އިނގިރޭސިވިލާތުގެ ފުލުހުންގެ އޮފިސަރަކު 24 މީހުން ރޭޕްކުރިކަން ހާމަވެއްޖެ

ޑޭވިޑް ކެރިކް

ލަންޑަން (17 ޑިސެންބަރު 2022): އިނގިރޭސިވިލާތުގެ ފުލުހުންގެ އޮފިސަރަކު 24 މީހުން ރޭޕްކޮށްފައިވާކަން ހާމަވެއްޖެއެވެ.

މިކަމާބެހޭގޮތުން ލަންޑަންގެ މެޓްރޮޕޮލިޓަން ފުލުހުން ބުނީ އެއިދާރާގެ ފުލުސް އޮފިސަރެއްކަމަށްވާ ޑޭވިޑް ކެރިކް އަންހެނުންނަށް ޖިންސީ ގޯނާކުރުމުގެ 49 ޖަރީމާ ހިންގާފައިވާކަމަށާއި އެޖަރީމާތަކުގެ ތެރޭގައި 24 އަންހެނުން ރޭޕްކުރުން ހިމެނޭ ކަމަށެވެ. އުމުރުން މިހާރު 48 އަހަރުގެ ޑޭވިޑް މިކަންކުރިކަމަށްވަނީ 18 އަހަރުތެރޭގައެވެ. އޭނާ މިހާރުވަނީ މިޖަރީމާތަކަށް އިއުތިރާފުވެފައެވެ. މިއާއެކު ލަންޑަންގެ ސައުތްވަކް ކްރައުން ގެ ކޯޓްގައި މިހާރުވަނީ މިމައްސަލައިގެ ޝަރީއަތްވެސް ފަށާފައެވެ.

މިމައްސަލަ ފަޅާއަރާފައި މިވަނީ އިނގިރޭސި ފުލުހުންގެ އިދާރާ އިސްލާހު ކުރުމަށް އެގައުމުގެ އެކި ފަރާތްތަކުން ގޮވާލަމުން ގެންދާ ދަނޑިވަޅެއްގައެވެ. އިނގިރޭސި ފުލުހުންގެ މަސައްކަތްތައް ބަލައި މޮނިޓާކުރާ އިދާރާކަމަށްވާ "ދަ އިންޑިޕެންޑެންޓް ޕޮލިސް ކޮންޕްލައިންޓްސް ކޮމިޝަން" (އައިޕީސީސީ)އިން ބުނިގޮތުގައި އިނގިރޭސި ފުލުހުންގެ އިދާރާ މިހާރުވަނީ ވަރަށްބޮޑަށް ޚަރާބުވެ ޕްރޮފެޝަނަލިޒަމް ގެއްލޭ ހިސާބަށް ގޮސްފައެވެ.

އިނގިރޭސި ފުލުހުންގެ މުޅި އިދާރާގައާ އަދި ޚާއްސަކޮށް ލަންޑަންގެ މެޓްރޮޕޮލިޓަން ފުލުހުން ގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާމީހުންނާއި ނަސްލީ އިމްތިޔާޒުގެ ހަރުކަށި ފިކުރުގެ މީހުންނާއި އަންހެނުންނާ ފޮށޭ އަދި އަންހެނުންނަށް އިހުތިރާމް ނުކުރުމުގެ ވިސްނުން ގެންގުޅޭ މީހުން ގިނަ އަދަދަކަށް ތިބިކަން ޕޮލިސް ކޮންޕްލައިންޓްސް ކޮމިޝަން (އައިޕީސީސީ) އިން ފާހަގަ ކުރެއެވެ.

އަދި ވައްކަމާއި ބޭންކްތައް ފެޅުންފަދަ އޮގަނައިޒް ކްރައިމްތަކުގައި ހަރަކާތްތެރިވާ މީހުންނާއި އުދުވާނީ ސުލޫކުގެ ތާރީޚު އޮންނަ މީހުންވެސް މިފަހަކަށް އައިސްވަނީ ގިނަ އަދަދަކަށް ފުލުހުންގެ ތެރެއަށް ވަދެފައި ކަމަށާއި މީހުން ރެކްރޫޓް ކުރުމުގައި އިނގިރޭސި ފުލުހުންގެ އިދާރާ ވަރަށް ބޮޑަށް ފަރުވާ ކުޑަކަމަށްވެސް "އައިޕީސީސީ" އިން ބުނެފައިވެއެވެ.

ލަންޑަން މެޓްރޮޕޮލިޓަން ފުލުހުންގެ އޮފިސަރެއްކަމަށްވާ ޑޭވިޑް ކެރިކް ހިންގި މިޖަރީމާތަކާ ގުޅިގެން ޝޮކެއް ލިބިވަޑައިގެންފައިވާ ކަމަށް އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނާކްވަނީ ވިދާޅުވެފައެވެ. ސުނާކުގެ ތަރުޖަމާނަކު ވިދާޅުވިގޮތުގައި ލަންޑަންގެ ފުލުހުންގެ އޮފިސަރު މިވަރުގެ ޖަރީމާތަކެއް ހިންގިއިރު އެކަން ނޭނގި އެތައް އަހަރުތަކެއް ވެގެންދިޔުމަކީ ބިރުވެރިކަމެކެވެ.

ލަންޑަންގެ މޭޔަރު ސާދިގު ޚާންވެސް ވަނީ ފުލުހުންގެ ތެރޭގައި މިވަރުގެ ބޮޑެތި ޖަރީމާތައް ހިންގާމީހުން ތިބެ އެކަން ފަޅާނޭރުމަކީ ލަދުގަންނަންޖެހޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް