ރަޝިއާގެ އެންމެ ފަހުގެ އަސްކަރީ ޓެކްނޮލޮޖީ އީރާނަށް

އެސް-35 މަރުކާގެ ފައިޓާޖެޓް

ރަޝިއާއާއި އީރާނާ ދެމެދު ގާއިމްވަމުންދާ ސްޓްރެޓީޖިކް އަސްކަރީ ގުޅުންތަކުގެ ސަބަބުން ރަޝިއާގެ އެންމެ ފަހުގެ ޖީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް އީރާނަށް ލިބޭނެކަމުގެ ޔަގީންކަން އޮތްކަން އީރާނުގެ މަސްއޫލުވެރިއަކު ދާދިފަހުންވަނީ ހާމަކުރައްވާފައެވެ.

އީރާނުގެ ގައުމީ ސަލާމަތާބެހޭ ކައުންސިލްގެ މެންބަރަކު މިހަފުތާގެ ކުރީކޮޅު ވިދާޅުވިގޮތުގައި ރަޝިއާއާއި އީރާނާ ދެމެދު މިހާރު ބަދަހިވަމުންދަނީ ދެގައުމުގެ ތާރީޚުގައިވެސް މިހާތަނަށް ގާއިމް ވެފައިނުވާވަރުގެ އަސްކަރީ އަދި ދިފާއީ ގުޅުންތަކެކެވެ.

މިގުޅުންތަކުގެ ދަށުން އީރާނުން ރަޝިއާއަށް ބަލިސްޓިކް މިސައިލާއި ޑްރޯން ވިއްކަމުން ގެންދާއިރު އޭގެބަދަލުގައި ރަޝިއާގެ ޒަމާނީ އަސްކަރީ ޓެކްނޮލޮޖީ އީރާނަށް ލިބޭނެކަމަށާއި އޭގެތެރޭގައި ރަޝިއާގައި އުފައްދާ ފަސްވަނަ ޖީލުގެ ފައިޓާޖެޓްކަމަށްވާ އެސްޔޫ -35 މަރުކާ ހިމެނޭނެކަމަށް އީރާނުގެ ގައުމީ ސަލާމަތާބެހޭ ކައުންސިލްގެ މެންބަރެއްކަމަށްވާ ޝަހްރިއާރު ހައިދަރު ވިދާޅުވިއެވެ.

ރަޝިއާގެ އެސްޔޫ-35 މަރުކާގެ ފައިޓާޖެޓް

މިއީ ރަޝިއާގައި އުފައްދާ އެންމެ ޒަމާނީ ފައިޓާޖެޓް އީރާނަށް ލިބޭނެކަން އެގައުމުގެ މަސްއޫލުވެރިއަކު ވިދާޅުވި ފުރަތަމަ ފަހަރެވެ. އީރާނުގެ މަސްއޫލުވެރިޔާ މިކަން ހާމަކުރައްވާފައި މިވަނީ ރަޝިއާއަށް ފޯރުކޮށްދޭ ބަލިސްޓިކް މިސައިލާއި ޑްރޯން އާއި އެނޫންވެސް ހަތިޔާރުގެ ބަދަލުގައި އެސްޔޫ -35 މަރުކާގެ ފައިޓާޖެޓް ހިމެނޭގޮތަށް ރަޝިއާގެ ޒަމާނީ އަސްކަރީ ޓެކްނޮލޮޖީ އީރާނަށް ލިބިދާނެކަމުގެ ކަންބޮޑުވުން އެމެރިކާއާއި އިސްރާއީލުން ތަކުރާރުކޮށް ފާޅުކޮށްފައިވަނިކޮށެވެ.

ރަޝިއާގެ އެސްޔޫ -35 މަރުކާގެ ފައިޓާޖެޓް އަކީ އެމެރިކާގެ އެންމެފަހުގެ ޓެކްނޮލޮޖީ ކަމަށްވާ އެފް-35 މަރުކާގެ ފައިޓާޖެޓްތަކާ އެއްވަރުގެ ޖެޓެކެވެ. މި ހަތިޔާރު ލިބިއްޖެނަމަ އީރާނަކީ މުޅި މެދުއިރުމަތީގައި އަސްކަރީގޮތުން އެންމެ ބާރުގަދަ ގައުމަށް ވެގެންދާނެކަމަށާއި އެއީ އެމެރިކާގެ ބައިވެރިންކަމަށްވާ އިސްރާއީލާއި ސައޫދީ އަރަބިއާއަށް ކުރިމަތިވާނެ ބޮޑު ނުރައްކަލެއްކަމަށް އެމެރިކާގެ ގައުމީ ސަލާމަތާބެހޭ އިދާރާގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސްއާބެހޭ ކޯޑިނޭޓަރު ޖޯން ކާބީ ވަނީ ވިދާޅުވެފައެވެ.

ރަޝިއާގެ މި ފައިޓާޖެޓް އީރާނަށް ލިބިދާނެތީ އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ޖެކްސްލީވާން އާއި އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާގެ ވެރިޔާ ވިލިޔަމް ބާންސް ވަނީ އެތައް ފަހަރަކު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މި ދެ ބޭފުޅުން ދެކެވަޑައިގަންނަވާގޮތުގައި އީރާނަށް ރަޝިއާގެ އާދަޔާ ޚިލާފު މޮޅު ޓެކްނޮލޮޖީއެއް ނުލިބޭގޮތަށް އީރާނުން ރަޝިއާއަށް ޑްރޯންއާއި ބަލިސްޓިކް މިސަައިލް ފޯރުކޮށެއް ނުދޭނެއެވެ. އެއަށްވުރެ އީރާން ހުށިޔާރުވާނެއެވެ.

ރަޝިއާގެ އެސްޔޫ-35 މަރުކާގެ ފައިޓާޖެޓެއް

ސީ.އައި.އޭ ބުނާގޮތުން ރަޝިއާ ގެންދަނީ އީރާނުގެ އަސްކަރީ ޕައިލެޓުންގެ އެތައް ބަޔަކަށް އެސްޔޫ -35 މަރުކާގެ ފައިޓާ ޖެޓް ދުއްވުމަށް ބޭނުންވާ ތަމްރީން ދެމުންނެވެ. އެމެރިކާގެ މިތުހުމަތުތަކަށް އީރާންވެސް އަދި ރަޝިއާވެސް ސީދާގޮތެއްގައި ރައްދު ދީފައެއްނުވެއެވެ.

ނަމަވެސް ދާދިފަހުން އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނަކު ވަނީ ބޭނުންވާ ކޮންމެ ގައުމަކާއެކު އެމެރިކާ އަސްކަރީ ގުޅުންތައް ބަދަހިކުރާއިރު އީރާނާއި ރަޝިއާއަށްވެސް އެދެގައުމު ބޭނުންވާ މިންވަރަކަށް އަދި ބޭނުންވާ ގޮތަކަށް އަސްކަރީ ގުޅުންތައް ބަދަހިކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި މިކަމަށް އެމެރިކާގެވެސް އަދި އެހެންގައުމެއްގެވެސް ރުހުން ބޭނުންނުވާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ވަނީ މީގެ ސާޅިހަކަށް އަހަރުކުރިން އީރާނާ ދެކޮޅަށް އަސްކަރީގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި އީރާނަށް އެއްވެސް ބާވަތެއްގެ ހަތިޔާރު ވިއްކުން މަނާކުރުމާއި ހަތިޔާރު ވިއްކާ ގައުމަކާ ދެކޮޅަށްވެސް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުން ހިމެނެއެވެ.

ނަތީޖާއެއްގެ ގޮތުން އީރާނުން ވަނީ ފާއިތުވި ތިރީހަކަށް އަހަރު ތެރޭގައި އަމިއްލައަށް އަސްކަރީ ޓެކްނޮލޮޖީއާއި އެކިބާވަތުގެ ހަތިޔާރު ވަރަށް ބޮޑަށް ތަރައްގީކޮށް އޭގެ ޓެކްނޮލޮޖީ ކުރިއަރުވާފައެވެ. ޚާއްސަކޮށް އީރާނުގެ ޑްރޯން ޓެކްނޮލޮޖީއާއި ބަލިސްޓިކް މިސައިލް ޓެކްނޮލޮޖީގެ ގާބިލްކަން މިހާރު ދުނިޔެއަށް ވެސް ވަނީ ހާމަވެފައެވެ.

