ރަޝިއާ ބަލިކޮށް ނިކަމެތި ކޮށްލެވިދާނެ ކަމަށް ހުޅަނގުން ދެކެނީ ހުވަފެނެއް ކަމަށާއި އެ ހުވަފެނުން ބޭރުވުމަށް އެގައުމުގެ ކުރީގެ ރައީސް އަދި ރަޝިއާގެ ގައުމީ ސަލާމަތާބެހޭ ކައުންސިލްގެ މިހާރުގެ ނައިބު ރައީސް ޑިމިޓްރީ މިޑްވެޑޭވް ދާދިފަހުން ވަނީ ގޮވާލައްވާފައެވެ.
މިޑްވެޑޭވް ވިދާޅުވެފައިވާ ގޮތުގައި ހުޅަނގުން ދެކޭ އެއް ހުވަފެނަކީ އިގްތިސާދީ ގޮތުން ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅައިގެން ދިގުމުއްދަތަކުން ރަޝިއާ އިގްތިސާދީގޮތުން އިނދަޖައްސާލެވޭނެ ކަމުގެ ހުވަފެނެވެ. ދެވަނައަށް ހުޅަނގުން ދެކޭ ހުވަފެނަކީ ޔުކްރެއިންގައި ރަޝިއާ ހިންގާ އަސްކަރީ ހަރަކާތްތައް ނާކާމިޔާބުކޮށްލައިގެން ރަޝިއާގެ ވެރިކަމާ ދެކޮޅަށް ރަޝިއާގެ ރައްޔިތުން ނެރެ (ޔުކްރެއިންގެ އޮރެންޖް ރިވޮލިއުޝަން ގޮތަށް) ރަޝިއާގެ މިހާރުގެ ވެރިކަން ވައްޓާލައި ހުޅަނގަށް ސަޕޯޓުކުރާ ހުޅަނގުގެ ގޮތްގަނޑުގެންގުޅޭ ޕަޕެޓް ވެރިއަކު ރަޝިއާގެ ވެރިކަމަށް ގެނައުމުގެ ހުވަފެންކަން އޭނާ ސިފަކުރެއްވިއެވެ.
މިއީ ޔުކްރެއިން އަތްދަށުލުމަށް ވެސް ހުޅަނގުން ކަންކުރިގޮތްކަމަށް އިޝާރާތް ކުރައްވައި މިޑްވެޑޭވް ވިދާޅުވީ ހުޅަނގު އަޑީގައި އޮވެގެން ޔުކްރެއިންގެ ސަރުކާރު ވައްޓާލައި ޔުކްރެއިންއަށް އޮރެންޖް ރިވެލިއުޝަނެއް ގެނެސް ހުޅަނގުގެ ޕަޕެޓަކު ޔުކްރެއިންއަށް ގެނައިނަމަވެސް ރަޝިއާގައި އެކަން އެގޮތަށް ވާނެކަމަށް ހުޅަނގުން ދެކޭ ހުވަފެނަކީ ބިލާހެއްކަމަށާއި ރަޝިއާގެ ރައްޔިތުން ޔުކްރެއިން ގޮތަށް ހުޅަނގަށް ނުހެއްލޭނެ ކަމަށެވެ.
މިޑްވެޑޭވް ވިދާޅުވިގޮތުގައި ޔުކްރެއިންގެ މައްސަލަ ތަޅާފޮޅުމާ އަދި ލޭ އޮހޮރުވުމަކާ ހަމައަށް ދިޔައީ ނޭޓޯ ރަޝިއާ ގެ ސަރަހައްދީ ރޮނގާ ހަމައަށް ފުޅާކޮށް ރަޝިއާގެ ވަށައިގެންވާ އިރުމަތީ ޔޫރަޕްގެ ގައުމުތައް ނޭޓޯއަށް ވައްދައިގެން ރަޝިއާ އަސްކަރީގޮތުން ވަށާލައި ހިސާރުކުރަން ހުޅަނގުން ކުރި މަސައްކަތްތަކުގެ ސަބަބުންނެވެ. ރަޝިއާއާ ހަމައަށް ނޭޓޯ ފުޅާނުކުރާނެކަމުގެ ޔަގީންކަން އެމެރިކާއިން ރަޝިއާއަށް ދިންނަމަވެސް ފާއިތުވި އަހަރުތަކުގައި އެމެރިކާގެ އިސްނެގުމުގެ މަތިން ރަޝިއާއާ ސަރަހައްދީ ރޮނގު ގުޅިފައިވާ އެތައް ގައުމެއް ނޭޓޯއަށް ވަނީ ވައްދާފައެވެ.
