އިންޑިއާއާއެކު ރާއްޖެއިން ތިން އެއްބަސްވުމެއްގައި ސޮއިކޮށްފި

އިންޑިއާގެ އެކްސްޓަނަލް އެފެއާސް މިނިސްޓަރު ރާއްޖެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން-- ފޮޓޯ/ފޮރިން މިނިސްޓްރީ

އަވައްޓެރި އިންޑިއާއާއެކު ރާއްޖެއިން ތިން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދުވި މި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ، އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ، ޑރ ޖައިޝަންކަރު ނ. މަނަދުއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.

އިންޑިއާއިން މިއަދު ރާއްޖެއާއެކު ސޮއިކުރި ތިން އެއްބަސްވުމަކީ، ގދ.ގައްދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްގީކުރުމުގެ އެއްބަސްވުމަކާއި، ދިވެހިރާއްޖޭގެ ނެޝަނަލް ޔުނިވަސިޓީއާއި އިންޑިއާގެ ކޮޗިން ޔުނިވާސިޓީއާ ދެމެދު ވެވޭ ތަޢުލީމާ ގުޅޭ އެއްބަސްވުމަކާއި، އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ސްކީމަށް 100 މިލިއަން ރުފިޔާ އިތުރުކުރުމަށް ވެވުނު އެއްބަސްވުމެކެވެ.

އިންޑިއާގެ އެކްސްޓަނަލް އެފެއާސް މިނިސްޓަރު ރާއްޖެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން-- ފޮޓޯ/ފޮރިން މިނިސްޓްރީ

ސަރުކާރުން މައުލޫމާތުދޭ ގޮތުގައި، ގައްދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްގީކުރުމަށްވި އެއްބަސްވުމުގެ ދަށުން އިންޑިއާއިން އެ މަޝްރޫޢުއަށް 6.5 މިލިއަން ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

ގައުމީ ޔުނިވާސިޓީއާއި އިންޑިއާގެ ކޮޗިން ޔުނިވާސިޓީއާ ދެމެދު ވެވޭ ތަޢުލީމާއި ގުޅޭ އެއްބަސްވުމުގެ ދަށުން އެ ޔުނިވާސިޓީއަށް ބޭނުންވާ ފަންނީ އެހީތެރިކަން ލިބޭނެ ކަމަށް ސަރުކާރުން ބުންޏެވެ.

އިންޑިއާގެ އެކްސްޓަނަލް އެފެއާސް މިނިސްޓަރު ރާއްޖެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން-- ފޮޓޯ/ފޮރިން މިނިސްޓްރީ

އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ސްކީމަށް 100 މިލިއަން ރުފިޔާ އިތުރުކުރުމަށްވި އެއްބަސްވުމުގެ ދަށުން އަތޮޅުތަކުގެ ރަށްތަކުގައި ހިންގަމުންދާ އިޖުތިމާއީ ތަރައްގީގެ އެކި މަޝްރޫއުތައް އިތުރުވާނެ ކަމަށް ސަރުކާރުން ބުނެއެވެ. މި ސްކީމުގެ ދަށުން މިހާރު 25 މަޝްރޫއެއްގެ މަސައްކަތް ކުރިއަށްދާއިރު، ދެ މަޝްރޫއެއް ނިމިފައިވާކަމަށް ސަރުކާރުން ބުނެއެވެ.

ޑރ.ޖައިޝަންކަރު ރާއްޖެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ނ. މަނަދޫގައި

ޑރ. ޖައިޝަންކަރު ރާއްޖެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ، އިންޑިއާގެ ފަރާތުން ދިވެހި ގައުމީ ދިފާއީ ބާރަށް ސީ އެމްބިއުލާންސެއްވެސް ހަދިޔާކޮށްފައެވެ.

އިންޑިއާއިން ރާއްޖެއަށް ދިނުމަށް ނިންމި އެހީގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ އިންޑިއާއިން ރާއްޖެއަށް ދެމުން އަންނަ އެހީތައް ފާހަގަކުރައްވައި ވާހަކަދައްކަވާފައެވެ.

ޝާހިދު ވިދާޅުވީ، ކޮވިޑް ބަލިމަޑުކަމުގައި އިންޑިއާއިން ރާއްޖެއަށް ވަރަށް މުހިއްމު އެހީތަކެއް ވެދީފައިވާކަމަށާއި، މިގޮތުން ބޭހާއި، ވެކްސިނާއި، ކާބޯތަކެތީގެ އެހީ ފާހަގަކޮށްލެވޭކަމަށެވެ. މީގެ އިތުރުން އިންޑިއާއަށް ދަތުރުކުރުމުގައި ފަސޭހަ ގޮތްތަކެއް އެ ގައުމުން ހަމަޖައްސައިދީފައިވާކަންވެސް ޝާހިދު ފާހަގަކުރެއްވިއެވެ.

އިންޑިއާގެ އެކްސްޓަނަލް މިނިސްޓަރު ރާއްޖެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން-- ފޮޓޯ/ފޮރިން މިނިސްޓްރީ

ޑރ. ޖައިޝަންކަރު ވިދާޅުވީ، އިންޑިއާގެ އެހީތެރިކަމާއެކު ރާއްޖޭގެ ރަށްތަކުގައި ހިންގަމުންދާ މަޝްރޫއުތަކުގެ ސަބަބުން ރައްޔިތުން ފުދުންތެރި ދިރިއުޅުމެއް އުޅުމުގެ މަގު ފަހިވެގެންދާއިރު، މިކަމުން ދޭހަވަނީ އިންޑިއާ ސަރުކާރުން ދިވެހިންނާމެދު ގެންގުޅޭ ހެޔޮ ނިޔަތްކަމަށެވެ.

ޑރ.ޖައިޝަންކަރު ރާއްޖެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ނ.މަނަދުއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން

ޑރ. ޖައިޝަންކަރު ރާއްޖެ ވަޑައިގެންފައިވަނީ ހދ. ހަނިމާދޫގައި ޖީއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑުން ތަރައްގީކުރާ އެއާޕޯޓުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.

އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު 2019ގައި ސޮއި ކުރި ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތްކުރެވޭނޭކަމަށް ދިވެހި ސަރުކާރުން ބުނެއެވެ.

comment ކޮމެންޓް