އައްޑޫން ގޯއްޗަށް އެދި ކުރިމަތިލާން ހުޅުވާލައިފި

އައްޑޫ ސިޓީ. (ފޮޓޯ/ފޭސްބުކް)

އައްޑޫ ސިޓީން ދޫކުރަން ނިންމާފައިވާ 500 ގޯއްޗަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އައްޑޫގައި ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުމީދޫން ގޯތި ދޫކުރާނެކަން އައްޑޫ ސިޓީ ކައުންސިލުން ވަނީ މިދިޔަ ހަފްތާގައި އިއުލާނުކޮށްފައެވެ. އެ ކައުންސިލުން ވަނީ ހާހެއްހާ ގޯތި އެއްފަހަރާ ދޫކުރަން ނިންމައިފައެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ އައްޑޫގައި ވެސް ބޮޑުވެފައިވާއިރު އެސިޓީން ގޯތި ދޫނުކުރާތާ މިހާރު ވަނީ އެތައް އަހަރެއް ވެފައެވެ. މިގޮތުން، ހިތަދޫން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 2002ވަނަ އަހަރެވެ. އަދި، ހުޅުދުއާއި މީދޫން ވެސް ގޯތިދޫނުކުރާތާ 15 އަހަރުވެފައިވާއިރު، ފޭދޫން ގޯތި ދޫނުކުރާތާ 25 އަހަރު ވަނީ ވެފައެވެ.

ސިޓީ ކައުންސިލުން ރޭ ކުރި ތިން އިއުލާނެއްގައި ވާގޮތުން، ހުޅުދޫއިން 2،000 އަކަފޫޓުގެ 100 ގޯތި ދޫކުރާއިރު މީދޫއިންވެސް ދޫކުރަނީ 2،000 އަކަފޫޓުގެ 100 ގޯއްޗެވެ. ފޭދޫއިން ދޫކުރަނީ 1،500 އަކަފޫޓުގެ 300 ގޯއްޗެވެ.

ފޭދޫއިން ދޫކުރާ 300 ގޯތީގެ ތެރެއިން 270 ގޯތި ދޫކުރަނީ ފޭދޫގެ ރައްޔިތުންނަށެވެ. އަދި 30 ގޯތި ދޫކުރަނީ ފޭދޫ ފިޔަވައި އައްޑޫގެ އެހެން ރަށްތަކުގެ ރައްޔިތުންނަށެވެ. މީދޫ އިން ދޫކުރާ 100 ގޯތީގެ ތެރެއިން 90 ގޯތި އަދި ހުޅުދޫއިން ދޫކުރާ 90 ގޯތި ދެނީ އެ ރަށްތަކުގެ ރައްޔިތުންނަށެވެ. މީދޫއިން 10 ގޯތި އަދި ހުޅުދޫއިން 10 ގޯތި ދެނީ އެހެން ރަށްތަކުގެ ރައްޔިތުންނަށެވެ.

އެ ގޯތިތަކަށް އެދި ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

ގޯއްޗަށް އެދޭ ފޯމު ބަލައިގަތުމަސް ހަމަޖެހިފައިވަނީ ފެބްރުއަރީ ދެވަނަ ދުވަހުން 16ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށް އެ އަވަށެއްގެ އަވަށު އޮފީހުންނެވެ.

އައްޑޫގެ މޭޔަރު އަލީ ނިޒާރު މީގެ ކުރިން ވިދާޅުވިގޮތުގައި ސިޓީ ކައުންސިލުން މަސައްކަތް ކުރަމުން އަންނަނީ އެ ސިޓީން އެއްފަހަރާ ހާހެއްހާ ގޯތި ދޫކުރާށެވެ.

އޭނާ ވިދާޅުވީ މި އަދަދަށް ގޯތި ދޫކޮށްގެން ޖުމުލަ ހައްލެއް ނުލިބުނު ނަމަވެސް މިވަގުތަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މީހުންނަށް ގޯތި ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ގޯތި ދޫކުރެވުމުން އައްޑޫގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

comment ކޮމެންޓް