އެފްޑީސީ ފްލެޓުތައް: ފުރަތަމަ 13 ޓަވަރަށް އަންނަ އޮގަސްޓު މަހު ވަދެވޭނެ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރާ 4،000 ހައުސިން ޔުނިޓުގެ މަސައްކަތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އެތަނަށް ވަޑައިގަތުން--- ފޮޓޯ/ ރައީސް އޮފީސް

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރާ 4،000 ހައުސިން ޔުނިޓުގެ މަޝްރޫއުގެ ދަށުން ފުރަތަމަ އަޅާ 13 ޓަވަރަށް، އަންނަ އޮގަސްޓް މަހު މީހުންނަށް ވަދެވޭވަރު ވާނެ ކަމަށް އެ ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.

އެފްޑީސީގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ކޯޕްރޭޓް އެފެއާޒް މެނޭޖަރު އަހުމަދު ޝަމޫލް އަބްދުﷲ 'ސަން'އަށް ވިދާޅުވީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ދާ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ނުވަތަ "އުދަރެސް"ގައި ހިމެނޭ 13 ޓަވަރުގެ މަސައްކަތް އަންނަ މޭ މަހު ނިމި، އެ ތަންތަނަށް ބޭނުންވާ ފެނާއި ކަރަންޓު ފޯރުކޮށްދޭން ފަށާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ފްލެޓްތަކަށް އަންނަ އޮގަސްޓް މަހުގެތެރޭގައި މީހުންނަށް ވަދެވޭވަރު ވާނެ ކަމަށެވެ.

އެ ކޯޕަރޭޝަނުން އަޅާ ފްލެޓްތުތަކުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ މިއަދު ބައްލަވާލައްވާފައެވެ.

އެތަނަށް ވަޑައިގެން، އެމަނިކުފާނު ވަނީ ފްލެޓުތަކުގެ މޮޑެލް އެޕާޓްމަންޓަކަށް ވަޑައިގެން، ނިމިފައި ހުންނަ އެޕާޓްމަންޓެއް ހުންނާނެ ގޮތް ބައްލަވާލައްވާފައެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރާ 4،000 ހައުސިން ޔުނިޓުގެ މަސައްކަތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އެތަނަށް ވަޑައިގަތުން--- ފޮޓޯ/ ރައީސް އޮފީސް

އެފްޑީސީއިން ބުނީ ހައުސިން ޔުނިޓު އަޅާނީ 18 ފްލޯ ހިމެނޭ 32 ޓަވަރުގައި ކަމަށެވެ. ފްލެޓުތައް އަޅަން އެފްޑީސީން ހަވާލުކޮށްފައިވަނީ ނޭޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކުންފުނި (އެންބީސީީސީ)އާއި ޖޭއެމްސީ ޕްރޮޖެކްޓްސްއާއެވެ. އެެއިން ކޮންމެ ކުންފުންޏަކާ 16 ޓަވަރު ވަނީ ހަވާލު ކޮށްފައެވެ.

މި ދެ ކުންފުންޏާ ހަވާލު ކޮށްފައިވަނީ ތިން ކޮޓަރީގެ 1400 ފްލެޓާއި ދެ ކޮޓަރީގެ 600 ފްލެޓު އެޅުމަށެވެ. ތިން ކޮޓަރީގެ ފްލެޓުތަކުގައި 900 އަކަފޫޓު ހުންނާނެއެވެ. އަދި ދެ ކޮޓަރީގެ ފްލެޓުތަކުގައި 650 އަކަފޫޓު ހުންނާނެއެވެ.

އެ ފްލެޓުތައް އަޅަން އިންޑިއާގެ އެގްޒިމް ބޭންކުން ދެ ލޯނެއްގެ ގޮތުގައި 227 މިލިއަން ޑޮލަރު ދީފައިވެއެވެ. އެއީ 116.45 މިލިއަން ޑޮލަރުގެ ލޯނަކާއި 110.5 މިލިއަން ޑޮލަރުގެ ލޯނެކެެވެ. އެ ލޯންތަކަށް ސަރުކާރުން ވަނީ ސޮވެރިން ގެރެންޓީ ދީފައެވެ.

މި ސަރުކާރުން ވައުދުވެފައިވަނީ ފަސް އަހަރުތެރޭގައި މާލެ ސަރަހައްދުގައި 13،000- 15،000 ފްލެޓު އަޅާށެވެ.

comment ކޮމެންޓް