ޖަޕާނުގެ އާބާދީ އިތުރުކުރަން މިހާރުން މިހާރަށް މަސައްކަތް ކުރަންޖެހޭ: ބޮޑުވަޒީރު

ޖަޕާނުގެ ސިޓީއެއް ކަމަށްވާ ޓޯކިޔޯގައި އާންމުންގެ މީހުން -- ފޮޓޯ/ ސީއެންއެން

ޖަޕާނުގެ އާބާދީ އިތުރުކުރުމަށް މިހާރުން މިހާރަށް މަސައްކަތް ކުރުން ނޫން އިތުރު ގޮތެއް ނެތް ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާ ވިދާޅުވެއްޖެއެވެ.

ކިޝިދާ އިއްޔެ ވިދާޅުވީ، ޖަޕާނުގެ ވިހެއުމުގެ ނިސްބަތް މިހާރު މި އޮތް ހިސާބަށް ބަލާއިރު ގައުމުގެ އިޖުތިމާއީ އަދި އިގުތިސާދީ ކުރިއެރުމާ މެދު ސުވާލު އުފެދޭކަމަށެވެ.

"ކުޑަކުދިންނާއި ކުޑަކުދިން ބެލެހެއްޓުމާ ގުޅޭ ސިޔާސަތުތަކަށް ސަމާލުކަން ދިނުމަކީ ލަސްކުރެވޭނެ ކަމެއް ނޫން،" ކިޝިދާ ވިދާޅުވިއެވެ.

ކިޝިދާ ވިދާޅުވީ ކުޑަކުދިންނާ ގުޅުން ހުރި ޕްރޮގްރާމްތަކަށް ސަރުކާރުން ކުރާ ހޭދަ ދެ ގުނަ އިތުރު ކުރަން ބޭނުންވާ ކަމަށާއި އެކަމަށް ޚާއްސަ، ސަރުކާރުގެ އެޖެންސީއެއް އަންނަ އެޕްރީލް މަހުގެ ތެރޭގައި އުފައްދާނެ ކަމަށެވެ.

ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާ -- ފޮޓޯ/ ސީއެންއެން

ޖަޕާނުގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި މުޅި ދުނިޔެއިން ވެސް ވިހެއުމުގެ ނިސްބަތް އެންމެ ދަށް އެއް ގައުމަކީ ޖަޕާންއެވެ.

ޖަޕާނުގެ އާބާދީއަކީ 125 މިލިއަން މީހުންނެވެ. މިދިޔަ އަހަރު އެ ގައުމުގައި އުފަންވީ 800،000 އަށް ވުރެ މަދު ކުދިންނެވެ. މިއީ 1899 ވަނަ އަހަރު އެގައުމުން އާބާދީއާ ބެހޭ މައުލޫމާތު އެއްކުރަން ފެށި ފަހުން، ވިހެއުމުގެ އަދަދު މިހާ ވަރަށް ދަށްވި ފުރަތަމަ ފަހަރު ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުންޏެވެ.

ޖަޕާނަކީ ދުނިޔޭގައި އުމުރުން ދުވަސްވީ މީހުން އެންމެ ގިނަ އެއް ގައުމެވެ. ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2020 ވަނަ އަހަރު ޖަޕާނުގެ ކޮންމެ 1،500 މީހުންގެ ތެރެއިން ގާތްގަނޑަކަށް އެކަކީ އުމުރުން 100 އަހަރު ނުވަތަ އެއަށްވުރެ މަތީގެ މީހެކެވެ.

އެ ގައުމުގެ ތަޖުރިބާކާރުން ވަނީ ވިހެއުމުގެ ނިސްބަތް ދަށްވުމުގެ ސަބަބުތަކުގެ ގޮތުގައި ބައެއް ކަންތައްތައް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި އެގައުމުގެ ދިރިއުޅުމުގެ އަގު އުފުލުމާއި، ގެދޮރުގެ މައްސަލައާއި، ސިޓީތަކުގައި ދަރިންނަށް ޑޭކެއާ ފަދަ ތަންތަން މަދުވުމުގެ ސަބަބުން ކުދިން ތަރުބިއްޔަތު ކުރަން ދަތިވުން ހިމެނެއެވެ.

މީގެ އިތުރުން އާއިލާއެއް ފެއްޓުމާ މެދު ދެކޭ ގޮތް ބަދަލުވުމާއި ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ވެސް އެގައުމުގައި ދަރިން ހޯދާ ނިސްބަތް ވަނީ މަދުވެފައެވެ.

ބައެއް މީހުން ބުނާ ގޮތުގައި އެކަމުން ދައްކުވައިދެނީ ޖަޕާނުގެ ޒުވާނުން މުސްތަގުބަލާ މެދު މާޔޫސްވެފައިވާ ކަމެވެ. އެއީ މަސައްކަތުގެ ޕްރެޝަރާއި އިގްތިސާދީ ހީނަރުކަން ފަދަ ސަބަބުތަކާ ހެދި ކަމަށް އެ މީހުން ބުނެއެވެ.

ޖަޕާނީގެ އާބާދީގައި އުމުރުން ދުވަސްވީ މީހުން އިތުރުވަމުން ދިޔުމުން ވަޒީފާ އަދާ ކުރެވޭ މީހުން މަދުވެ، އިގްތިސާދަށް ދިމާވާ ގޮންޖެހުންތައް ފޫބައްދާނެ ޒުވާނުން ހޯދުމަށް އެ ގައުމު ވަނީ ނުކުޅެދިފައެވެ.

ވޯލްޑް ބޭންކުން ބުނާ ގޮތުގައި ޖަޕާނުގެ އިގުތިސާދީ ކުރިއެރުން 1990 ވަނަ އަހަރު 4.9 ޕަސެންޓް އިން 2019 ވަނަ އަހަރު 0.3 ފަސެންޓަށް ވަނީ ވެއްޓިފައެވެ.

މީގެ އިތުރުން ގޭބިސީތަކުގެ އެވްރެޖް އަހަރީ އާމްދަނީ 1995 ވަނަ އަހަރު 6.59 މިލިއަން ޔެން (50،600 ޑޮލަރު) އިން 2020 ވަނަ އަހަރު 5.64 މިލިއަން ޔެން (43،300 ޑޮލަރު) އަށް ދަށްވެފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި އާބާދީ ދަށްވަމުންދާ މައްސަލަ ހައްލުކުރުމަށް އެ ގައުމުގެ ސަރުކާރުން ވަނީ ތަފާތު މަސައްކަތްތައް ފަށާފައެވެ. އެގޮތުން ކުޑަކުދިންނާ ގުޅުން ހުރި ޕްރޮގްރާމްތައް ހިންގުމާއި އެކަންކަމަށް ސަރުކާރުން ކުރާ ހޭދަ މީގެ ކުރިން ވެސް އިތުރު ކޮށްފައިވެއެވެ. އެހެންނަމަވެސް އަދި މިހާތަނަށް އެ މައްސަލައަށް އެދެވޭ ހައްލެއް ވަނީ ނުލިބިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް