ރަހިމުގެ ދޮރަށް ކެންސަރު، ނަހަމަ ޖިންސީ ގުޅުމުން ނުރައްކާ ބޮޑު!

ޕީރިއަޑް ދުވަސްވަރު ނޫނަސް ކުރިމަތި ފަރާތުން އާދަޔާޚިލާފަށް ލޭ އަންނަނީއެވެ. ހަމައެއާއެކު އާދަޔާޚިލާފަށް ގިނައިން އެއްޗެހިއައުމާއެކު ނުބައިވަސް ވެސް ދުވަނީއެވެ. ޖިންސީ ގުޅުން ހިންގާއިރު ވެސް ތަދުވެއެވެ. ލޭވެސް އާދެއެވެ. ފުރަތަމަ އޭނާ ހީކުރީ ޕީރިއަޑް ވުމުގައި މައްސަލައެއް އުޅެނީ ކަމަށެވެ. ނަމަވެސް މިކަން މާގިނަ ދުވަހަށް ދެމިގެން ދާތީ ޑޮކްޓަރަށް ދައްކައިގެން ޓެސްޓްތައް ހެދިއެވެ. ނަތީޖާ ލިބުނީ ހީކުރިގޮތާ މުޅިން ޚިލާފަށެވެ. ކުޑަކަމެއްކަމަށް ނިންމައިގެން ހުރި ކަންތައްވީ ބޮޑު ސިއްހީ މައްސަލައަކަށެވެ. އޭނާއަށް އެ ވަނީ ސާވިކަލް ކެންސަރު ނުވަތަ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ޖެހިފައެވެ.

މިއީ ދިވެހި އަންހެނުންނަށް ވެސް ގިނައިން ޖެހޭ ކެންސަރެކެވެ. އެޗްޕީވީ އިންފޮމޭޝަން ސެންޓަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ދިވެހި ރާއްޖޭގައި 15 އަހަރުން މަތީގެ 144،226 އަންހެނުންނަށް ސާވިކަލް ކެންސަރު ޖެހުމުގެ ނުރައްކާ އޮވެއެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ކޮންމެ އަހަރަކު ރާއްޖޭން 46 އަންހެނުންނަށް މި ބަލި ޖެހެއެވެ. އަދި އެ ބަލީގައި އަހަރެއްގެ މައްޗަށް 24 ދިވެހީން މަރުވެއެވެ. އެ ތަފާސް ހިސާބުތައް ބުނާގޮތުން 15 އަހަރާއި 44 އަހަރާ ދެމެދުގެ ދިވެހި އަންހެނުންގެ ތެރެއިން ދެވަނައަށް އެންމެ ގިނައީ މި ކެންސަރެވެ. ސާވިކަލް ކެންސަރަށް ހޭލުންތެރި ކުރާ މަހަށް މި މަސް ވާއިރު މިއީ ކޮންމެހެން ދައްކަން ޖެހޭ ވާހަކައެކެވެ.

ދިވެހި ހަމައެކަނި އޮންކޮލޮޖިސްޓު ޑރ. މުހައްމަދު އަމްރު ކެންސަރުގެ އޮޕަރެޝަނެއްގެ ތެރެއިން-- ފޮޓޯ: އަމްރު

ދިވެހި އަންހެނުންގެ ތެރޭގައި ހަތަރު ވަނައަށް އެންމެ އާއްމު ކެންސަރު!

ނުރައްކާތެރި ކެންސަރަކީ ރާއްޖޭގައި ވެސް އާއްމު ބައްޔެކެވެ. ހާއްސަކޮށް އަންހެނުންގެ މެދުގައެވެ. ކެންސަރަށް ޚާއްސަ ދިވެހި ހަމައެކަނި ޑޮކްޓަރު، މުހައްމަދު އަމްރު ވިދާޅުވާގޮތުގައި ސާވިކަލް ކެންސަރަކީ ދިވެހި އަންހެނުންނަށް ޖެހޭ ކެންސަރުގެ ތެރެއިން ހަތަރު ވަނައަށް އެންމެ އާއްމު ކެންސަރެވެ. ލިސްޓްގެ އެންމެ ކުރީގައި އުޅެނީ، އުރަމަތީގެ ކެންސަރާއި ތައިރޮއިޑް ކެންސަރުގެ އިތުރުން ރަހިމުގެ ކެންސަރު ކަމަށް އަމްރު ވިދާޅުވިއެވެ.

"މި ސަރަހައްދުގެ ގައުމުތަކުގައި އުރަމަތީގެ ކެންސަރަށް ފަހު އެންމެ ގިނައީ ސާވިކަލް ކެންސަރު. އަޅުގަނޑުމެންނަށް ނޭނގޭ ސަބަބުތަކަކާ ގުޅިގެން ރާއްޖޭގައި ސާވިކަލް ކެންސަރު [ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު] މަދު. އެކަމަކު އެ ކެންސަރު ވެސް ޖެހޭ ދިވެހިންނަށް. ހަތަރު ވަނައަށް އެންމެ އާއްމު ކެންސަރު އެއީ،" ޑރ. އަމްރު ވިދާޅުވިއެވެ.

ޑޮކްޓަރު ވިދާޅުވިގޮތުގައި ދިވެހި އަންހެނުންގެ ތެރެއިން ސާވިކަލް ސެންސަރު ގިނައިން ޖެހެނީ އުމުރުން 40 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންނަށެވެ.

ރާއްޖޭގައި ކެންސަރު ސްކްރީން ކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން-- ފޮޓޯ: ކެންސާ ސޮސައިޓީ

ނަހަމަ ޖިންސީ ގުޅުމުން މި ކެންސަރަށް މަގުފަހި ކުރޭ!

ސިއްހީ ދިރާސާތައް ބުނާގޮތުގައި ސާވިކަލް ކެންސަރު ޖެހެން މެދުވެރިވާ އެންމެ އާންމު ސަބަބަކީ، ހިއުމަން ޕެޕިލޯމާ ވައިރަސް (އެޗްޕީވީ) ޖައްސުވާ އިންފެކްޝަނެކެވެ. މިއީ އާންމުކޮށް ޖިންސީގުޅުމުން ފެތުރޭ ވައިރަހެކެވެ. ލަފާކުރެވޭގޮތުގައި ޖިންސީގޮތުން ހަރަކާތްތެރިވާ ހުރިހާ އެންމެންނަށްވެސް، ދިރިއުޅުމުގެ ކޮންމެސް ހިސާބެއްގައި މި އިންފެކްޝަންޖެހެއެވެ. އާންމުގޮތެއްގައި އެޗްޕީވީގެ އަސަރު ކުރަނީ ޖިންސީގޮތުން ހަރަކާތްތެރިވާން ފަށާއިރެވެ. އެޗްޕީވީގެ އެތައް ސަތޭކަ ވައްތަރެއް ހުރިކަމުގައި ވިޔަސް، މި ކެންސަރުގެ 70 ޕަސެންޓް ގުޅިފައިވަނީ އޭގެ ތެރެއިން ދެ ވައްތަރަކާއެވެ. އެއީ ހިއުމަން ޕެޕިލޯމާ ވައިރަސް 16 އާއި 18 އެވެ.

"ސާވިކަލް ކެންސަރު ޖެހޭ 99 ޕަސެންޓަކީ ވައިރަސްއެއް. މީތި މި އަރަނީ ޖިންސީ ގުޅުމުގެ ސަބަބުން. މީތި ބޮޑަށް ރިސްކް ބޮޑުވަނީ ގިނަ ބަޔަކާއެކު ޖިންސީ ގުޅުން ހިންގުމުން. އަންހެނުންނަށް މިޖެހެނީ. ފިރިހެނުންނަކީ މި ވައިރަސް ސައިލެންޓްކޮށް ކެރީކުރާ ބައެއް ކަމަށް ބެލެވޭ. ގިނަ މީހުންނާއެކު ޖިންސީ ގުޅުން ހިންގާ ފިރިހެނުންގެ ސަބަބުން ފެއިތުފުލް[ނަހަމަ ގޮތުގައި ޖިންސީ ގުޅުން ނުހިންގާ] އަންހެނަކަށް ވެސް މި ވައިރަސް އަރައިގެން ކެންސަރު ޑިވެލޮޕްވުމުގެ ފުރުސަތު އޮވޭ،" ޑޮކްޓަރު އަމްރު ވިދާޅުވިއެވެ.

