ޕާކިން މައްސަލަ ކުޑަކުރުމަށް ހެވީ ވެހިކަލްތަކަށް ހުޅުމާލެއިން ޖާގަ ދޫކުރަނީ

ހުޅުމާލެ -- ފޮޓޯ/ އެޗްޑީސީ

މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ޕާކް ކުރުމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ޕެއިޑް ޕާކިން އުސޫލުން، ހުޅުމާލެއިން ހެވީ ވެހިކަލްތައް ޕާކް ކުރާނެ ޖާގަ ދޫކުރުމަށް އެޗްޑީސީން ނިންމައިފިއެވެ.

އެޗްޑީސީން މިއަދު ވަނީ ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ހެވީ ވެހިކަލް ޕެއިޑް ޕާކިން ޒޯނުން މުދާ އުފުލާ ބަރު އުޅަނދުފަހަރު ޕާކްކުރާނެ 19 ޖާގަ ބީލަމުގެ އުސޫލުން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އެޗްޑީސީން ކޮށްފައިވާ އިއުލާނުގައިވާގޮތުން ޕާކް ކުރުމަށް ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ، އެމްޕީއެލް ކައިރިންނެވެ. ޕާކް ކުރުމަށް ޖާގަ ހުޅުވާލާފައިވަނީ، 20 ފޫޓުގެ ޓްރެއިލާ ވެހިކަލްގެ ދެ ޖާގަ، 40 ފޫޓުގެ ޓްރެއިލާރގެ ތިން ޖާގަ އާއި، ޑަމްޕް ޓްރަކް ނުވަތަ ބޮޑެތި ލޮރީތަކަށް 10 ޖާގަ އާއި، ކްރޭން ޕާކްކުރުމަށް ހަތަރު ޖާގައެވެ.

ޕާކިން ޖާގަ ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ބީލަމުގެ އުސޫލުން އެންމެ މަތީ އަގު ހުށަހަޅާ ފަރާތްތަކަށެވެ. ބީލަން ފެށޭ އަގަކީ މަހެއްގެ މައްޗަށް އަކަފޫޓަކަށް 12.01 (ބާރަ ރުފިޔާ އެއް ލާރި) އެވެ. ކުލީގެ މުއްދަތެއްކަމަށް ކަނޑައަޅާފައިވަނީ ދެ އަހަރެވެ. ޕާކިން ޖާގަ އިޚްތިޔާރުކުރުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ އެންމެ މަތިން އަގު ހުށަހަޅާ ފަރާތްތަކުގެ ތަރުތީބުންނެވެ.

ފޯމު ހުށަހަޅާ ފަރާތްތަކުގެ ހުންނަންޖެހޭ ދެ ޝަރުތަކީ، އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާ 100 ޕަސެންޓް ދިވެހި ވިޔަފާރިއެއް ކަމުގައި ވުމާއި، ހުޅުމާލޭ ސިނާއީ ސަރަހައްދުގައި ވޭތުވެދިޔަ ތިން އަހަރު މަސައްކަތްކޮށްފައިވާ ފަރާތެއްކަމުގައި ވުމެވެ.

މާލެ އަދި ހުޅުމާލޭގެ ޕާކިން މައްސަލަތަކަށް ހައްލު ގެނައުމަށް މީގެކުރިން އެޗްޑީސީން ވަނީ ކާރުތަކަށްވެސް ފައިސާ ދައްކާ އުސޫލުން ޕާކް ކުރުމަށް 70 އަށްވުރެ ގިނަ ޖާގަ ދޫކޮށްފައެވެ.

މީގެ އިތުރުން ޕާކިން މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން އެޗްޑީސީން ވަނީ މިދިޔަ ޑިސެމްބަރުމަހު ޕާކްކުރުމަށް ޚާއްސަ އިމާރާތެއް އެޅުމަށް ދަމާސް އާ ހަވާލުކޮށްފައެވެ.

comment ކޮމެންޓް