ރާއްޖެއިން މިހާރު ކިނބޫ ފެންނަނީ ކީއްވެ؟

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބޮލިދުއްފަރު ގޮނޑުދޮށާ ކައިރިން ފެނުނު ކިނބޫ --- ފޮޓޯ/ އެމްވީކްރައިސިސް

ކިނބުލަކީ ރާއްޖޭގައި އުޅޭ އެއްޗަކަށް ނުވާއިރު ދުވަސްކޮޅު ކޮޅުން ރާއްޖޭގެ އެކި ހިސާބުތަކުން ކިބޫ ފެނެއެވެ. ނަމަވެސް އެއީ ކީއްވެ ވާ ކަމެއްކަން ގިނަ ދިވެހިންނަށް އޮންނަނީ ނޭނގިއެވެ.

ވަރަށް ފަހަކާ ޖެހެންދެން ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަކީ ވެސް އެގޮތަށް ހިފި ކިނބުލެކެވެ. އެ ކިނބޫވެސް ހިފީ އަހަރުގެ ކުރީކޮޅުގައެވެ. އޭގެ ފަހުން ވެސް ރާއްޖޭގެ އެކި ހިސާބުތަކުން އެކި ދުވަސް ވަރު ވަނީ ކިނބޫ ފެނިފައެވެ.

އެގޮތުން ދާދި ފަހުން ވެސް ކ. ބޮލިދުއްފަރު ކައިރިން ބޮޑު ކިނބުލެއް ފެނިފައިވެއެވެ. ހަމައެގޮތަށް ހއ. ހޯރަފުށީ ކައިރިން ވެސް އިއްޔެ ވަނީ ކުޑަ ކިނބުލެއް ފެނިފައެވެ.

ބައެއް އަހަރުތަކުގައި ކިނބޫ ފެންނަ މިންވަރު ތަންކޮޅެއް ގިނައެވެ. އެއް ދުވަސްކޮޅެއްގައި ކިނބޫ ދެކެ ބިރުން ވެސް ދިވެހިން އުޅުނެވެ. އެއީ އެ ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުން ކިނބޫ ފެންނަ މިންވަރު އިތުރުވުމުންނެވެ.

ރާއްޖޭގެ ކަނޑުފަޅުތަކަކީ އަމާން ރައްކާތެރިތަނަކަށްވާއިރު ދޭތެރެއަކުން ނަމަވެސް ކިނބޫ ރާއްޖެއިން ފެންނަނީ ކީއްވެތޯ މީހުން އެނގެން ބޭނުންވެއެވެ.

އުނގުލުފިނޮޅާއި ހުވަހަންދޫއާ ދެމެދުން ހިފި ކިނބޫ -- ފޮޓޯ/ އެމްއެންޑީއެފް

އެކަމާ ގުޅޭގޮތުން ރާއްޖޭގެ ތައުލީމީ ނިޒާމާއި މަސްވެރިކަމުގެ ދާއިރާއަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ އަދި ފިޝަރީޒް ސައިންސް ފޮތް ލިޔުއްވި ޑރ. އަޙްމަދު ރިޔާޒު ޖައުހަރީ މިއަދު "ސަން"އަށް ވިދާޅުވީ ރާއްޖެއިން ދޭތެރެއަކުން ކިނބޫ ފެނުމަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އޮޔާވަޔަށް އަންނަ ބަދަލުތަކުން ވާ ކަމެެއް ކަމަށެވެ.

"މިއީ އިރުވާ މޫސުން ފެށޭ ދުވަސްކޮޅު. މި ދުވަސްކޮޅު ވައިޖެހޭނީ އިރުން ހުޅަނގަށް. ދެން ރާއްޖޭގެ އިރުމަތީގައިވާ ގައުމުތަކުގެ އައްސޭރިން އެ އަންނަނީ ކިނބޫ. އެއީ އާއްމުކަމެއް،" އޭނާ ވިދާޅުވިއެވެ.

ޑރ. ރިޔާޒް ވިދާޅުވި ގޮތުގައި ރާއްޖެއިން އާއްމުކޮށް ކިނބޫ ފެންނާނީ މި ދުވަސްކޮޅުއެވެ.

ރާއްޖޭގެ އިގްތިސާދު ބިނާވެފައިވަނީ ޓޫރިޒަމަށެވެ. ރާއްޖޭގެ ކަނޑުތަކާއި ގޮނޑުދޮށްތަކަކީ ޓޫރިސްޓުންނަށް އަމާންތަންތަނެވެ. ރާއްޖެ އެހާ މަޝްހޫރީވެސް އެހެންވެއެވެ. ސުވާލަކީ މިގޮތަށް ކިނބޫ ފެންނަން ފެށުމުން އޭގެ ނުރަނގަޅު އަސަރު ޓޫރިޒަމަށް ކޮށްފާނެތޯއެވެ؟ އަދި މިއީ ނުރައްކާ ކަމެއް ތޯއެވެ؟

ރާއްޖެއިން ކިނބޫ ފެނުމާ ގުޅޭ ގޮތުން، އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ނައީމް މިއަދު "ސަން"އަށް ވިދާޅުވީ ރާއްޖެއިން ކިނބޫ ފެނުމަކީ ނުރައްކާތެރި ކަމެއް ނޫން ކަމަށެވެ.

"ދުވަސްކޮޅު ކޮޅުން ފެނުން އާއްމު ކަމަކީ. އެކަމަކު އެއީ އޮޔާވައި ހުންނަ ގޮތުގެ ސަބަބުން. އެގޮތަށް ބަލަންޏާ އެހެން ފެނުމަކުން އެއްވެސް ކަހަލަ ނުރައްކަލެއް އޮތް ކަމެއް ނޫން އެއީ،" އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން އެގޮތަށް ކިނބޫ ފެންނަނީ ޑިސެމްބަރު މަހާ އޭޕްރީލް މަހާ ދެމެދުގައެވެ.

މިހާތަނަށް ރާއްޖޭން ކިނބުލެއް މީހަކަށް ހަމަލާދީފައިވާ ކަމެއް އެނގޭކަށް ނެތެވެ. ތަޖުރިބާކާރުން ބުނަނީ މިއީ ބިރުގަންނަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

comment ކޮމެންޓް