މިއަދު ބޭނުންވާ އެންމެ މުހިންމު އެއް އިލްމަކީ ޓެކްނިކަލް ވޮކޭޝަނަލް އިލްމު: މިނިސްޓަރު

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ޙަސަން--- ފޮޓޯ/ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ދުނިޔޭގައި ތިބުމަށް ބޭނުންވާ އެންމެ މުހިންމު އެއް އިލްމަކީ ޓެކްނިކަލް ވޮކޭޝަނަލް އިލްމު ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ޙަސަން ވިދާޅުވެއްޖެއެވެ.

ޕޮލިޓެކްނިކުން މި އަހަރުގެ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ އޮރިއެންޓޭޝަން ޕްރޮގްރާމް ޝަރަފުވެރި ކޮށްދެއްވާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ވޯކްޝޮޕްތަކެއް ނޫނަސް، ސިލްސިލާ ތަމްރީނުތަކުގައި ވެސް ވޮކޭޝަނަލް އެޑިއުކޭޝަނަކީ މުހިންމު އިލްމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ތަހުޒީބީ ދުނިޔޭގައި އިގްތިޞާދީ އަދި އިޖުތިމާއީ ގޮތުން ނުވަތަ ސައިންޓިފިކް ގޮތުން ކުރިއަށް ދިޔުމަށްޓަކައި ވެސް މަސައްކަތުގެ ހުނަރާއި ތައުލީމު އެނގެންޖެހޭ ކަމަށެވެ.

"މަސައްކަތުގެ ހުނަރާއި ތައުލީމަކީ ހަގީގަތުގައި ސައިންޓިފިކް އިލްމު. ޓެކްނިކަލް މަސައްކަތްތަކުގައި ދިމާވާ މައްސަލަތަކުގެ ހައްލު މި ހޯދަނީ ސައިންސް މެދުވެރިކޮށް، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަންގެ ތެރެއިން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މަސައްކަތުގެ ތައުލީމާއި ހުނަރު ދަސްކުރުމަކީ ދުވަހަކުވެސް އޭގެއިން ދެރައެއް ލިބޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އޭގެ ސަބަބުން ގެއްލުމެއް ވާނެ ކަމެއް ވެސް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޙަސަން ވިދާޅުވީ ދިރިއުޅުން ބާއްޖަވެރިވެ، ދިރިއުޅުން ތަނަވަސްވެ، އުފާވެރި މުސްތަގުބަލެއް ހޯދުމަށްޓަކައި ކުރަން އެންމެ ރަނގަޅު އެއް ކަމަކީ މަސައްކަތްތައް ދަސްކުރުން ކަމަށެވެ.

'މާޒީގެ ޞަފުހާތަކުގެ ތެރެއިން ތަޖުރިބާތައް އަޑުއަހާ، އޭގެއިން އިބުރަތް ހާސިލު ކުރަން ޖެހޭ. ހަދާ ކޯސްތަކުގެ އިތުރުން އެހެން ކޯސްތަކުގެ މައުލޫމާތު ދަސްކުރުން ވަރަށް މުހިންމު،" މިނިސްޓަރު ވިދާޅުވިއެވެ.

އެކަން އެންމެ ރަނގަޅަށް ކުރެވޭނީ އެކަމުގެ ތަޖުރިބާހުރި ބައެއްގެ ކައިރިންކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެ ހުނަރުތައް ދަސްކުރެވޭނީ ވެސް އެކަމަށް ހިތްވަރުދޭ ތަނަކުން ކަމަށެވެ.

މިނިސްޓަރުގެ ވާހަކައިގައި އެމަނިކުފާނު ވަނީ ވަޒީފާގެ މާހައުލުގައި އުޅޭ މީހެއްގެ ކިބައިން ފެންނަން ޖެހޭ މުހިންމު ސިފަތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. މިނިސްޓަރު ވިދާޅުވީ ވަޒީފާއަށް ދާ މީހުން އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭ އެއް ކަމަކީ ގަޑިއަށް ފަރުވާތެރިވުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކޮންމެ ކޯހަކުން ތަމްރީނު ހާސިލު ކުރިޔަސް ޖުމްލަކޮށް ވޮކޭޝަނަލް އެޑިއުކޭޝަނަކީ ކޮބައިކަމާއި އޭގެ ބޭނުމާއި އޭގެ މުހިންމު ކަމާ މެދު ވިސްނާލުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ޕޮލިޓެކްނިކްގެ ބައެއް ޕްރޮގްރާމްތައް ފަރުމާކޮށްފައިވާ ގޮތުން އެ ފުރުސަތު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރޭނިން އޮތޯރިޓީ (ޓިވެޓް)އަކީ، ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރޭނިންގެ މަސައްކަތްތައް ކުރާނެ ސަރުކާރުގެ ވަކި މުއައްސަސާއެއް ރާއްޖޭގައި ގާއިމްކުރުމަކީ ބޭނުންތެރިކަމެއްކަމަށް ފެންނާތީ ރައީސް ނަޝީދުގެ ސަރުކާރުން 2011 ވަނަ އަހަރު އުފެއްދި އޮތޯރިޓީއެކެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ ނަމުގައި މުވައްސަސާއެއް އުފެއްދީ ވެސް ރައީސް ނަޝީދުގެ ވެރިކަމުގައެވެ. އެ އިދާރާ އުފެއްދީ 2010 ވަނަ އަހަރެވެ.

ޕޮލިޓެކްނިކަކީ ޒަމާނުއްސުރެ ޓެކްނިކަލް އަދި ވޮކޭޝަނަލް ކޯސްތައް ކުރިއަށްގެންދާ އިންސްޓްޓިއުޝަނެކެވެެ. އަދި އެތަނުން ކުރިއަށް ގެންދާ ގިނަ ކޯސްތަކަކީ ޕްރެކްޓިކަލް ބައިތައް ގިނަ އަދަދަކަށް ހިމެނޭ ކޯސްތަކެކެވެ.

comment ކޮމެންޓް