އިންސާނާގެ ދިފާއީ ނިޒާމުން އާންމުގޮތެއްގައި މިއިންފެކްޝަން ނައްތާލައެވެ. ނަމަވެސް، ބައެއް އަންހެނުންނަށް މިވައިރަހުގެ ސަބަބުން ކެންސަރު ޖެހެނީ ކޮންމެވެސް ސަބަބަކާހުރެ، އާންމު އުސޫލުން ހަށިގަނޑުގެ ދިފާއީ ނިޒާމަށް މި އިންފެކްޝަން ނައްތާނުލެވި ގިނަދުވަސްތަކެއްވެ، ރަހިމުގެ ދޮރުގައި ހުންނަ ހަތާތަކަށް ބަދަލުއައިސްގެންނެވެ. މިގޮތުން ކެންސަރަށް ބަދަލުވާން 10 އާއި 15 އަހަރާ ދެމެދުމުގެ މުއްދަތެއް ނެގުން އެކަށީގެންވެއެވެ. ގަވާއިދުން ސްކްރީން ކުރާނަމަށް ކެންސަރަށް ބަދަލުވުމުގެ ކުރިން ބަލިދެނެގަނެވި، ފަރުވާ ހޯދުމުގެ ފުރުޞަތު ލިބެނީ މިސަބަބަށްޓަކައެވެ.

ސާވިކަލް ކެންސަރަކީ ދިވެހި އަންހެނުންގެ ތެރޭގައި ހަތަރު ވަނައަށް އެންމެ އާއްމު ކެންސަރު--

ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި ޖިންސީ ގުޅުމުން އުފެދޭ، ހިއުމަން ޕެޕިލޯމާ ވައިރަހުގެ ސަބަބުން އެހެނިހެން ގުނަވަންތަކަށް ވެސް ކެންސަރުޖެހެއެވެ. އޭގެ ތެރޭގައި ދެޖިންސުގެ މީހުންގެ ވެސް ކުރިމަތިފަރާތާއި ފުރަގަސްފަރާތާއި ކަރު ހިމެނެއެވެ. ޖިންސީ ގުޅުން ހިންގުމުގައި ހުރަސް ބޭނުންކުރި ނަމަވެސް، ހަން ޖެހޭ ހިސާބަށް މިވައިރަހުގެ އަސަރުކޮށް، އިންފެކްޝަން ނުފިލާ ގިނަ ދުވަސްތަކެއް ވެއްޖެނަމަ ކެންސަރަށް ބަދަލުވުމުގެ ފުރުސަތު އޮވެއެވެ.

ޅައުމުރުގައި (އުމުރުން 18 އަހަރުން ދަށް) ޖިންސީގުޅުން ހިންގަން ފެށުމާއި އުމުރުން 17 އަހަރުވުމުގެ ކުރިން ދަރިއެއް ލިބުމަކީ ވެސް ސާވިކަލް ސެންސަރަށް މަގުފަހި ކުރުވާ ކަމެކެވެ. ހަމައެއާއެކު ދުންފަތުގެ އިސްތިއުމާލުކުރުން ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރާ މާހައުލެއްގައި އުޅުމުންވެސް މިކެންސަރުޖެހުމުގެ ފުރުސަތު އިތުރުވެއެވެ. ދޭތެރެ ދުރުކުރާ ބޭސް 10 އަހަރަށް ވުރެން ގިނަ މުއްދަތަކަށް ބޭނުންކުރުމަކީ ވެސް މިކެންސަރަށް މަގުފަހިވާ ކަމެކެވެ.

މި ކެންސަރާ ގުޅޭގޮތުން 2012 ވަނަ އަހަރާއި 2013 ވަނަ އަހަރު، ހެލްތް ޕްރޮޓެކްޝަން އެޖެންސީ އާއި މޯލްޑިވިއަން ނާސިންގް އެސޯސިއޭޝަނާއި ޔޫއެންއެފްޕީއޭއާ ގުޅިގެން ވަނީ ދިރާސާއެއް ހަދައިފައެވެ. ދިވެހި އަންހެނުން މެދުވެރިކޮށް ހެދި އެ ދިރާސާގައި މި ކެންސަރަށް މަގުފަހިވާ ކަންތައްތަކެއް ރާއްޖޭން ވެސް ފާހަގަ ކުރެވެއެވެ. އޭގެ ތެރެއިން ބައެއްކަންކަމަކީ ޅައުމުރުގައި ކައިވެނިކުރުމާއި ޅަދަރިމައިވުމުގެ އިތުރުން، ދިރާސާގައި ބައިވެރިވެފައިވާ ގިނަ އަދަދެއްގެ މީހުންގެ ފިރިންނަކީ އެއް ކައިވެންޏަށްވުރެ ގިނަ ކައިވެނިކޮށްފައިވާ މީހުންނަށް ވުމެވެ.

