ފްރާންސްގައި ރިޓަޔާ ކުރާ އުމުރު މަތިކުރުން ހުއްޓުވުމަށް ހަޅުތާލު ކުރަނީ

ފްރާންސްގައި ރިޓަޔާ ކުރާ އުމުރު މަތިކުރުން ހުއްޓުވުމަށް ހަޅުތާލު ކުރަމުންދަނީ -- ފޮޓޯ/ ގެޓީ އިމޭޖަސް

ފްރާންސްގައި ރިޓަޔާ ކުރާ އުމުރު މަތިކުރުމާ ދެކޮޅަށް ހަޅުތާލު ކުރަން ފަށައިފިއެވެ.

އެ ހަޅުތާލުތައް ފަށާފައި ވަނީ ފްރާންސްގެ ރައީސް އެމެނުއެލް މެކްރޮންގެ ސަރުކާރުން ޕާލިމެންޓަށް ހުށަހަޅަން ތައްޔާރުވަމުންދާ ބިލަކާ ގުޅިގެންނެވެ. އެ ބިލު ފާސްކޮށްފިނަމަ ރިޓަޔާކުރެވޭ އުމުރު 62 އަހަރުން 64 އަހަރަށް ބޮޑު ވާނެއެވެ.

އެ ހަޅުތާލުތައް ފްރާންސްގެ 200އަށް ވުރެ ގިނަ ސިޓީގައި ކުރިއަށްދާއިރު އެންމެ ބޮޑު ހަޅުތާލެއް ބާއްވަނީ ވެރިރަށް ޕެރިސްގައެވެ. އެގޮތުން އިއްޔެ މެންދުރު ފަހު އެ ސިޓީގައި 10،000 މީހުން ހަޅުތާލުކުރިއެވެ.

އެ ހަޅުތާލުތައް އޮތް ސަރަހައްދުތަކުގައި ދަތުރުފަތުރަށް ބުރޫ އަރައި، ސްކޫލްތައް ބަންދުކުރަން ޖެހުނެވެ.

ފްރާންސްގެ އާ ރިޓަޔާމެންޓް ބިލާ ބެހޭ ގޮތުން މިމަހުގެ ކުރީކޮޅު ބޮޑުވަޒީރު އެލިޒަބަތު ބޯން ވިދާޅުވެފައި ވަނީ، އެގައުމުގެ މީހުންނަށް ފުރިހަމަ ޕެންޝަން ލިބޭނީ މަސައްކަތް ކުރާތާ 42 އަހަރު ކަމަށް ކަނޑައަޅާފައި އޮންނަ ގަވާއިދު 43އަށް ބަދަލުކުރަން ޖެހޭ ކަމަށެވެ.

ފްރާންސްގެ ޕާލިމެންޓްގައި މެކްރޮންގެ ޕާޓީއަށް އަޣުލަބިއްޔަތު ނެތުމުން، ބިލް ފާސްކުރުމަށް ޓަކައި ކޮންޒަވޭޓިވް ރިޕަބްލިކަން ޕާޓީގެ 60 ވަރަކަށް މެމްބަރުންގެ ތާއީދު އެ މަނިކުފާނު ހޯއްދަވަން ޖެހޭނެއެވެ. އެ ޕާޓީގެ ގިނަ މެމްބަރުން އެ ބިލަށް ތާއީދު ކުރި ނަމަވެސް، ބައެއް މެމްބަރުން ވަނީ ބިލާ ދެކޮޅަށް ވޯޓު ލެވޭނެ ކަމުގެ އިންޒާރު ދީފައެވެ.

ރައީސް މެކްރޮން ވަނީ 2019 ވަނަ އަހަރު ނިމުނުއިރު ވެސް ރިޓަޔަމެންޓް ނިޒާމު އިސްލާހު ކުރުމުގެ މަސައްކަތްތަކެއް ކުރައްވާފައެވެ. ނަމަވެސް ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން އެކަމަށް ހުރަސް އެޅުނީއެވެ.

އޭގެ ފަހުން، މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވި އިރު މެކްރޮންގެ މެނިފެސްޓޯގައި ވަނީ ރިޓަޔާމެންޓް އުމުރު މަތި ކުރަން ހިމަނާފައެވެ.

މި އިސްލާހުގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށްޓަކައި ބޮޑުވަޒީރު ބޯން ވަނީ ނުރައްކާތެރި ނުވަތަ ޖިސްމާނީ ގޮތުން ދަތި ވަޒީފާތަކުގައި ތިބި މީހުންނަށް އަވަހަށް ރިޓަޔާ ކުރެވޭނެ ފަސޭހަ ގޮތްތަކެއް ހޯދުމަށް ވައުދުވެވަޑައިގެންފައެވެ.

comment ކޮމެންޓް