ވޭނުން ބަނގުރާ ފެނުނު މައްސަލައާ އާރްސީސީއާ ގުޅުމެއް ނެތް: ނާޒިމް

ބަނގުރާ ފުޅި ތަކަކާއެކު ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކުރި މައްސަލައިގައި ކުންފުނީގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް, ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އިން ބުނެފިއެވެ.

ހުޅުމާލޭގައި މިއަދު ދުއްވާފައި ދިޔަ އާރުސީސީގެ ވެހިކަލަކަށް އަރުވާފައި ހުރި ބަނގުރާ ފުޅިތަކަކާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެ ކުންފުނީގެ ބިދޭސީ މުވައްޒަކެވެ.

ފުލުހުން ބުނެފައިވަނީ ދުއްވާފައި ދިޔަ ވޭނަކާ މެދު ޝައްކު ކުރެވިގެން ވޭން ބަލާ ފާސްކުރުމުގެ ތެރޭގައި ބަނގުރާ ފުޅިތަކެއްގެ އިތުރުން ބިޔަރު ދަޅުތަކަކާއެކު ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މިކަމާގުޅިގެން އާރުސީސީގެ ޗެއާމަން އަދި ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް މުޙައްމަދު ނާޒިމް "ސަން"އަށް ވިދާޅުވީ މުވައްޒަފު އެ ކުރީ ގާނޫނާ ޚިލާފުކަމެއް ކަމަށާއި އެހެންކަމުން މައްސަލަ ބެލުމުގައި ކުންފުނީ ފަރާތުން ފުލުހުންނަށް ފުރިހަމަ އެއްބާރުން ދޭނެ ކަމަށެވެ.

އާރުސީސީގައި ވަރަށް ގިނަ ވެހިކަލާއި ޑްރައިވަރުން ގެންގުޅޭ ކަން ފާހަގަ ކުރައްވަމުން ނާޒިމް ވިދާޅުވީ އޭގެ ތެރެއިން ކޮންމެ އުޅަނދެއްގެ ފަހަތުގައި މީހަކު ބެހެއްޓުމަކީ ކުރަން ފަސޭހަ ކަމެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ކުރިޔަށް އޮތްތަކުގައި އެފަދަ މައްސަލައެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށެވެ.

"ދެ މީހުންނަށް ނޫނީ ވެހިކަލްގައި އެއްވެސް ތަނަކަށް ނުދެވޭ ގޮތަށް ބަދަލުކޮށް، ވެހިކަލަށް އެރުވޭ އެއްޗެހި ވެސް މީގެ ފަހުން ނޯޓް ކުރެވޭނެ. އަދި އަޅުގަނޑުމެންގެ ޓްރާންސްޕޯޓް ސެކްޝަންގެ ހުއްދަ ނެތި އެއްވެސް ދަތުރެއް ނުކުރެވޭ ގޮތަށް މިހާރު ވާނީ ބަދަލުކޮށްފައި،" ނާޒިމް ވިދާޅުވިއެވެ.

"މިކަމުގައި އަޅުގަނޑުމެންގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ،"

ކޮންސްޓްރަކްޝަން މަސައްކަތް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އާރުސީސީއަކީ ކާނަލް ނާޒިމްގެ އާއިލީ ކުންފުންޏެކެވެ.

comment ކޮމެންޓް