އަލާމާތްތަކަކީ ކޮބާ؟

މި ބަލީގެ ކުރީކޮޅުގައި އެއްވެސް އަލާމާތެއް ނުފެނި އެތަކެއް އަހަރުތަކެއް ވެދާނެއެވެ. އެހެނަސް، ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ކުރިމަތީފަރާތުން އާދަޔާޚިލާފަށް ލޭއައުން؛ މިސާލަކަށް، މައްސަރުކަންތައް ޖެހިފައިވާ ދުވަސްވަރު ނޫން ދުވަސްވަރެއްގައި ނުވަތަ އިއްދައިން ކެނޑުމަށްފަހު ލޭފެނުން ހިމެނެއެވެ. ހަމައެހެންމެ، ކުރިމަތިފަރާތުން އާދަޔާޚިލާފަށް ގިނައިން އެއްޗެހިއައުމާއެކު، ނުބައިވަސް ދުވުން، ލޭކުލަ ނުވަތަ އެހެނިހެން ކުލައެއްގެ އެއްޗެހިއައުން ހިމެނެއެވެ. މީގެއިތުރުން ޖިންސީގުޅުން ހިންގުމުގެ ތެރޭގައި ނުވަތަ ހިންގުމަށްފަހު ލޭއައިސް ތަދުވުމާއި އުނދަގޫވުން ވެސް މިބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެއެވެ. ހަމައެހެންމެ ދަށްބަނޑުގައި ރިއްސުމާއި، އުނަގަނޑުގައި ރިއްސުމާއި، ފައިގައިރިހުމެއް ވެސް ހުރުން އެކަށީގެންވެއެވެ. އެއްފައި ދުޅަވެފައި ހުރުމަކީ މި ކެންސަރުގެ އަލާމާތަކަށް ވެދާނެކަމެކެވެ.

މީގެ އިތުރުން ފެނިދާނެ އަލާމަތްތަކުގެ ތެރޭގައި ކާހިތްނުވުމާއި، ބަރުދަން އާދަޔާޚިލާފަށް ލުއިވުމާއި ވަރުބަލިވުން ހިމެނެއެވެ. ފައި ފޮއްސިވުމަކީ ބަލި ފެތުރުމުން ފެންނަ އަލާމާތަކަށް ވެދާނެއެވެ. މިގޮތުން، ކެންސަރުގެ އަސަރު ރަހިމުގެ ދޮރުން ބޭރުވެ، ކުރިމަތީފަރާތުގެ ހަތާތަކަށް ބަދަލުއައިސް ކުރިމަތިފަރާތުން ބޮޑުކަމުދާ ތަކެތީގެ އަސަރު ފެނުމާއި އިޚްތިޔާރެއްނެތި ކުޑަކަމުދެވޭގޮތްވެއެވެ. މިކަމުގެ ސަބަބުން ކުޑަކަމުދާ ނިޒާމުގެ ބަލިތައް އިތުރުވެއެވެ.

ޑރ. އަމްރު ވިދާޅުވިގޮތުގައި މި ކެންސަރު ޖެހުމުގެ ފުރަތަމަ އަލާމާތްތަކުގެ ތެރޭގައި އަންހެން މީހާގެ ކުރިމަތި ފަރާތުގައި ގޮށްލުން ހިމެނެއެވެ. ނަމަވެސް އެފަދަ އަލާމާތެއް ނުފެނި ވެސް ކެންސަރު ޖެހިފައި އެބަހުރި ކަމަށް އަމްރު ވިދާޅުވިއެވެ.

ރައްކާތެރިވެވޭނީ ކިހިނެއް؟

ޑރ. އަމްރު ވިދާޅުވިގޮތުގައި މި ކެންސަރުން ރައްކާތެރިވުމަށް އެންމެ މުހިންމު ކަމަކީ ނަހަމަ ޖިންސީ ގުޅުންތައް ނުހިންގުމާއި އެފަދަ ގުޅުންތައް ހިންގާ ބައިވެރިއަކު އިޚުތިޔާރު ނުކުރުމެވެ. ހަމައެއާއެކު ފުރަތަމަ ފަހަރަށް ޖިންސީ ގުޅުން ހިންގުމުގެ ކުރިން އުމުރުން 12 އަހަރާއި 16 އަހަރާ ދެމެދުގެ އަންހެން ކުދިން އެޗްޕީވީ ވެކްސިން ޖެހުން ވަރަށް މުހިންމު ކަމަށް އަމްރު ވިދާޅުވިއެވެ.

އެޗްޕީވީ ވެކްސިން ރާއްޖެއަށް ތައާރަފްކުރުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދު ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެހެންކަމުން 2019 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ވަނީ އެ ވެކްސިން ދޭން ފަށައިފައެވެ. އެހެންކަމުން އެ ވެކްސިން ޖެހުމަށް ޑޮކްޓަރުން ލަފާދެއެވެ.

އެޗްޕީވީ ވެކްސިނުގެ ސަބަބުން ރަހިމުގެ ދޮރަށް ކެންސަރު ޖެހުން އިތުރުވުމަށް އޮތް ފުރުސަތު 89.4 ޕަސެންޓް ކުޑަކުރެވިދާނޭ ކަމަށް ދިރާސާގައި ބުނެފައި ވެއެވެ.

ޑރ. އަމްރު ވިދާޅުވިގޮތުގައި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ދެނެގަތުމަށްޓަކައި ސްކްރީންކުރުމަކީ މި ކެންސަރުން ދިފާއުވުމަށް ކުރެވޭނެ އެންމެ މުހިންމު ކަންތަކެވެ. ގަވާއިދުން ސްކްރީން ކުރާނަމަ، ކެންސަރަށް ބަދުލުވުމުގެ ކުރިން ނުވަތަ ކެންސަރުގެ ކުރީކޮޅުގައި ބަލި ދެނެގަނެވި، ފަރުވާދީ، ގިނަ ބައެއް މިބަލިން ސަލާމަތްކުރެވޭނެއެވެ.

ކެންސަރު ސެލްސް: މި ބަލީން ސަލާމަތްވެ ތިބުމަށްޓަކައި ބަލީގެ އަލާމާތްތައް ދެނެގަތުން މުހިންމު ---

މިކެންސަރަށް ސްކްރީންކުރުމަށްޓަކައި ހަދަނީ މައިގަނޑު ދެ ޓެސްޓެކެވެ. އެއީ ޕެޕް ސްމިއާ އާއި ވިޝުއަލް އިންސްޕެކްޝަން ވިތް އެސަޓިކް އެސިޑް އެޕްލިކޭޝަން (ވީއައިއޭ)އެވެ. ޕެޕްސްމިއާ ހަދަން ނަގަނީ ވަރަށް ކުޑައިރުކޮޅެކެވެ.

ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ދެނެގަތުމަށް އެންމެ އާންމުކޮށް ހަދާ ޓެސްޓަކީ ޕެޕްސްމިއާ ޓެސްޓެވެ. މިޓެސްޓަކީ ޖިންސީގޮތުން ހަރަކާތްތެރިވާ 18 އަހަރާއި 60 އަހަރާދެމެދުގެ ހުރިހާ އަންހެނުން ކޮންމެ ތިން އަހަރަކުން އެއްފަހަރު ހަދަން މުހިންމު ޓެސްޓެކެވެ. ޓެސްޓުގެ ނަތީޖާގެ މައްޗަށް ބިނާކޮށް ޑޮކްޓަރު ދެއްވާ އިރުޝާދުގެ މަތިން މިޓެސްޓު މިއަށް ވުރެން އަވަހަށްވެސް ހަދަން ޖެހިދާނެއެވެ.

ޕެޕްސްމިއާ އިން ނުވަތަ ވީއައިއޭއިން ރަހިމުގެ ދޮރުގެ ސެލްތައް އާންމުކޮށް ހުންނަ ގޮތްނޫން ތަފާތު ގޮތަކަށް ހުރިކަމަށް ނަތީޖާ ފެނިއްޖެ ނަމަ، އެތަނުން މަސްކޮޅެއްނަގައި (ބަޔޮޕްސީ) ޓެސްޓުކުރަންޖެހެއެވެ. ޓެސްޓުކުރުމަށްޓަކައި މަސްކޮޅެއް ނަގަނީ ކޮލްޕޯސްކޯޕްގެ އެހީގައެވެ. ބަލީގެ ފަރުވާ ބިނާކުރާނީ ބަޔޮޕްސީގެ ނަތީޖާއަށް ވެސް ރިޔާއަތްކޮށްގެންނެވެ.

