ޓްވިޓާއިން އިޝްތިހާރު ނުފެންނަ ގޮތް ހެދޭނެ އިންތިޒާމެއް ހަމަޖައްސަނީ

ޓްވިޓާ ބޭނުންކުރާއިރު އެއްވެސް އިޝްތިހާރެއް ނުފެންނަ ގޮތް ހެދޭނެ ސަބްސްކްރިޕްޝަން ޕެކެއް ތައްޔާރުކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ.

ޓްވިޓާ މެދުވެރިކޮށް އެ ސަބްސްކްރިޕްޝަނާ ބެހޭ މައުލޫމާތު ކުންފުނީގެ ވެރިޔާ އީލޯން މަސްކް އެވެ. އޭނާ ކުރި ޓްވީޓްގައި ބުނެފައި ވަނީ އިޝްތިހާރުތައް ޓްވިޓާގައި ވަރަށް ގިނަ ވެފައި ބޮޑު ކަމަށެވެ. އަދި ކުރިއަށް އޮތް ހަފުތާތަކުގައި އެ ދެ މައްސަލައަށް ހައްލެއް ގެނައުމަށް ފިޔަވަޅުތައް އަޅާނެކަމަށްވެސް އެޓްވީޓްގައިވެއެވެ.

އެއަށް ފަހު މަސްކް ކުރި ޓްވީޓެއްގައި ވަނީ އެއްވެސް އިޝްތިހާރެއް ނުފެންނަ ގޮތަށް ހެދޭނެ ސަބްސްކްރިޕްޝަނެއް އިއުލާން ކުރާނެ ކަމަށް ބުނެފައެވެ.

މިދިޔަ އޮކްޓޯބަރު މަހު މަސްކް ޓްވިޓާއާ ހަވާލުވި ފަހުން އެ ކުންފުންޏަށް އިޝްތިހާރުން ލިބޭ އާމްދަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ދާދި ފަހުން ޝާއިއުކުރި ރިޕޯޓެއްގައިވާ ގޮތުން ޓްވިޓާއަށް ދުވާލަކު ލިބޭ އާމްދަނީ މީގެ އަހަރެއްހާ ދުވަސް ކުރިއާ އަޅާބަލާއިރު ވަނީ 40 ޕަސެންޓް ދަށްވެފައެވެ.

މަސްކް އެ ސަބްސްކްރިޕްޝަން ތައާރަފު ކުރަން މަސައްކަތް ކުރާއިރު ޓްވިޓާއަށް އާމްދަނީ ލިބޭ މައިގަނޑު ވަސީލަތަކީ އިޝްތިހާރުތަކެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އިޝްތިހާރު ބްލޮކިން ސޮފްޓްވެއާގެ މަގުބޫލުކަން އިތުރުވެ، ސަބްސްކްރިޕްޝަން ޚިދުމަތްތަކަށް ބަދަލުވާ މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

އެ ސަބްސްކްރިޕްޝަންއަށް ނަގާނެ އަގެއް އަދި ނޭނގުނު ނަމަވެސް މިހާރު ލިބޭ ސަބްސްކްރިޕްޝަންތަކަށް ވުރެ އޭގެ އަގު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން އާ ސަބްސްކްރިޕްޝަންއިން ލިބޭނެ އިތުރު ފީޗާތައް ނުވަތަ ފައިދާތަކަކީ ކޮބައިކަމެއް ވެސް ޓްވިޓާއިން ރަސްމީކޮށް ހާމަކޮށްފައިނުވެއެވެ.

ޓްވިޓާއިން އިޝްތިހާރުތައް ފެނުމުން ފޫހިވާ ބައެއް މީހުން މި ބަދަލަށް މަރުހަބާ ކިޔާނެ ކަމަށް ބެލެވުނަސް، އެކަމާ މެދު ޝައްކު އުފެދުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އަބަދުވެސް ހިލޭ ލިބޭ ޚިދުމަތެއް ބޭނުން ކުރަން އިތުރު ފައިސާ ދައްކަން ޖެހެނީ ކީއްވެތޯ ބައެއް މީހުން ސުވާލު އުފައްދައި، ޓްވިޓާ ބޭނުން ކުރަން ފައިސާ ދައްކަން ޖެހުމާ މެދު ބައެއް މީހުން ކަންބޮޑުވުން އެކަށީގެންވެއެވެ.

އާ ސަބްސްކްރިޕްޝަންއާ ބެހޭ މައުލޫމާތު ޓްވިޓާއިން ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އިއުލާނު ކުރާނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް