އައްޑޫން ހާހެއްހާ ގޯތި އެއްފަހަރާ ދޫކުރަނީ

އައްޑޫ ސިޓީ، ހުޅުމީދޫ

ގޯތި ދޫނުކުރާތާ އެތައް އަހަރެއް ވުމަށްފަހު އައްޑޫ ސިޓީން މި ހަފުތާގައި ގޯތިދޫކުރަން ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ އައްޑޫގައި ވެސް ބޮޑުވެފައިވާއިރު އެސިޓީން ގޯތި ދޫނުކުރާތާ މިހާރު ވަނީ އެތައް އަހަރެއް ވެފައެވެ. މިގޮތުން، ހިތަދޫން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 2002ވަނަ އަހަރެވެ. އަދި، ހުޅުދުއާއި މީދޫން ވެސް ގޯތިދޫނުކުރާތާ 15 އަހަރުވެފައިވާއިރު، ފޭދޫން ގޯތި ދޫނުކުރާތާ 25 އަހަރު ވަނީ ވެފައެވެ.

އެ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު "ސަން"އަށް ވިދާޅުވީ އެ ހަތަރު ރަށުން މި ހަފުތާ ތެރޭގައި ގޯތި ދޫކުރުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.

މިގޮތުން ހުޅުދު އާއި މީދޫ ކޮންމެ ރަށަކުން 100 ގޯތި، ފޭދޫން 350 ގޯތި ދޫކުރަން މިހާރު ނިންމާފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި ހިތަދޫން 400 ނުވަތަ 300 ގޯތި ދޫކުރަން ވެސް މަސައްކަތް ކުރައްވާ ކަމަށާއި އެކަމަކު، އަދި މުޅިން ނުނިމޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ލޭންޑް ޔޫސް ޕްލޭން ފައިނަލް ކުރުމާ ހުރިހާ ކަމަކާ އެއްކޮށް ކުރިޔަށްދަނީ. މި ހަފުތާ ތެރޭގައި ގޯއްޗަށް އެދެން ހުޅުވާލެވޭތޯ [މަސައްކަތް ކުރަނީ]" ނިޒާރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި އަދަދަށް ގޯތި ދޫކޮށްގެން ޖުމުލަ ހައްލެއް ނުލިބުނު ނަމަވެސް މިވަގުތަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މީހުންނަށް ގޯތި ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ގޯތި ދޫކުރެވުމުން އައްޑޫގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

"ހާހެއްހާ ގޯތި އައްޑޫން އެއްފަހަރާ މި ދެވެނީ، އެހެންވީމަ އެއީ ވަރަށް ބޮޑު ލުޔެއް." މޭޔަރު ވިދާޅުވިއެވެ.

ހިތަދޫގެ ބިމުން 90 ހެކްޓަރު، މަރަދޫ، މަރަދޫފޭދޫން 76 ހެކްޓަރު ހިއްކުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. އަދި ހުޅުދު އާއި މީދޫގެ ބިން ހިއްކުމުގެ މަސައްކަތް ވެސް އެމްޓީސީސީއާ ހަވާލު ކުރަން ވަނީ ނިންމައިފައެވެ.

މިމަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އައްޑޫއަށް ވަޑައިގަތަމުން ވެސް އެންމެ ބޮޑު ކަންބޮޑުވުމެއް ގޮތުގައި ފާހަގަކޮށްފައިވަނީ ބޯހިޔާވަހިކަމުގެ މައްސަލައެވެ.

comment ކޮމެންޓް