އޮލިމްޕަހުގައި އަޅުވާ ފުރަތަމަ ފިލްމް "ބީވީމާ"ގެ ޓިކެޓް ވިއްކަން ފަށައިފި

މަރާމާތަށް ފަހު ދިވެހިންގެ ތިއޭޓަރު އޮލިމްޕަސް އަލުން ހުޅުވާއިރު އެންމެ ފުރަތަމަ އަޅުވާ ފިލްމު "ބީވީމާ"ގެ ޓިކެޓު ވިއްކަން ނެޝަނަލް ސެންޓާ ފޯ އާޓްސް (އެންސީއޭ)އިން މިއަދު ފަށައިފިއެވެ.

މި ފިލްމް އޮލިމްޕަހުގައި ދައްކާނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.

"ބީވީމާ"ގެ ލީޑް ރޯލުން ފެންނާނީ މަރިޔަމް އަޝްފާ، އައިމިނަތު ރަޝްފާ, އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) އަދި އާދަމް ޒިދާން (ނާނަ) އެވެ.

މި ފިލްމު ލިޔެ ޑައިރެކްޓް ކޮށްފައި ވަނީ މަޝްހޫރު ސްކްރީން ރައިޓާ އަހުމަދު ޒަރީރެވެ. ފިލްމުގެ ޕްރޮޑިއުސަރުންނަކީ މުހައްމަދު އަލީ މޮގާގެ އިތުރުން ޢާއިޝަތު ފުއާދު ތަޢުފީޤްއެވެ. ކެމެރާކޮށްފައި ވަނީ ސިނަމޮޓޮގްރާފަރު އިބްރާހިމް ވިސާން (ކަނޑި)އެވެ. އަދި، ޕޯސްޓްޕްރޮޑަކްޝަން ހަދާފައިވަނީ ޑައިރެކްޓަރު ޢަލީ ޝިފާޢު (ޗިއްޕެ)އެވެ.

ކޮވިޑާ ގުޅިގެން އޮލިމްޕަސް މަރާމާތަށް ބަންދުކުރީ 2020 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އެއަށްފަހު އެތަން އަލުން ހުޅުވާނެ ގިނަ ތާރީޚުތަކެއް އެންސީއޭއިން ދީފައިވެއެވެ. އޮލިމްޕަސް ހުޅުވުން ލަސްވާތީ އާންމުންގެ އިތުރުން ފިލްމީ ތަރިންނާއި ފިލްމު އުފައްދާ މީހުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ދިވެހި ފިލްމު އެޅުވުމަށް ޚާއްސަކޮށް ހުންނަ ހަމައެކަނި ސިނަމާ ކަމަށްވާ އޮލިމްޕަސް ހުޅުވީ 1959 ވަނަ އަހަރެވެ.

comment ކޮމެންޓް