އިންޑިއާގެ ރިހެބުން ދިވެއްސަކު ގެއްލުނުތާ 41 ދުވަސް، އަދިވެސް ނުފެނޭ

ބެންގަލޯރަށް ގެންލިގެން ހޯދަމުން އަންނަ އާލިމް، ގެއްލުމުގެ ކުރިން ހުރި ގޮތް -- ފޮޓޯ/ އާއިލާ

އިންޑިއާގެ ބެންގަލޯރުގައި ހުންނަ ބްލޮސަމް ރިހެބިލިޓޭޝަން ސެންޓަރުގައި މަސްތުވާތަކެއްޗަށް ފަރުވާ ހޯދަނިކޮށް ގެއްލުނު ދިވެހި މީހާ 41 ދުވަސް ވީއިރު ވެސް ނުފެންނަކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ގެއްލިގެން ހޯދަމުން އަންނަނީ ހދ. ކުޅުދުއްފުށި، ރެޑްކޯސްޓް، އަބްދުﷲ އާލިމް، 35އެވެ. އޭނާ ގެއްލިގެން ހޯދަން ފެށީ މިދިޔަ މަހުގެ އަށްވަނަ ދުވަހުއެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީގެ ކޮމިޔުނިކޭޝަން ޑިރެކްޓަރު ސަފާއަތު އަހްމަދު ޒާހިރު ވިދާޅުވީ އޭނާ ހޯދުމުގެ މަސައްކަތް އިންޑިއާގައި ހުންނަ ދިވެހި މިޝަނުން އަދިވެސް ދަނީ ކުރަމުންކަމަށެވެ.

ބްލޮސަމް ރިހެބިލިޓޭޝަން ސެންޓަރުގެ ވެރިޔާ ސެސިލް ޖޯޖް "ސަން"އަށް ވިދާޅުވީ އާލިމަކީ އެހެން ކްލައިންޓުންނާ ވަރަށް ތަފާތު މީހެއް ކަމަށެވެ. ސެސިލް ވިދާޅުވީ މި މަހުގެ އަށް ވަނަ ދުވަހު އާލިމް ބޭރަށް ނުކުތް ގޮތަށް އެތެރެއަށް ވަދެފައި ނުވާތީ ސެންޓަރުގެ ފަރާތުން ވެސް އާލިމް ހޯދުމުގެ މަސައްކަތް ކުރަަމުން އަންނަ ކަމަށެވެ. އެކަމަކު އަދި އޭނާގެ ޚަބަރެއް ނުވާ ކަމަށް ސެސިލް ވިދާޅުވިއެވެ.

އާލިމްގެ މަންމަ، އައިމިނަތު ހަސަން "ސަން"އަށް ބުނިގޮތުގައި އޭނާ ގެއްލުނު ދުވަހު އިންޑިއާގެ ފުލުހުންނަށާއި އިންޑިއާގައި ހުންނަ ދިވެހި މިޝަނަށާއި ދިވެހި ފުލުހުންނަށް އެ މައުލޫމާތު ހިއްސާކުރިއެވެ.

"ދަރިފުޅު ގެއްލިގެން އިންޑިއާގެ ނޫހުގަ ޖަހައިފި. އޭނާ ހޯދުމުގެ މަސައްކަތް ބެންގަލޯރު ފުލުހުން ވެސް ގެންދަނީ ހުއްޓާނުލާ ކުރަމުން. މިއަދު ގުޅިމަ ބުނީ އަދި ވެސް ނުފެންނަ ކަމަށް،" އައިމިނަތު ބުންޏެވެ.

އައިމިނަތު ބުނީ އާލިމް ސެންޓަރުން ބޭރަށް ނުކުތީ ގޭޓް ކައިރީގައި ތިބި ދެމީހަކަށް ބިރުދައްކައިގެން ކަމަށެވެ.

"އާލިމް ބޭރަށް ނުކުމެގެން ފިލީ ހެނދުނު ސައި ހިފައިގެން އައި މީހުން ގޭޓް ހުޅުވާލި ވަގުތު، އެތަނުގައި ތިބި ގާޑުންނަށް ބިރުދައްކައިގެން ކަމަށް މައުލޫމާތު ލިބިފައިވަނީ،" މަންމަ ބުންޏެވެ.

އައިމިނަތު ބުނީ އާލިމް ގިނަ ދުވަސްތަކެއް ވަންދެން ޑްރަގު ބޭނުން ކުރުމުގެ ސަބަބުން އޭނާގެ ސިކުނޑިއަށް ގެއްލުން ލިބި ނަފްސާނީ މައްސަލައެއް ވެސް ހުންނަކަން ފާހަގަ ކުރެވޭ ކަމަށެވެ.

"އާލިމަށް ފެންނަނީ އޭނާގެ މަންމަ ސިފައިގަ ހުންނަ މީހަކު އައިސް އުނދަގޫ ކުރާތަން. މަންމަގެ ސިފައިގަ ފެންނާތީ އައިސް އަހަރެންނަށް ހުރިހާ ވަރެއް ބާލާނީ. އެހެންތާ ވާނީ."

comment ކޮމެންޓް