ސުޕްރީމް ކޯޓުގެ އަމުރަށް، ނަތަންޔާހޫ އިސް މިނިސްޓަރަކު މަގާމުން ވަކިކޮށްފި

އިޒްރޭލުގެ އިންޓީރިއާ އެންޑް ހެލްތު މިނިސްޓަރު، އަދި އެ ޤައުމުގެ ޝާސް ޕާޓީގެ ލީޑަރު އާރިއެހް ދޭރީ -- ފޮޓޯ/ ރޮއިޓާސް

އިޒްރޭލުގެ ސުޕްރީމް ކޯޓުގެ އަމުރަކަށް އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އޭނާގެ ކެބިނެޓްގެ މެމްބަރަކު މަގާމުން ވަކިކުރައްވައިފިއެވެ.

ވަޒީފާއިން ވަކިކޮށްފައި ވަނީ އިޒްރޭލުގެ އިންޓީރިއާ އެންޑް ހެލްތު މިނިސްޓަރު، އަދި އެ ގައުމުގެ ޝާސް ޕާޓީގެ ލީޑަރު އާރިއެހް ދޭރީއެވެ.

އޭނާ މަގާމުން ދުރުކުރަން ސުޕްރީމް ކޯޓުން އެންގީ ޓެކްސް ދެއްކުމުގައި މަކަރާއި ހީލަތް ހެދި ކަމުގެ ދައުވާ މިދިޔަ އަހަރު އޭނާގެ މައްޗަށް ސާބިތުވެފައި ވާތީއެވެ. އެ މައްސަލައިގައި އޭނާ ކުށަށް އިއުތިރާފުވެ، ޕްރޮސެކިއުޓަރުންނާއެކު އެއްބަސްވުމެއް ހެދުމުން އޭނާއަށް ޖަލު ހުކުމެއް ތަންފީޒު ކުރަން އަމުރުކޮށްފައި ނުވެއެވެ.

ނަތަންޔާހޫ ވަނީ ސުޕްރީމް ކޯޓުގެ ނިންމުމާ މެދު ހިތާމަ ކުރާ ކަމަށާއި އެއީ އާންމުން ބޭނުންވާ ގޮތަށް ބެލުމަކާ ނުލައި ނިންމާފައިވާ ނިންމުމެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އިއްޔެ ނަތަންޔާހޫ ވަނީ ދޭރީ މަގާމުން ދުުރުކުރަން ނިންމާފައިވާކަން އިއުލާންކުރައްވާފައެވެ.

ނަތަންޔާހޫ މި ފިޔަވަޅު އެޅުއްވީ، ސުޕްރީމް ކޯޓުގެ ބާރުތައް ކުޑަކުރުމަށް އިސްލާހުތަކެއް ގެންނަން އޭނާ މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

އެ އިސްލާހުތަކާ ދެކޮޅަށް އިޒްރޭލުގައި ގިނަ ބަޔަކު ދަނީ މުޒާހަރާކުރަމުންނެވެ. ނަތަންޔާހޫ ވިދާޅުވާ ގޮތުގައި އެ އިސްލާހުތަކާއެކު ސަރުކާރުގެ ގޮފިތަކުގެ މެދުގައި ބާރުތައް ހަމަހަމަ ވާނެއެވެ. ނަމަވެސް އިސްލާހަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ އޭގެ ސަބަބުން ޝަރުއީ މިނިވަންކަމަށް ބުރޫއަރާނެ ކަމަށާއި އެއާއެކު ނަތަންޔާހޫގެ ކޮރަޕްޝަނުގެ ޝަރީއަތުން އޭނާއަށް ސަލާމަތްވެވޭނެ ކަމަށް ބުނެފައެވެ.

ނަތަންޔާހޫގެ ސަރުކާރުން ގެންނަން ބޭނުންވާ އިސްލާހުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ބައެއް ނިންމުންތައް، ޕާލިމެންޓުގެ ވޯޓަކުން ބާތިލު ކުރެވޭނެ ގޮތް ހެދުން ހިމެނެއެވެ. އަދި ފަނޑިޔާރުން އައްޔަން ކުރުމުގެ ބާރުވެސް ޕާލިމެންޓަށް ދިނުން ހިމެނެއެވެ.

އިޒްރޭލުގެ ނޫހަކުން ނެގި ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުގައި، ފަނޑިޔާރުން އައްޔަން ކުރާ ގޮތަށް ބަދަލު ގެނައުމަށް އެގައުމުގެ 35 ޕަސެންޓް މީހުން ތާއިދު ކުރާއިރު އެކަމާ 45 ޕަސެންޓް މީހުން ދެކޮޅެވެ. އަދި ސުޕްރީމް ކޯޓުގެ ބައެއް ނިންމުން ބާތިލުކުރުމުގެ ބާރު ޕާލިމެންޓަށް ދިނުމަށް ތާއިދު ކުރަނީ އެންމެ 26 ޕަސެންޓް މީހުން ކަމަށް އެ ވޯޓުން ދެއްކިއެވެ.

comment ކޮމެންޓް