މިކަން އެންމެބޮޑަށް ހާމަވެފައިވަނީ އީރާނުގެ މަދަދުލިބޭ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތާއި އިސްރާއީލުގެ ކުރިމަތިލުންތަކުގައި ހިޒްބުﷲ ގެ ހަމަލާތައް ވަރުގަދަވުމާއި އިރާގުގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް 2020 ވަނައަހަރު އީރާން ދިން ބަދަލުހިފުމުގެ ހަމަލާތަކާއި ޔުކްރޭން ހަނގުރާމައިގައި އީރާނުގެ ޑްރޯންއާއި މިސައިލްތައް ބޭނުންކޮށްގެން ރަޝިއާ ދެމުންގެންދާ ހަމަލާތަކުގެ ވަރުގަދަކަމުގެ ސަބަބުންނެވެ.

އީރާނުން އުފައްދާ ޑްރޯނެއް

އީރާނުން އެކިބާވަތުގެ ހަތިޔާރު އުފެއްދިނަމަވެސް އަސްކަރީ ފައިޓާޖެޓް އުފެއްދުމުގައި އީރާނަށް އަދި މާބޮޑު ކުރިއެރުމެއް ނުލިބެއެވެ. އެހެންކަމުން އީރާނުގެ އެންމެ ބަލިކަށީ އެގައުމުގެ ވައިގެ ސިފައިންނެވެ. ވައިގެ ސިފައިންނަށް ބޭނުންވާ ޒަމާނީ ފައިޓާޖެޓް ނުލިބޭތީ އެކަން އީރާނުން ފޫބައްދަނީ ބަލިސްޓިކް މިސައިލާއި ކްރޫޒް މިސައިލާއި ޑްރޯންފަދަ އެހެން ހަތިޔާރުންނެވެ.

ރަޝިއާގެ ފަސްވަނަ ޖީލުގެ ފައިޓާޖެޓް ކަމަށްވާ އެސްޔޫ – 35 މަރުކާގެ ޖެޓްތައް އީރާނަށް ލިބިއްޖެނަމަ އީރާނުގެ ވައިގެ ބާރާ ކުރިމަތިލެވޭވަރުގެ އެއްވެސް ބާރެއް މެދުއިރުމަތީގައިވެސް ނޯންނާނެކަމުގެ ކަންބޮޑުވުން އެމެރިކާއާއި އިސްރާއީލު ގެންދަނީ އިހްސާސް ކުރަމުންނެވެ.

ރަޝިއާއިން އީރާނަށް މިބާވަތުގެ އަސްކަރީ ޖެޓް ދީފިނަމަ ރަޝިއާއާއެކު ގާތްގުޅުމެއް ބާއްވާ އަދި އީރާނުގެ އަވަށްޓެރި ދުޝްމަން ސައޫދީވެސް އިސްރާއިލެކޭ އެއްގޮތަށް އެކަމާމެދު ރުޅިއަންނާނެކަމަށްވަނީ ބެލެވިފައެވެ. ނަމަވެސް ސައޫދީ ރުއްސުމަށްޓަކައި އޭގެބަދަލުގައި ސައޫދީއަށް މަދަނީ ނިއުކްލިޔާ ޓެކްނޮލޮޖީ އާއި ކޮންވެނެޝަނަލް ހަތިޔާރުގެ ފެކްޓްރީތައް ސައޫދީގައި ގާއިމްކޮށްދިނުމަކީ ސައޫދީ ހިތްހަމަ ޖައްސައިދިނުމުގެ ގޮތުން ރަޝިއާއަށް ކުރެވިދާނެ ކަންތައްތަކެވެ.

ނިއުކްލިޔާ ޓެކްނޮލޮޖީ އާއި އުފައްދަން ކާރުޚާނާ ބިނާކޮށްދިނުމަކީ އެމެރިކާއާއެކު ސައޫދީން ބާއްވަމުން ގެންދާ 70 އަހަރަށްވުރެ ދިގުލީ ގުޅުންތަކުގެ ތެރެއިންވެސް ސައޫދީއަށް ނުލިބޭ އަދި ނުވެސް ލިބޭނެ ތަކެއްޗެވެ. އިސްރާއީލު ފިޔަވައި މެދުއިރުމަތީގެ އެއްވެސް ގައުމަކަށް މިތަކެތި އެމެރިކާ ފޯރުކޮށެއް ނުދޭނެއެވެ. ނަމަވެސް ރަޝިއާއަކީ މިތަކެތި އެގައުމުގެ ރަހުމަތްތެރި ގައުމުތަކަށް ފޯރުކޮށްދޭ ގައުމެކެވެ. އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމުގެ ބިންގަލަކީވެސް ރަޝިއާ ބިނާކޮށްދިން ނިއުކްލިޔާ ރިއެކްޓަރެކެވެ.

comment ކޮމެންޓް