގައި ބުނީ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ކުންފުނިން ރާއްޖޭގައި މާލީ ސެކިއުރިޓީޒް ގާނޫނާ ޚިލާފަށް، އާންމުކޮށް ހުޅުވާލައިގެން ސްކީމެއް ތައާރަފު ކޮށްފައިވާ ކަމަށެވެ. އެ ސްކީމުން އިންވެސްޓަރުންނަށް މަންފާ ލިބޭކަން ދައްކަމުން ދާ ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.
އެ އަމުރު ނެރެފައިވާ ސަބަބެއް ކަމަށް ބަޔާން ކޮށްފައިވަނީ ކިންގްސް ކުންފުނިން ހިންގާ 'ކިންގްސް ފޮރެކްސް' އިންވެސްޓްމަންޓާ ގުޅޭގޮތުން އިންވެސްޓަރުންނާއެކު ކުރި މުއާމަލާތުގެ މައުލޫމާތާއި އިންވެސްޓްމަންޓާ ގުޅުން ހުރި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ހެއްކާއި ގަރީނާ ހޯދުމަށް ކަމަށެވެ.
އަލްހާން ވަނީ އޭނާގެ ކުންފުންޏާ މެދު ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ. އަލްހާން ވަނީ އެ ކުންފުންޏަކީ ޕޮންޒީ ސްކީމެއްކަމަށް ކުރާ ތުހުމަތުތަކަށް ވެސް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ ކުންފުންޏަށް އިންވެސްޓުކުރާ ފަރާތްތަކަށް ފައިދާގެ ގޮތުގައި ދެނީ ސީދާ އެ ފައިސާ އިންވެސްޓުކޮށްގެން ލިބޭ އެއްޗެއް ކަމަށެވެ.