ކ. މާފުށި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު 82.5 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.
މާފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރޭގައި:
- 28،386 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުން
- 63،711 ކިއުބިކް މީޓަރަށް އާ ބަނދަރު ފުން ކުރުން
- 4،414 ކިއުބިކް މީޓަރަށް ނެރު ފުން ކުރުން
- 31 މީޓަރު ބޭރުތޮށި ޖެހުން
- ސޭންޑްފިލް ބްރޭކްވޯޓާ ހެދުން
- 64 މީޓަރަށް ރިވެޓްމެންޓް ޖެހުން
- 700 މީޓަރަށް ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުން
- 374 މީޓަރަށް އެއްގަމު ތޮށި ޖެހުން
- 367 މީޓަރަށް ސްކޯރިން އެޕްރޮން ޖެހުން
- 73 މޫރިން ރިންގް ހަރުކުރުން
- 10 މޫރިން ބޮއި ހަރުކުރުން
- އެކްސެސް ޕްލެޓްފޯމް އެޅުން
- 57 މީޓަރަށް ކޮންކްރީޓް ބްރިޖެއް ހެދުން
- 320 މީޓަރަށް ކޮންކްރީޓް ޖެޓީއެއް ހެދުން
- 33 މަގު ބައްތި ހަރުކުރުން
- 1،869 އަކަ މީޓަރަށް ޕޭވްމަންޓް ހެދުން ހިމެނެއެވެ.
މާފުށީ ބަނދަރު ތަރައްގީ ކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ 600 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.