ޖީއެސްޓީގެ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަތް ދުވަހު 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބަލައިގަނެފި

އޮކްޓޯބަރ 1، 2019: މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މި އަހަރުގެ ފުރަތަމަ ހަތް ދުވަހު، މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީއެސްޓީ)ގެ ގޮތުގައި 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބަލައިގަނެފި ކަމުގައި މީރާއިން ބުނެފިއެވެ.

މީރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަތް ދުވަހު ޖީއެސްޓީގެ ގޮތުގައި 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބަލައިގަތް އިރު، ޓީޖީއެސްޓީގެ ގޮތުގައި 15 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ބަލައިގަނެފައެވެ.

މީގެ އިތުރުން، ވިޔަފާރިތަކުގެ އާމްދަނީއިން ނަގާ ޓެކްސް އިން 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގާފައިވާއިރު، ނޮން ރެސިޑެންޓް ވިތް ހޯލްޑިން ޓެކްސްގެ ގޮތުގައި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ މީރާ އިން ވަނީ ބަލައިގަނެފައެވެ.

ގްރީން ޓެކްސްގެ ގޮތުގައި 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބަލައިގަނެފައިވާއިރު، އެއާޕޯޓް ސާވިސް ޗާޖު އަދި އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އިން 16 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ބަލައިގަނެފައެވެ. އަދި އެހެނިހެން ޓެކްސް އަދި ފީ ތަކުގެ ގޮތުގައި މީރާ އަށް 15 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ބަލައިގަނެފައެވެ.

މީގެ އިތުރުން، އެންމެ ފާހަގަވި ކަމަކީ ޓޫރިސްޓު ރަށްތަކުން ލިބޭ ކުލީގެ ގޮތުގައި 56 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބަލައިގަނެފައިވުމެވެ. ކޮވިޑްގެ ސަބަބުން ޓޫރިސްޓު ރަށްތަކުން ކުލި ލިބުމުގައި ދަތި ތަކެއް ހުރި ނަމަވެސް، ނިމިދިޔަ އަހަރުން ފެށިގެން އެ ކުލި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މީގެކުރިން ވަނީ ވިދާޅުވެފައެވެ.

މި އަހަރު ޖީއެސްޓީ އަދި ޓީޖީއެސްޓީގެ އަދަދު ބޮޑު ވުމުގެ ސަބަބުން، ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް، ޓީޖީއެސްޓީ 12 އިން 16 ޕަސެންޓަށް ވަނީ ބޮޑުވެފައެވެ. މީގެ ސަބަބުން ދައުލަތުގެ އާމްދަނީ ދެގުނަ އިތުރުވާނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް