ކިންގް ސަލްމާން މިސްކިތުގެ ނަމާދުކުރާ ބައިގައި ހުންނަ އޭސީތައް މަރާމާތު ކުރުމަށް ތުރުކީގެ އެކްޕާޓުން އަންނަ ހަފުތާގައި ރާއްޖެ އަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެ މިސްކިތުގައި ނަމާދުކުރަން ބޭނުންކުރާ ދެ ފަންގިފިލާއަށް ވެސް ފިނިކުރަން ބޭނުންކުރާ ހަތަރު ޔުނިޓުގެ ތެރެއިން ތިން އޭސީ ޔުނިޓު ހަލާކުވެފައިވާތާ ގިނަ ދުވަސްތަކެއް މިވަނީ ވެފައެވެ.
އެ މައްސަލަ އަދިވެސް ހައްލުވެފައި ނުވާއިރު އެކަމުގެ ޝަކުވާ މިއަދު ސަލްމާން މިސްކިތުގައި ހުކުރު ނަމާދު ކުރި މީހުން ވެސް ވަނީ ކޮށްފައެވެ.
އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލު އިސްމާއީލް އަފްރާހު މިއަދު "ސަން"އަށް ވިދާޅުވީ އޭސީގެ މައްސަލަ ހައްލުކުރުމަށް ތުރުކީގެ ޓްކްނިކަލް ޓީމުން އެންމެ ފަހުން އަންނަން އޮތީ މިިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ކަމަށެވެ.
"އެކަމު އެކި ސަބަބުތަކާ ގުޅިގެން އެމީހުންނަށް ނާދެވުނީ. ދެން އެމީހުން އަންނަން އޮތީ އަންނަ އާދިއްތަ ދުވަހު،" އޭނާ ވިދާޅުވިއެވެ.
އަފްރާހު ވިދާޅުވިގޮތުގައި އޭސީ މަރާމާތުކުރުމަށް ބޭނުންވާ ސާމާނާއެކު އެކަމުގެ އެކްޕާޓުން އަންނަ ހަފުތާގައި ރާއްޖެ އައުމާއެކު އޭސީ މަރާމާތު ކުރުމުގެ މަސައްކަތް ފެށޭނެއެވެ.
އެއަށް ފަހު ސަލްމާން މިސްކިތުގެ އޭސީގެ މައްސަލަ މުޅިން ހައްލުވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަލްމާން މިސްކިތުގެ އޭސީތައް ހަލާކުވެފައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު ރާއްޖެއިން އެ އޭސީތައް މަރާމާތުކުރެވޭނެ އެއްވެސް ގޮތެއް ނެތްކަމަށާއި ރާއްޖެއިން އެ އޭސީ ޔުނިޓުތަކުގެ މަރާމާތަށް ބޭނުންވާ ތަކެތި ވެސް ނުލިބުނުކަމަށް އިސްލާމިކް މިނިސްޓްރީން މީގެ ކުރިން "ސަން"އަށް ވަނީ ބުނެފައެވެ.
އެހެންކަމުން ސަލްމާން މިސްކިތުގެ އޭސީ މަރާމާތުކުރުމަށް ތުރުކީގެ އެކްސްޕާޓުންނާއެކު އެ މަސައްކަތުގެ އެގްރީމަންޓުގައި ސޮއިކޮށްފައިވާ ކަމަށް އޭރު އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ މިސްކިތުގެ އޭސީތައް ހަލާކުވެފައި ހުރުމަކީ މިސްކިތް ބޭނުންކުރާ މީހުންގެ އެންމެ ބޮޑު ޝަކުވާއެވެ.
އޭސީތައް ހަލާކުވެފައި ހުރުމުން ނަމާދުކުރާ އެއްވެސް ބަޔަކަށް ފިނި ނުވާއިރު ވެންޓިލޭޝަން ރަނގަޅު ނަމަވެސް އެ ތަނުގައި މެންދުރު ވަގުތު ހުންނަނީ ހޫނުގަދަވެ އުދާސްވެފައެވެ.
ޚާއްސަކޮށް ހުކުރު ދުވަހު ގިނަ ބަޔަކު ހުކުރުކުރަން މިސްކިތަށް ދާއިރު އެ ދަތި އިހުސާސްކުރެވޭ ކަމަށް ގިނަ ބަޔަކު ބުނެއެވެ.