ރަޝިއާއިން ޔޫކްރޭނަށް ދިން ހަމަލާއެއް އާންމުން ދިރިއުޅޭ އިމާރާތަކަށް އަރައި، 25 މަރު

ރަޝިއާއިން ޔޫކްރެއިނަށް ދިން ވަރުގަދަ މިސައިލް ހަމަލާތަކެއްގައި އެ ޤައުމުގެ ސިޓީއެއް ކަމަށްވާ ޑްނިޕްރޯގައި ޢާންމުން ދިރިއުޅޭ ޢިމާރާތަކަށް ގެއްލުންވުން -- ފޮޓޯ/ ބީބީސީ ނިއުސް

ރަޝިއާއިން އިއްޔެ ޔޫކްރޭނަށް ދިން ވަރުގަދަ މިސައިލް ހަމަލާތަކެއް އެގައުމުގެ ނިޕްރޯ ސިޓީގައި އާންމުން ދިރިއުޅޭ އިމާރާތަކަށް އަރައި، މަރުވި މީހުންގެ އަދަދު 25އަށް އަރައިފިއެވެ.

ނިޕްރޯގެ ކައުންސިލްގެ ވެރިޔާ މިކޮލާ ލުކަޝުކް ވިދާޅުވީ، މި ހަމަލާގައި މަރުވި މީހުންގެ އަދަދު މިހާރު 25އަށް އަރާފައިވާ އިރު 73 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.

ޔޫކްރޭންގެ އެންމެ މަތީ އަސްކަރީ ކޮމާންޑުން ބުނާ ގޮތުގައި އިއްޔެ ރަޝިއާއިން ވަނީ ވައިގެ ތިން ހަމަލާއާއި، 57 މިސައިލް ހަމަލާއާއި، ބޮޑެތި ހަތިޔާރާއި ރޮކެޓް ސަލްވޯ ސިސްޓަމްތައް ބޭނުން ކޮށްގެން 69 ހަމަލާ ދީފައެވެ.

މި ހަމަލާއާއި ގުޅިގެން ޔޫކްރެއިންގެ ރައީސް ވްލަޑިމީރު ޒެލެންސްކީ ވަނީ ހަނގުރާމާގައި މަރުވި މީހުންގެ ހުރިހާ ގާތް މީހުންނަށް ތައުޒިޔާ ދަންނަވާފައެވެ.

"އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައި ވެސް ހަނގުރާމަ ކުރާނީ ދިރިހުރި ކޮންމެ ފުރާނައެއްވެސް ސަލާމަތް ކުރުމަށް" ޒެލެންސްކީ ވިދާޅުވިއެވެ.

އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ މި ހަމަލާގައި 25 މީހަކު މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ކުޑަ ކުއްޖަކު ވެސް ހިމެނޭ ކަމަށެވެ. އަދި 39 މީހަކު ސަލާމަތްކޮށްފައިވާއިރު 43 މީހަކު ވަނީ ގެއްލިފަކަމަށާއި 73 ވަރަކަށް މީހުންނަށް އަނިޔާވެފައިވާއިރު އޭގެ ތެރޭގައި 13 ކުޑަކުދިން ހިމެނޭ ކަމަށް ޔޫކްރޭންގެ ރައީސް ވިދާޅުވިއެވެ. ގާތްގަނޑަކަށް 72 އެޕާޓްމަންޓް ހަލާކުވެ، 230 އަށް ވުރެ ގިނަ އެޕާޓްމަންޓަށް ގެއްލުން ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރަޝިއާއިން ޔޫކްރެއިނަށް ދިން ވަރުގަދަ މިސައިލް ހަމަލާތަކެއްގައި އެ ޤައުމުގެ ސިޓީއެއް ކަމަށްވާ ޑްނިޕްރޯގައި ޢާންމުން ދިރިއުޅޭ ޢިމާރާތަކަށް ގެއްލުންވުން -- ފޮޓޯ/ ބީބީސީ ނިއުސް

ރަޝިޔާއިން ޔޫކްރެއިނަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައި މި ވަނީ ޔޫކްރެއިން ދިފާޢު ކުރުމަށް ހަނގުރާމަ ކުރަމުންދާ ސިފައިންނަށް އެންމެ ފަހުގެ ޒަމާނީ ޓޭންކުތަކެއް ފޯރުކޮށްދޭން ނިންމައި، އިނގިރޭސިވިލާތުން އެ ކަން އިޢުލާނުކުރިތާ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ. ޔޫކެރޭނުން ވަނީ ޓޭންކު ފަދަ ހަނގުރާމަމަތީ ޒަމާނީ އުޅަނދުފަހަރު ފޯރުކޮށްދިނުމަށް އެމެރިކާއާއި ހުޅަނގުގެ ބާރުތަކުގެ ކިބައިން އެދިފައެވެ.

މިކަމާ ގުޅިގެން ޖަރުމަނުގެ މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް ވިދާޅުވީ ހުޅަނގުގެ ގައުމުތަކުން ބަރު ހަތިޔާރު ވީހާވެސް އަވަހަށް ޔޫކްރޭނަށް ޑެލިވަރީ ކުރާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ. އަދި އެއީ މިވަގުތައް އެންމެ ބޭނުން އެއްޗިސް ކަމުގައި އޭނާ ވިދާޅުވިއެވެ.

ހުޅަނގުން ޔުކްރޭނަށް ކިތަންމެ ވަރަކަށް އެހީ ދިންނަމަވެސް ރަޝިއާގެ ހަމަލާތަކުގެ ސަބަބުން ޔުކްރެއިންވަނީ ވަރަށް ބޮޑަށް ހަލާކުވެ ފުނޑުފުނޑުވެފައެވެ. އަދި ޔުކްރެއިންގެ ބިމުގެ ބޮޑު ބައެއް އަދިވެސްވަނީ ރަޝިއާގެ ބާރުގެ ދަށުގައެވެ.

ޑްނިޕްރޯގެ އިތުރުން ރަޝިޔާއިން ވަނީ އެ ޤައުމުގެ ވެރިރަށް ކީވްއާއި ޚާރްކީވްއަށް ވެސް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެ ސަރަޙައްދުތަކުގެ ބައެއް ހިސާބުތަކުން ކަރަންޓުގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ.

ރަޝިއާ ޔުކްރޭނަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ޔުކްރެއިންގެ އިގްތިސާދުވެސް ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިނަށް ފޮނުވައި ހަނގުރާމަ ފަށާފައި ވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ 24 ގައެވެ.

comment ކޮމެންޓް