ވެލިދޫގައި ޖޫނިއާ ކޮލެޖެއް ތަރައްގީ ކުރަން މަޝްވަރާކޮށްފި

ވެލިދޫ ރަށު ކައުންސިލާއި، ދާއިރާގެ މެމްބަރާއެކު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ބޭއްވި މަޝްވަރާ ބައްދަލުވުން / ފޮޓޯ: ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ނ. ވެލިދޫގައި ޖޫނިއާ ކޮލެޖެއް ބިނާ ކުރުމަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން އެރަށު ކައުންސިލާ މަޝްވަރާ ކޮށްފިއެވެ.

މިނިސްޓަރު ޑރ. އިބްރާހީމް ހަސަން "ސަން"އަށް ވިދާޅުވީ، މި މަޝްރޫއުގެ ތައްޔާރީތައް ފެށުމުގެ ގޮތުން މިއަދު ވެލިދޫ ރަށު ކައުންސިލާއި، ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގާއެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އެގޮތުން ޖޫނިއާ ކޮލެޖު ތަރައްގީ ކުރުމާ ގުޅޭގޮތުން މިނިސްޓްރީން ވިސްނުން ގެންގުޅޭ ގޮތާއި، މަޝްރޫއު ނިމުމަށްފަހު ދެމެހެއްޓެނިވި ގޮތެއްގައި އެތަން ހިންގުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެތަން ތަރައްގީކުރުމަށް ކައުންސިލުން ފޯރުކޮށްދެވޭނެ އެހީތެރިކަމާއި، ހާއްސަކޮށް ކޮލެޖު ގާއިމް ކުރުމަށް ބޭނުންކުރެވިދާނެ ބިން ނުވަތަ އިމާރާތާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ މި މަޝްރޫއުގެ ތަފްސީލްތަކާއެކު އަވަސް މުސްތަގުބަލެއްގައި ކައުންސިލާއެކު މަޝްވަރާ ކުރައްވާނެ ކަމަށާއި، އެބައްދަލުވުމުގައި މިނިސްޓްރީން މިހާތަނަށް ކޮށްފައި ހުރި މަސައްކަތުގެ އަލީގައި ތަޖުރިބާތައް ހިއްސާކުރައްވާނެ ކަމަށެވެ.

މީގެއިތުރުން، މިނިސްޓަރު ވިދާޅުވީ މިނިސްޓްރީގެ އަމާޒަކީ ވީހާވެސް އަވަހަކަށް މި މަޝްރޫއު ނިމި، މަތީ ސާނަވީ ތައުލީމާއި ވޮކޭޝަނަލް ތަމްރީންތައް ފޯރުކޮށްދިނުމަށް ތައްޔާރުވުން ކަމަށެވެ.

މަތީ ސާނަވީ ތައުލީމާއި، ވޮކޭޝަނަލް ޓެކްނިކަލް އެޑިއުކޭޝަން ދެބައި ދިނުމުގެ ވިސްނުން މި ގެނގުޅޭނީ. އެ ދާއިރާއިން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް ހުރި ދާއިރާތަކަށް އަމާޒުކޮށްގެން ވޮކޭޝަނަލް ޕްރޮގްރާމްތަކުގެ މުގައްރަރުތައް އެކުލަވާލާނީ. އެހެންވީމާ ކައުންސިލުން ލަފާ ދެއްވާނެ އެ ސަރަހައްދުގައި ހިންގަންވީ ކޯސްތަކާ ގުޅޭގޮތުން. މިނިސްޓަ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަން

މިނިސްޓަރު ވިދާޅުވީ މި ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށާއި، މިއީ މި މަޝްރޫއުގެ ވަރަށް ރަނގަޅު ފެށުމެއް ކަމަށެވެ.

މި މަޝްރޫއަކީ ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މަތީ ތައުލީމާއި ތަމްރީން ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއެކެވެ.

މި ބައްދަލުވުމުގައި މިފަދަ ޕްރޮޖެކްޓެއް އެރަށުގައި ފެށުމަށް ހަމަޖެހިފައިވާތީ ވެލިދޫ ކައުންސިލުން ވަނީ އެކަން އުފަލާއެކު ފާހަގަކޮށް، ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގައި ކައުންސިލްގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

comment ކޮމެންޓް