ރަހިމުގެ ދޮރަށްޖެހޭ ކެންސަރުހުރިކަން ބަޔޮޕްސީގެ އެހީގައި ސާބިތުވެއްޖެނަމަ، އެހެނިހެން ގުނަވަންތަކަށް އަސަރުކޮށްފައިވޭތޯ ބެލުމަށްޓަކައި އިތުރު ތަހުލީލްތައްކުރަންޖެހެއެވެ. ބަލިހުރި މަރުހަލާ ނުވަތަ 'ސްޓޭޖް' ހޯދުމަށެވެ.

މި ބައްޔަށްދެވޭ ފަރުވާ ބިނާވެގެންވަނީ ބަލީގެ ސްޓޭޖް ނުވަތަ މަރުހަލާއަށެވެ. މިކެންސަރުގެ ހަތަރު މަރުހަލާއެއްވެއެވެ. މިބަލީގެ ނުރައްކާތެރިކަން އެންމެ ބޮޑަށް ފެށެނީ ދެވަނަ މަރުހަލާއިންނެވެ. އެއީ ރަހިމުގެ ދޮރުން ބޭރަށް ކެންސަރުގެ އަސަރުކުރަން ފަށާ ހިސާބެވެ. ތިން ވަނަ މަރުހަލާގައި އެހެނިހެން ގުނަވަންތަކަށް މިބަލީގެ އަސަރުކޮށް ދާދި ކުރު މުއްދަތެއްގައި ބަލިމީހާގެ ހާލަތު ނާޒުކުވެޔެވެ.

ކެންސަރަށް ބަދަލުވުމުގެ ކުރިން ނުވަތަ ބަލީގެ ކުރީކޮޅުގައި ދެވޭ ފަރުވާއަކީ ކްރަޔޯތެރަޕީ އާއި ލޫޕް އިލެކްޓްރިކް އެކްސިޝަން ޕްރޮސީޖާ ނުވަތަ ލީޕްއެވެ. މިދެގޮތުން ވެސް، ކޮލްޕޯސްކޯޕެއްގެ އެހީގައި ރަހިމުގެ ދޮރުން ބަދަލުއައިސްފައިވާ ހިސާބު ނަގައެވެ. އޮޕަރޭޝަންކޮށްގެން ރަހިމުގެ ދޮރު ނެގުން ނުވަތަ ރަހިމާއެކު ރަހިމުގެ ދޮރުނެގުމާއި، ކެންސަރުގެ އަސަރުކޮށްފައިވާ ހިސާބު ނަގަންވެސް ޖެހިދާނެއެވެ. މީގެ އިތުރުން، އެހެނިހެން ކެންސަރުތަކެކޭ އެއް ފަދައިން ރޭޑިއޭޝަނާއި ކީމޯތެރަޕީވެސް ދެވެއެވެ.

ބަލީގެ އެންމެ ފަހު މަރުހަލާގައި ދެވޭނެ މާބޮޑު ފަރުވާއެއް ނޯވެއެވެ. ރިހުންކުޑަކުރުމާއި އެހެނިހެން އުނދަގޫތައް ކުޑަކުރުމުގެ ނިޔަތުގައި ދެވޭ ބޭސް ފިޔަވައެވެ.

ރާއްޖޭގެ ހާލަތަށް ބަލާއިރު މި ނުރައްކާތެރި ބަލި ފެތުރޭ މައިގަނޑު ސަބަބުއޮތީ ކަންބޮޑުވާން ޖެހޭ ހާލަތުގައެވެ. ނަހަމަ ޖިންސީ ގުޅުން ހިންގުމަކީ ރާއްޖޭގައި ވެސް އާއްމު މައްސަލައެކެވެ. އެހެންކަމުން އެއީ މިފަދަ ބަލިތަކަށް އެތައް އަންހެނުނެއް ހުށަހެޅޭނެ ސަބަބެކެވެ. އެހެންކަމުން އެ ކަހަލަ ނުރަނގަޅު އާދަތަކާ ދުރުވާން އެބަޖެހެއެވެ. ހަމައެއާއެކު ވެކްސިން ޖެހުމާއެކު ގަވައިދުން ސްކްރީން ކުރުމާއެކު ސިއްހީ ރަނގަޅު އާދަތަކާއެކު ދިރިއުޅެން ޖެހެއެވެ. މި ނުރައްކާތެރި ބަލިން ސަލާމަތް ވެވެން އޮތީ އޭރުންނެވެ.

comment ކޮމެންޓް