އެ މައްސަލާގައި ރަޝިއާ ތަކުރާރުކޮށް އިންޒާރުތައް ދެމުން ގެންދިޔަނަމަވެސް ޔުކްރެއިންގެ މައްސަލާގައި އަސްކަރީގޮތުން ރިއެކްޓްކުރިގޮތަށް އެގައުމުތައް ނޭޓޯއަށް ވެއްދުމުން ރަޝިއާ ރިއެކްޓްކޮށްފައެއް ނުވެއެވެ. ފަރަންސޭސިކުރީގެ ރައީސް ނިކޮލަސް ސާކޯޒީ އާއި ޖަރުމަނުގެ ކުރީގެ ޗާންސެލާ އެންގެލާ މަކެލް ވިދާޅުވެފައިވާގޮތުގައި އެ ބޭފުޅުން ވަނީ ޔުކްރެއިން ނޭޓޯއަށް ވައްދަން މަސައްކަތް ކުރާނަމަ ރަޝިއާ މަޑުން ނޯންނާނެކަމުގެ އިންޒާރު ނޭޓޯގެ އެކި ބައްދަލުވުންތަކުގައި ދެއްވާފައެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު އެ ދެ ބޭފުޅުން ވިދާޅުވެފައިވާގޮތުގައި ޔުކްރެއިންގައި ރަޝިއާ ދަރިކޮޅުގެ މީހުން ދިރިއުޅޭ ދުންބާސް ސަރަހައްދުގެ މައްސަލަ ހައްލުކުރުމަށް ޓަކައި ޔުކްރެއިންއާއި ރަޝިއާއާ ދެމެދު ގާއިންކުރި މިންސްކް އެއްބަސްވުން (އެކެއް) އަދި މިންސްކް އެއްބަސްވުން (ދޭއް) ގެ ވެސް ހަގީގީ ބޭނުމަކަށް ވެފައިއޮތީ ރަޝިއާއާ ދެކޮޅަށް ހަނގުރާމަ ކުރެވޭފެންވަރަށް ޔުކްރެއިން ތައްޔާރުކުރުމަށް ވަގުތު ހޯދުމެވެ. ރަޝިއާ ބޭނުންވާ ސަލާމަތީ ގެރެންޓީ ދިނުމުގެ ބަދަލުގައި ޔުކްރެއިން ސިފައިންނަށް ނޭޓޯއިން ހަތިޔާރާއި އަސްކަރީ ތަމްރީންދީގެން ރަޝިއާއާ ދެކޮޅަށް ޔުކްރެއިން އަސްކަރީގޮތުން ތައްޔާރުކުރުމަށް ބޭނުންވާ ވަގުތު ހޯދުމެވެ. ކޮންމެހެން ދުންބާސްގެ މައްސަލަ ހައްލުކުރާކަށް ނޫނެވެ.
އަދި ހުޅަނގުން ދިޔައީ ޔުކްރެއިން ނޭޓޯއަށް ވެއްދުމަށް މަސައްކަތް ކުރަމުން ކަމަށާއި ރަޝިއާއަށް މިކަން އެނގުމުން ވާހަކަދައްކައިގެން މައްސަލަ ހައްލުކުރަން އުޅުމުންވެސް ޔުކްރެއިން އިން އެކަމަށް ސީރިޔަސްކަން ދީފައިނުވާކަން އެ ދެ ބޭފުޅުން ވަކިވަކިން ދެއްވި ބަޔާންތަކެއްގައި މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ފާހަގަ ކުރައްވާފައެވެ.
ރަޝިއާ ބުނާގޮތުން ޔުކްރެއިންއަށް އަސްކަރީގޮތުން އަރައިގަންނަން ޖެހުނީ ޔުކްރެއިން ބޭނުންކޮށްގެން ރަޝިއާގެ ގައުމީ ސަލާމަތަށް ނުރައްކާކުރުމަށް ނޭޓޯ ކުރަމުން ދިޔަ މަސައްކަތް ހުއްޓުވޭނެ އެހެން އެއްވެސް ގޮތެއް ނެތިގެންނެވެ.
ޔުކްރެއިނަށް ހަމަލާދޭން ފެށުމަށްފަހު ރަޝިއާ ވަނީ ޔުކްރެއިން ނޭޓޯއަށް ނުވަންނާނެކަމުގެ ގެރެންޓީއާއި ނޭޓޯގެ ގައުމުތަކާއެކު އަސްކަރީ ގުޅުންތައް ނުބާއްވައި ނިއުޓްރަލް ގައުމެއްގެ ގޮތުގައި އޮންނާނެކަމުގެ ގެރެންޓީ ދިނުމުން ހަމަލާތައް ހުއްޓާލާނެކަމުގެ ޔަގީންކަން ދީފައެވެ. ނަމަވެސް ޔުކްރެއިން ވަނީ ކަނޑައެޅިގެން މިކަމަށް ދެކޮޅު ހަދާފައެވެ.
ޔުކްރެއިންއާ ދެކޮޅަށް ރަޝިއާ ފެށި ހަނގުރާމައަށް 11 މަސް ވެފައިވާއިރު މިހާރު ރަޝިއާ ބުނަނީ ދެން ހަމަލާތައް ހުއްޓާލާނީ ޔުކްރެއިން އަސްކަރީ ގޮތުން ނިއުޓްރަލް ގައުމަކަށް ވުމުގެ އިތުރުން ރަޝިއާ ޔުކްރެއިން އިން ހިފާފައިވާ ސަރަހައްދުތައް އަނބުރައި ހޯދަން މަސައްކަތް ނުކުރުމާއެކު އެއީ ރަޝިއާގެ ތަންތަނުގެ ގޮތުގައި ޔުކްރެއިނުން ގަބޫލުވެސް ކުރުމުން ކަމަށެވެ.
ރަޝިއާގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލްގެ ނައިބު ރައީސް މިޑްވެޑޭވް ވިދާޅުވިގޮތުގައި ޔުކްރެއިންގެ މައްސަލައިގެ ސަބަބުން އެމެރިކާއަށް ފައިދާވިނަމަވެސް ރަޝިއާގެ އަގުހެޔޮ ހަކަތައާއި ރަޝިއާގެ ބިޔަ ބާޒާރު ޔޫރަޕަށް ގެއްލުމުގެ ސަބަބުން ޔޫރަޕްގެ އިގްތިސާދަށް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ. މިގޮތަށް ދިގު މުއްދަތަކަށް ޔޫރަޕްގެ ގިނަ ގައުމުތަކަށް ހިފަހައްޓާ ނުލޭވޭނެ ކަމަށާއި ޔުކްރެއިންގެ މައްސަލާގައި ޔޫރަޕް އެންމެފަހުން ބައިބައިވާނެ ކަމަށް މިޑްވެޑޭވް ވިދާޅުވިއެވެ.
އަދި ރަޝިއާ ބަލިކޮށްގެން ދުނިޔޭގެ ޖިއޮޕޮލިޓިކަލް ބާރުވެރިކަން ގެރެންޓީ ވާނެކަމަށް އެމެރިކާ ދެކެނީ ހުވަފެނެއް ކަމަށާއި ރަޝިއާ އަކީ ދުނިޔޭގެ އެންމެބޮޑު ނިއުކްލިޔާ ބާރުކަމާއި ނިއުކްލިޔާ ބާރެއް ބަލިކޮށް ނުލެވޭނެކަން ވެސް އޭނާ ހުޅަނގަށް ހަނދާންކޮށްދެއްވިއެވެ. މިއީ ރަޝިއާއިން ނިއުކްލިޔަ ހަތިޔާރު ބޭނުން ކުރަން ވެސް ފަސްނުޖެހޭނެކަމުގެ އިންޒާރު ކަމަށް ވަނީ ބެލެވިފައެވެ.
ރަޝިއާއަކީ މުޅިދުނިޔެއަށް ބަލާއިރުވެސް އެންމެ ރިސޯސްފުލް ގައުމެވެ. ރަޝިއާގައި 85 ޓްރިލިޔަން ޑޮލަރުގެ ތެލާއި ގޭސް އަދި އެކި މައުދަންތައް ހުރިކަން ސާވޭތަކުން ވަނީ ކަށަވަރުވެފައެވެ. އެމެރިކާގައި ވެސް ހުރިކަން ސާވޭތަކުން މިހާތަނަށް ހަމަވެފައިވަނީ 44 ޓްރިލިޔަން ޑޮލަރުގެ ގުދުރަތީ ރެސޯސްއެވެ.
އަނެއްކޮޅުން ރަޝިއާއަކީ އެމެރިކާއާ ދާދިއެއްވަރުގެ އަސްކަރީ ސިނާއަތު އޮތް ގައުމެކެވެ. އަދި އެމެރިކާއަށްވުރެ ނިއުކްލިޔާ ޓެކްނޮލޮޖީގައި ކުރިއަރާފައިވާ އަދި އެމެރިކާއަށްވުރެ ބޮޑު ނިއުކްލިޔާ ބާރެކެވެ.
ރަޝިއާ އާ ދެކޮޅަށް އެމެރިކާއާއި ޔޫރަޕުން އެޅި އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް ފެއިލްވީ ރަޝިއާގައި ގުދްރަތީ ރިސޯސް އާދަޔާ ޚިލާފަށް ގިނަވެފައި އިގްތިސާދީގޮތުން އެމެރިކާއާ ދާދިއެއްވަރުގެ ބޮޑު ބާރެއްގެ ގޮތުގައި ޗައިނާ ދުނިޔޭގެ މަސްރަހުގައި އޮތުމާއެކު ރަޝިއާ ބޮއިކަޓް ކުރުމަށް އެމެރިކާ އާއި ޔޫރަޕްގެ އިއްތިޙާދާ އަދި އިނގިރޭސިވިލާތް އެދުނު އެދުންތަކަށް ޗައިނާ، އިންޑިއާ އަދި ގަލްފުގެ ގައުމުތަކާ އަދި ބްރިކްސްގެ ގައުމުތަކުގެ އިތުުރުން ދުނިޔޭގެ އެހެންގައުތައް ވެސް އިޖާބަ ނުދިނުމުގެ ސަބަބުންނެވެ. މިއީ އެމެރިކާގެ ފުލް ކޮންޓްރޯލް ދުނިޔެއަށް މިހާރުނެތްކަމުގެ އިހްސާސް އެމެރިކާއާއި ޔޫރަޕަށް ވަރަށް ބޮޑަށް ކުރެވިގެންދިޔަކަމެކެވެ.