ހުޅުމާލޭގައި ދުއްވާފައި ދިޔަ, ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަން (އާރްސީސީ)ގެ ވޭނެއް ބަލާ ފާސްކުރުމުގެ ތެރެއިން ބަނގުރާ ފުޅި ތަކަކާއި ދަޅުތަކެއް ފެނުނު މައްސަލައިގައި އެ ވޭން ދުއްވަންއިން ބިދޭސީ ޑްރައިވަރު ޑީޕޯޓު ކޮށްލައިފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.
އެ ވޭން ބަލާ ފާސްކުރީ ތުހުމަތުތަކެއް ކުރެވިގެން ކަމަށް ފުލުހުން ބުންޏެވެ.
މި ކަމާ ގުޅިގެން މިއަދު އާރްސީސީން ބުނީ ރާއްޖޭގެ ގާނޫނުތަކާ ޚިލާފުވާ އެއްވެސް ކަމެއް ކުރުމަށް އެ ކުންފުނިން ހިތްވަރު ނުދޭނެކަމަށެވެ. އަދި އެފަދަ ކަމެއް އެ ކުންފުނިން ނުކުރާނެކަމަށް ބުންޏެވެ.
"މި ކުންފުނީގެ ވޭނެއްގެ ތެރެއިން ބަނގުރާ ފުޅިތަކެއްް ފެނުނު މައްސަލަ ފުލުހުން ތަހުގީގުކުރުމަށްފަހު، އިހުމާލުވާ ޑްރައިވަރު މިއަދު ވަނީ ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓްކޮށްލެވިފައި،" އާރްސީސީން ބުންޏެވެ.
މިކަމާ ގުޅިގެން މީގެ ކުރިން އާރުސީސީގެ ޗެއާމަން އަދި ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް މުޙައްމަދު ނާޒިމް "ސަން"އަށް ވިދާޅުވީ މުވައްޒަފު އެ ކުރީ ގާނޫނާ ޚިލާފުކަމެއް ކަމަށާއި އެހެންކަމުން މައްސަލަ ބެލުމުގައި ކުންފުނީ ފަރާތުން ފުލުހުންނަށް ފުރިހަމަ އެއްބާރުން ދޭނެ ކަމަށެވެ.
އާރުސީސީގައި ވަރަށް ގިނަ ވެހިކަލާއި ޑްރައިވަރުން ގެންގުޅޭ ކަން ފާހަގަ ކުރައްވަމުން ނާޒިމް ވިދާޅުވީ އޭގެ ތެރެއިން ކޮންމެ އުޅަނދެއްގެ ފަހަތުގައި މީހަކު ބެހެއްޓުމަކީ ކުރަން ފަސޭހަ ކަމެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ ކުރިޔަށް އޮތްތަކުގައި އެފަދަ މައްސަލައެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށެވެ.