ރާއްޖޭގައި ޑުރަގު ޑިޓޮކްސިފިކޭޝަން އަދި ރީހެބިލިޓޭޝަން ސެންޓަރުތައް ގާއިމްކުރުމާ ގުޅޭގޮތުން އިންޑިއާގެ ސަފީރު މުނޫ މަހާވަރާ ބައްދަލުކުރައްވައި ނައިބު ރައީސް ފައިޞަލް ނަސީމް މަޝްވަރާ ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށް ގެންދިޔައީ އިއްޔެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި އިންޑިއާގެ ވިޒިޓިން ޑޮކްޓަރުންނާއި ސައިކޭޓްރިސްޓުން މެދުވެރިކޮށް ރާއްޖޭގައި ސިއްހީ ޚިދުމަތް ދިނުމާގުޅޭގޮތުން ނައިބު ރައީސް ވަނީ މަޝްވަރާކުރައްވާފައެވެ.

އިންޑިޔާ ސަފީރު ނައިބު ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
ނައިބު ރައީސާއި އިންޑިއާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ސިއްހީ ދާއިރާއިން މީހުން ބިނާކުރުމާއި، ވޮކޭޝަނަލް ޓްރެއިނިންގެ ދާއިރާއާއި ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި އިންޑިއާ ސަފީރު ވަނީ އިންޑިއާގެ ސްޓާޓް އަޕް އިންކިއުބޭޓާސް މެދުވެރިކޮށް ރާއްޖޭގެ ވިޔަފާރިތަކަށް ބޭނުންވާ ތަމްރީނުތައް ދިނުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. އަދި، އެމަނިކުފާނު ވަނީ ރާއްޖެއަށް ބޭސްފަރުވާއަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކުރައްވައި، އިންޑިއާއިން އަބަދު ވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަންދެއްވާފައެވެ.

އިންޑިޔާ ސަފީރު ނައިބު ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
ނައިބު ރައީސާއި އިންޑިއާ ސަފީރުގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވައިފައި ވަނީ ދެގައުމުގެ ދެމެދު އޮތް ގާތް ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަން ފާހަގަކުރައްވަމުންނެވެ.