ގަވާއިދާ ޚިލާފަށް ރިޔޫނިއަންއަށް އެތެރެވާން އުޅުނު ލަންކާގެ 46 މީހަކު ގައުމަށް ފޮނުވާލައިފި

ގަވާއިދާ ހިލާފަށް ފްރާންސްގެ ރަށެއް ކަމަށްވާ ރިޔޫނިއަން އައިލެންޑަށް އެތެރެވާން އުޅުނު 46 ސްރީލަންކާގެ ރައްޔިތުން -- ފޮޓޯ/ ކޮލޮމްބޯ ޕޭޖް

ފްރާންސްގެ ރަށެއް ކަމަށްވާ ރިޔޫނިއަން އައިލެންޑަށް ގަވާއިދާ ޚިލާފަށް އެތެރެވާން އުޅުނު ސްރީލަންކާގެ 46 މީހަކު އަނބުރާ އެ ގައުމަށް ފޮނުވާލައިފިއެވެ.

ބޭރުގެ ރިޕޯޓްތައް ބުނާ ގޮތުން އެ 46 މީހުން ހައްޔަރުކުރީ ކަނޑުމަގުން ގަވާއިދާ ޚިލާފަށް އެ ރަށަށް ހިޖުރަ ކުރަން އުޅެނިކޮށެވެ. އަދި މިދިޔަ ހަފުތާ ބަންދުގައި އެ މީހުން ލަންކާއަށް ފޮނުވާލީ ވައިގެ މަގުންނެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އެ މީހުން މަސް ދޯންޏެއްގައި ލަންކާގެ ނެގޮމްބޯއިން ރިޔޫނިއަންއަށް ދަތުރު ފެށީ މިދިޔަ މަހުގެ ދެވަނަ ދުވަހުއެވެ. އަދި ގަވާއިދާ ޚިލާފަށް ރިޔޫނިއަންއަށް އެތެރެވާން އުޅުމުގެ ތެރޭގައި އެމީހުން ހައްޔަރުކޮށްފައިވަނީ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

އޭގެ ތެރޭގައި ދޯނީގެ ފަޅުވެރިން ހިމެނޭ ގޮތަށް، އުމުރުން 13 އަހަރާއި 53 އަހަރާ ދެމެދުގެ 43 ފިރިހެނުންނާއި ދެ އަންހެނުން ހިމެނެއެވެ.

ގަވާއިދާ ޚިލާފަށް ފްރާންސްގެ ރަށެއް ކަމަށްވާ ރިޔޫނިއަން އައިލެންޑަށް އެތެރެވާން އުޅުނު 46 ސްރީލަންކާގެ ރައްޔިތުން ކަނޑުމަގުން ދަތުރު ކުރި ބޯޓު -- ފޮޓޯ/ ޑެއިލީ ނިއުސް

ލަންކާގެ ގާނޫނުގައި އޮންނަ ގޮތުން އެގައުމުގެ ހުއްދައާ ނުލައި ގައުމުން ބޭރަށް ފުރުމަކީ މަނާ ކަމެކެވެ. އެހެންކަމުން ގަވާއިދާ ޚިލާފަށް ގައުމުން ބޭރަށް ދިޔަ މީހުންނަށް ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް އެ ގައުމުގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓާ އެމީހުން ވަނީ ހަވާލުކޮށްފައެވެ.

އެ 46 މީހުން ލަންކާއިން ރިޔޫނިއަންއަށް ގެންދިޔުމުގައި ހަރަކާތްތެރިވީ ވިޔަފާރިއެއްގެ ގޮތުގައި އެ މަސައްކަތް ކުރާ ބަޔަކު ކަމަށް ރިޕޯޓުތަކުގައިވެއެވެ. އަދި އެފަދަ ދަތުރުތަކަށް އެ މީހުން 200،000 ލަންކާ ރުޕީސްއިން ފެށިގެން 4.5 މިލިއަން ރުޕީސްއާ ދެމެދުގެ އަގެއް، ކޮންމެ މީހެއްގެ އަތުން ނަގާ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

ރިޔޫނިއަން އައިލެންޑަށް ގަވާއިދާ ޚިލާފަށް މީހުން އެތެރެވުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ފްރާންސް ސަރުކާރުން ބުނެއެވެ. އަދި އެފަދަ މީހުން ހައްޔަރު ކުރުމުން ވަގުތުން އަނބުރާ ގައުމަށް ފޮނުވާނެ ކަމަށްވެސް އެ ސަރުކާރުން ބުނެއެވެ.

މީގެ ކުރިން ސްރީލަންކާގެ ރައްޔިތުންތަކެއް ބޭރު ގައުމުތަކުން ހިމާޔަތް ހޯދުމަށް ކަނޑު ބޯޓެއްގައި ދަތުރު ކުރަނިކޮށް ހިފަހައްޓާފައި -- ފޮޓޯ/ ގެޓީ އިމޭޖަސް

ފާއިތުވި އަހަރުތަކުގައި ސްރީލަންކާގެ އެތައް ސަތޭކަ ބަޔަކު، އެފްރިކާގެ އިރުމަތީ އައްސޭރީގައި އޮންނަ ރިޔޫނިއަން އައިލެންޑުން ހިމާޔަތް ހޯދުމަށްޓަކައި އިންޑިއާ ކަނޑު ހުރަސްކޮށް ދަތުރުކޮށްފައިވެއެވެ.

ރީޔޫނިއަންގައި ހިމާޔަތް ހޯދަން މަސައްކަތް ކުރާ ލަންކާގެ ގިނަ މީހުންނަކީ އެގައުމުގައި 25 އަހަރަށް ދެމިގެންދިޔަ ދާހިލީ ހަނގުރާމައާ ގުޅުން ހުރި ހަމަނުޖެހުންތަކުން ސަލާމަތްވުމަށް އެ ރަށަށް ހިޖުރަ ކުރަން މަސައްކަތް ކުރާ މީހުންނެވެ.

އިންސާނީ ހައްގުތަކާ ގުޅުން ހުރި މައްސަލަތައް ރިޕޯޓުކުރާ ޖަމުއިއްޔާއެއް ކަމަށްވާ ފެޔާޕްލެނެޓުން 2020 ވަނަ އަހަރު އާންމު ކުރި މައުލޫމާތުގައިވާ ގޮތުން، 2016 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު، ރިޔޫނިއަންއިން ހިމާޔަތް ދިނުމަށް އެދި 105 ފޯމު ހުށަހަޅާފައިވާ އިރު އޭގެ ތެރޭގައި ލަންކާގެ ރައްޔިތުން ގިނައެވެ. އަދި 2018 އާއި 2020އާ ދޭތެރޭގައި، ބޯޓު ފަދަ އުޅަނދުތަކުގައި ރިޔޫނިއަންއަށް ދިޔުމަށް ލަންކާގެ 290އަށް ވުރެ ގިނަ މީހުން މަސައްކަތްކޮށްފައިވާ ކަމަށް އެ ޖަމުއިއްޔާއިން ބުންޏެވެ.

comment ކޮމެންޓް