މިރޭ 12 އާ ހަމައަށް ބަހުގެ ޚިދުމަތް މެދުކަނޑާލަނީ

މަޖީދީމަގުން މިނީ ބަހެއް ދުއްވާފައި ދަނީ --- ސަން ފޮޓޯ/ ނާއިލް ހުސައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގަންނަވާ އެމްޑީޕީގެ ޖަލްސާއެއް މިރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބާއްވަން ހަމަޖެހިފައިވާތީ، އެމްޓީސީސީގެ ބައެއް ބަސް ދަތުރުތައް މެދު ކަނޑާލުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ، މިރޭ 8:00 އިން ފެށިގެން 12:00 އާ ދެމެދު ކާނިވަލުން ފޭސް 1 އަށް، ކާނިވަލުން ހުޅުމާލެ ފޭސް 2 އަށް، އަދި އަމީނީ ރޫޓާއި ސޯސަން ރޫޓުން ދަތުރު ކުރާ މިނީ ބަހުގެ ޚިދުމަތް މެދުކަނޑާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން، އޯކިޑް މިނީ ބަސް ރޫޓަށް ބަދަލުތަކެއް ގެނައުމަށް އެކުންފުނިން ވަނީ ނިންމާފައެވެ. އެގޮތުން، ކުރިން ހުއްޓަމުން އައި ޖެޓީ ނަމްބަރު ފަހެއް ސްޓޮޕާއި، އެމްޓީސީސީ ޓަވަރު ސްޓޮޕާއި، ކާނިވަލް ސްޓޮޕާއި، އާޓިފިޝަލް ބީޗް ސްޓޮޕާއި މުނި އުފާ ސްޓޮޕަށް މަޑު ނުކުރާނެ ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.

އޭގެ ބަދަލުގައި އޯކިޑް ރޫޓު ދެން މަޑު ކުރާނީ، ވެލާނާގެ ކައިރިއަށާއި، މަޖީދިއްޔާ ސްކޫލް ކައިރިއަށެވެ. އެއަށްފަހު ކުރިން ވެސް މަޖީދީމަގުގައި ހުއްޓަމުން އައި ސްޓޮޕްތަކަށް ހުއްޓާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ޖަލްސާ ނިމުމަށްފަހު ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 އަށް ކުރަން ހަމަޖެހިފައިވަނީ އެއް ދަތުރު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

comment ކޮމެންޓް