ކާބުލް (18 ޑިސެންބަރު 2022) : ޗައިނާއިން އަފްޣާނިސްތާނާއެކު ސޮއިކުރި އިގްތިސާދީ އެއްބަސްވުމުގެ ސަބަބުން އަފްޣާން ރައްޔިތުންނަށް 3000 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ތަނަވަސްވެ އިގްތިސާދަށް އެތައް މިލިއަން ޑޮލަރެއް ވަދެގެން ގެންދާނެކަމަށާއި އަދި ފަންނީ ދާއިރާތަކުގައި އަފްޣާން ޒުވާނުންނަށް ތަމްރީންތައް ވެސް ލިބިގެން ދާނެ ކަމަށް އެ ގައުމުގައި ވެރިކަންކުރާ ތާލިބާން ސަރުކާރުން ބުނެފިއެވެ.
ތާލިބާން ސަރުކާރުގެ މައިންސް އެންޑް ޕެޓްރޯލިއަމްއާބެހޭ ވުޒާރާ ހިންގުމާހަވާލުވެ ހުންނެވި ވަޒީރުގެ ބަދަލު މުއްލާ ޝަހާބުއްދީން ދިލާވަރު ވިދާޅުވީ ޗައިނާއާއެކު ސޮއިކުރި ތެލާ ބެހޭ އެއްބަސްވުމާ ގުޅިގެން ޗައިނާގެ ކުންފުނިން އަފްޣާނިސްތާނުން ނަގާ ތެލާއި އެ ނޫން ވެސް މައުދަންތައް ޕްރޮސެސް ކުރާނީ ލޭބަރުންގެ ގޮތުގަޔާއި ފަންނީ މީހުންގެ ގޮތުގައި އަފްޣާނިސްތާނުގައި އަފްޣާން ރައްޔިތުން ބޭނުންކޮށްގެން ކަމަށެވެ.
އަދި އޭގެ ތެރެއިން ގިނަތަކެތި އެކްސްޕޯޓް ކުރާނީ ރޯ މެޓީރިއަލް ގޮތުގައި ނޫން ކަމަށާއި ވެލިއުއެޑެޑް އެއްޗަކަށް ހަދައި އޭގެ ހަމަ އަގު ލިބޭގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމަށް ބޭނުންވާ ކާރުޚާނާތައް ޗައިނާއިން ބިނާކޮށްދީ އެތަންތަނުގައި މަސައްކަތް ކުރާ އަފްޣާން ލޭބަރުންނާއި ފަންނީ މީހުންނަށް ބޭނުންވާ ތަމްރީންތައް ވެސް ޗައިނާއިން ދޭނެކަމަށް އޭނާ ވިދާޅުވިއެވެ. މިކަންކަމަށް ބޭނުންވާ މެޝިނަރީތައް އޮޕަރޭޓް ކުރުމުގައި ވެސް ހަރަކާތްތެރި ވާނީ އަފްޣާން ރައްޔިތުންކަން އޭނާ ހާމަކުރެއްވިއެވެ.
ޗައިނާއިން މިދިޔަ ހަފުތާގައި ވަނީ އަފްޣާނިސްތާނުގެ "އަމޫ ދަރްޔާ" ކޯރު ސަރަހައްދުގައި ތެލާއި ގޭސް ހުރި މިންވަރު ބެލުމުގެ ސާވޭ ކުރުމާއި އަދި އެ ސަރަހައްދުން ތެލާއި ގޭހާއި އެ ނޫން ވެސް މައުދަންތައް ނެގުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ފަންސަވީސް އަހަރުގެ ދިގުމުއްދަތަށް ދެމިގެންދާ މިއެއްބަސްވުމުގައި ޗައިނާގެ ފަރާތުން ސޮއިކުރީ އެ ގައުމުގެ "ޒިންޖިއަން ސެންޓްރަލް އޭޝިއާ ޕެޓްރޯލިއަމް އެންޑް ގޭސް" ކުންފުނިންނެވެ. އަފްޣާނިސްތާނުގެ ފަރާތުން ސޮއިކުރީ ތާލިބާން ސަރުކާރުގެ މައިންސް އެންޑް ޕެޓްރޯލިއަމްއާ ބެހޭ ވުޒާރާއިންނެވެ.
އަފްޣާނިސްތާނަކީ ތެލުގެ މުއްސަނދިކަން ހުރި ގައުމެއްކަން އެގައުމުގައި ކުރިން ކޮށްފައިވާ ސާވޭތަކުން ވަނީ ހާމަވެފައެވެ. މީގެއިތުރުން ޒަމާނީ ޓެކްނޮލޮޖީގައި ބޭނުންކުރާ އެކިބާވަތުގެ ޗިޕްތަކާއި އެ ނޫން ވެސް ޙައްސާސް އުފެއްދުންތަކަށް ބޭނުންވާ ނާދިރު މައުދަންތައް އަފްޣާނިސްތާނުގެ އެކި ސަރަހައްދުތަކުގައި ހުރިކަމަށްވެއެވެ.
އަފްޣާނިސްތާނުގައި ކުރިން ވެރިކަންކުރި އަޝްރަފް ޣަނީގެ ސަރުކާރުގެ ދުވަސްވަރު އެ ސަރުކާރުގެ މަސްއޫލުވެރިން ވިދާޅުވެފައިވާގޮތުގައި އެ ގައުމުގައިހުރި ތެލާއި އެކި ބާވަތްތަކުގެ މައުދަންތަކުގެ ތެރެއިން ސާވޭތަކުން މިހާތަނަށް އެނގިފައިވާ ތަކެތީގެ އަގުވެސް އެތައް ސަތޭކަ ބިލިއަން ޑޮލަރަކަށް އަރައެވެ. ހަނގުރާމައިގެ ސަބަބުން އަފްޣާނިސްތާނުގެ ގިނަ ތަންތަނުގައި ސާވޭ ކުރެވޭގޮތް ވަނީ ނުވެފައެވެ.
ތާލިބާނުން ވެރިކަމަށް އައުމާއެކު އަފްޣާނިސްތާނު ކުރިއަށްވުރެ ބޮޑަށް އިގްތިސާދީ ގޮތުން ވަނީ ހާލުގައި ޖެހިފައެވެ. އެއީ އަފްޣާނިސްތާނުގެ ދައުލަތުގެ އެތައް ސަތޭކަ މިލިޔަން ޑޮލަރެއް ނުދީ އެމެރިކާއިން އެތަކެތި ހިފެހެއްޓުމާއި ތާލިބާނުން އަފްޣާން އަންހެނުން ތައުލީމާއި ތަމްރީނުން މަހުރޫމްކޮށް ވަޒީފާ އަދާކުރުމުގެ ހައްގުން މަހްރޫމްކުރާތީ ދުނިޔޭގެ ގައުމުތަކުން ތާލިބާން ސަރުކާރު ބޮއިކަޓްކުރުމުންނެވެ.
ނަމަވެސް މިކަމުގެ ހުރިހާ ގެއްލުމެއް ލިބެނީ ތާލިބާން ސަރުކާރަށްވުރެ ބޮޑަށް އަފްޣާން ރައްޔިތުންނަށެވެ. ދުނިޔޭގެ ގައުމުތަކުން ތާލިބާން ސަރުކާރަށް އިއުތިރާފު ނުވާތީއާއި ތާލިބާނުންނާ ގުޅުންތައް ނުބާއްވާތީ އެ ގައުމުތަކުން އަފްޣާނިސްތާނާ އިގްތިސާދީގޮތުން މުއާމަލާތްކުރުން ވަނީ ހުއްޓުމަކަށް އައިސްފައެވެ.
ތާލިބާނުންގެ ވެރިކަމުގައި އަފްޣާން ހަނގުރާމަވަނީ ނިމުމަކަށް އައިސްފައެވެ. ގައުމުގައި ހަނގުރާމައާއި ތަޅާފޮޅުން ނެތެވެ. އަދި ސުލްހައާއި ހަމަޖެހުން ވަނީ ގާއިމް ކުރެވިފައެވެ. ނަތީޖާއަކީ ތެލާއި މައުދަންތައް ހޯދުމާބެހޭ ސާވޭ ކުރުން ފަދަ ކަންކަމަށް މަގުފަހިވުމެވެ. ހަނގުރާމަނެތް ނަމަވެސް އައިއެސް ޖަމާއަތުގެ ނުރައްކާ އަފްޣާނިސްތާނަށް އަދިވެސް އެބައޮތެވެ. އައިއެސް ޖަމާއަތުން އަފްޣާނިސްތާނުގައި ދޭތެރެއަކުން ބޮންގޮއްވައި ޓެރަރިޒަމްގެ އަމަލުތައް ހިންގައެވެ.
ނަމަވެސް އެމެރިކާއިން އަފްޣާނިސްތާނަށް އަރައި ހަނގުރާމަ ކުރި ދުވަސްވަރާ އަޅާބަލާއިރު އެތައް ގުނައެއް މިހާރު އަފްޣާނިސްތާން އަމާނެވެ. ރައްކާތެރިއެވެ. ޗައިނާއިންވެސް ތާލިބާން ސަރުކާރަށް ރަސްމީ ސިފައެއްގައި އިއުތިރާފެއް ނުވެއެވެ. ނަމަވެސް ޗައިނާ ވަނީ ސިޔާސީ ކަންކަން އެއްފަރާތް ކުރުމަށްފަހު ތާލިބާން ސަރުކާރާ ގުޅިގެން އަފްޣާނިސްތާނުގައި އިންވެސްޓްކުރަން ފަށާފައެވެ.
އެމެރިކާއާއި ޔޫރަޕާ ޚިލާފަށް ޗައިނާއަކީ ގައުމުތަކުގެ އަމިއްލަ ސިޔާސަތުތަކާ ގުޅިގެން އެ ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަ ގައުމެއް ނޫނެވެ. ޗައިނާ ބުނާގޮތުން އެގައުމުގެ އިންވެސްޓްމެންޓްތަކުގެ ސަބަބުން އަފްޣާން ރައްޔިތުންނަށް ގިނަ ފައިދާތަކެއް ކުރާނެއެވެ.
މިދިޔަ ހަފުތާގައި ޗައިނާގެ "ޒިންޖިއަން ސެންޓްރަލް އޭޝިއާ ޕެޓްރޯލިއަމް އެންޑް ގޭސް" ކުންފުނިން ތާލިބާން ސަރުކާރާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެކުންފުނިން އަފްޣާނިސްތާނުގައި އަހަރަކު 150 މިލިއަން ޑޮލަރު އިންވެސްޓު ކުރާއިރު 3 އަހަރު ތެރޭގައި މިއަދަދު 500 މިލިއަން ޑޮލަރަށް އިތުރު ކުރާނެއެވެ. މިކަމުގެ ސަބަބުން އަފްޣާން ގިނަ ބަޔަކަށް ވަޒީފާ ލިބުމުގެ އިތުރުން އަފްޣާން ސަރުކާރަށް ބޮޑު އާމްދަނީ އެއްލިބެން ފަށާނެއެވެ.
އެމެރިކާއާއި ޔޫރަޕުންވަނީ ޗައިނާ އަފްޣާނިސްތާނުގައި އިސްވެސްޓްކުރަން ފެށުމުން ހިތްހަމަނުޖެހިފައެވެ. ތާލިބާނުން ވެރިކަމަށް އައުމާއެކު އެމެރިކާއާއި ޔޫރަޕުން އަފްޣާނިސްތާނާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އަފްޣާން އާންމު ރައްޔިތުންނަށް ވަނީ ދަތި އުނދަގޫތަކެއް ތަހައްމަލުކުރަން ޖެހިފައެވެ.
މީގެތެރޭގައި ފަގީރުކަން އިންތިހާއަށް އިތުރުވުމާއި ވަޒީފާ ނުލިބޭ މީހުންގެ އަދަދު ގިނަވުމާއި އިގްތިސާދީ ހަރަކާތްތައް ހުއްޓި އިގްތިސާދު އިނދަޖެހުމާއި ރައްޔިތުންނަށް ބޭނުންވާ ސިއްހީ ޚިދުމަތްތައްފަދަ އަސާސީ ހިދުމަތްތައް ބަލިކަށިވުމުގެ އިތުރުން ގިނަ ސަރަހައްދުތަކުން އެ ޚި ދުމަތްތައް ލިބޭގޮތް ވެސް ނުވުން ހިމެނެއެވެ.