ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަކީ ޓީމް ލީޑަރެއް ކަމަށާއި އެމަނިކުފާނަކީ ޓީމް ކެޕްޓަނެއް ކަމަށް ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް މިރޭ ވިދާޅުވެެއްޖެއެވެ.
އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ ކުރިއަށް ދިޔަ ރައީސް ޞާލިހުގެ ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ރައީސްގެ ފަރާތްފުޅުން އެންމެ ފުރަތަމަ ވެސް ފާހަގަ ކުރެވުނު އެއްކަމަކީ އެމަނިކުފާނަކީ ޓީމް ކެޕްޓަނެއްކަން ކަމަށެވެ.
"ރައީސްއަކީ ޓީމް ކެޕްޓަނެއް، ޓީމްގެ ލީޑަރެއް. ލިބޭ ފަޚުރެއްގައި ޓީމުގެ ބައިވެރިވުން އޮވޭ. ދިމާވާ ކޮންމެ ދައްޗެއްގައި ޓީމަށް ހިތްވަރުދެއްވާ. މިކަމުގެ އެންމެ އަސާސީ ސިފަޔަކީ އަޑުއެއްސެވުން. އަޅުގަނޑު ހަނދާން ހުރޭ ކޮންމެ ރެއަކު ރައީސް ދެ ގަޑިއިރު ތިން ގަޑިއިރު ހޭދަކުރެއްވި މުޅި ޓީމާއެކު ރާއްޖޭގައި ހިނގަމުންދާ ކަންތައްތައް ބެއްލެވުމުގައި،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ މިރޭ އެ ޕޯޑިއަމުގައި ވާހަކަދައްކަވަން ހުންނެވީ ވަޒީފާއެއް އޮވެގެނެއް ނޫން ކަމަށެވެ. އަދި ރައީސްއަށް ތާއިދު ކުރައްވައިގެން އެއްޗެއް ލިބޭތީ ނުވަތަ ހޯދާކަށްވެސް ނޫން ކަމަށެވެ.
ރައީސްއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ މަބްރޫކް ވިދާޅުވީ އެމަނިކުފާނަކީ ބަހުގެ އިތުބާރު ހިފޭ ބޭފުޅެއް ކަމަށެވެ. ރައީސް ޞާލިޙު ވައުދެއް ވެއްޖެނަމަ އެ ވައުދު ފުއްދަވާނެ ކަމުގެ ޔަގީންކަން އަބަދުވެސް އޮންނަ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑްގެ ބިރުވެރިކަން ރާއްޖެއާ ހިސާބަށް އައުމާއެކު ސަރުކާރުން އަމަލުކުރި ގޮތަށް އަލިއަޅުއްވާލައްވަމުން މަބްރޫކް ވިދާޅުވީ އެ އުނދަގޫ ވަގުތުގައި ވެސް ރައީސް ޞާލިޙު ދެއްވި ހިތްވަރު ހަނދާން ނުނެތޭނެ ކަމަށެވެ. މަބްރޫކް ވިދާޅުވީ އެ ދަތި އުނދަގޫ އަދި މާޔޫސީ ވަގުތުގައި ރައީސް ދެއްކެވި ލީޑާޝިޕާއި ދެއްކެވި ހިތްވަރަކީ ރައީސަށް ތާއީދު ކުރެވޭ ބޮޑު ސަބަބެއް ކަމަށެވެ.
"އަޅުގަނޑު ހިތުން ފިލައިގެން ނުދޭ، އެ ދުވަހުގެ ބިރުވެރިކަމާއި މާޔޫސްކަމުގައި ރައީސް އަޅުގަނޑުމެންނަށް ދެއްވި ހިތްވަރު. ކޮވިޑުން އަރައިގަތުމަށް ކުރި މަސައްކަތަކީ އަޅުގަނޑު ރައީސަށް ތާއީދު ކުރަން ނިންމި އެއް ސަބަބު،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ މިއަދު އެންމެ މުހިންމު އެއް ކަމަކީ ތަފާތު ފިކުރާއެކު މަސައްކަތް ކުރެވޭނެ މީހެއް ހޯދުން ކަމަށެވެ. އެކަމުގައި ވެސް ރައީސް ދައްކަވާފައިވާ ނަމޫނާ މަބްރޫކް ފާހަގަކުރެއްވިއެވެ.
މަބްރޫކް ވިދާޅުވީ ރައީސް ޞާލިޙަކީ ތަފާތު ފިކުރުގެ މީހުންނާއެކު މަސައްކަތް ކުރުމުގެ ގާބިލުކަން ލިބިފައިވާ ބޭފުޅެއް ކަމަށެވެ. މަބްރޫކް ވަނީ ރައީސް އަކީ ހިންގުންތެރި ދުރުވިސްނޭ ބޭފުޅެއް ކަަމަށް ވެސް ވިދާޅުވެފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނަކަށް މަބްރޫކް ހަމަޖެއްސީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެކެއްގައެވެ. އޭގެ ކުރިން އޭނާ ހުންނެވީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައެވެ.
މަބްރޫކް ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމުން އިސްތިއުފާ ދެއްވައި ސިޔާސީ މައިދާނުން ދުރަށް ޖެހިވަޑައިގަތީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގައެވެ.
އޭނާ އާންމުންގެ ތެރޭގައި މަގުބޫލްވީ ކޮވިޑް ބަލިމަޑުކަން ފެށިގެން އައި ދުވަސްކޮޅު ނެޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނެއްގެ ދައުރު އަދާ ކުރެއްވުމުންނެވެ.