ތިން ހާސް މެމްބަރުން ހަމަކޮށްގެން ޕާޓީ އުފައްދަން ޖެހުމަކީ ޤާނޫނު އަސާސީއާ ޚިލާފުކަމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޢަބްދުﷲ ކަމާލުއްދީން (އޭކޭ) މިއަދު ވިދާޅުވެއްޖެއެވެ.
ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ)ގައި ސީޔާސީ ޕާޓީ އުފައްދާ ހިންގާ ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ލިބިގެންވެއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ޕާޓީ އުފެއްދުމުގެ ހުއްދަ ދޭތާ ތިން މަސް ދުވަހުގެ ތެރޭގައި 3000 މެމްބަރުންގެ ސޮއި ހަމަކޮށް އީސީއަށް ހުށަހަޅަން ޖެހޭނެއެވެ.
"ސަން"އަށް ދެއްވި އިންޓަވިއުއެއްގައި އޭކޭ ވިދާޅުވީ ތިން ހާސް މެމްބަރުން ހަމަކޮށްގެން ސިޔާސީ ޕާޓީ އުފައްދަން ޖެހޭ ގޮތަށް އޮތް މާއްދާއަކީ ގާނޫނު އަސާސީއާ މުޅިން ޚިލާފު މާއްދާއެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެ ހައްގު ހަނިކުރެވޭނީ ޑިމޮކްރެޓިކް އެހެން މުޖުތަމައުތަކުގައި ވެސް ހަނިކުރާ ވަރަށް ކަމަށާއި 3000 މެމްބަރުން ހަމަކޮށްގެން ސިޔާސީ ޕާޓީ އުފައްދަންޖެހޭ އެއްވެސް ޑިމޮކްރެޓިކް ގައުމެއް ނެތް ކަމަށެވެ.
"ތިންހާސް މެމްބަރުން ހަމަކޮށްގެން ޕާޓީ ހަދަންޖެހޭ ގައުމެއް ރާއްޖެ ނޫނީ ނެތް. ނިކަން ދައްކަބަލަ. ލާހިކެއް ނޫން ދައްކާކަށް. އެހެންވީމަ އެތައް ބަޔަކަށް އެ ދެވެނީ ކޮންފަދަބޮޑު ނިކަމެތިކަމެއްތޯ،" އޭކޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޔޫރަޕްގެ ބައެއް ގައުމުތަކުގައި 500 މީހުން ހަމަކޮށްގެން ވެސް ސިޔާސީ ޕާޓީ ހެދޭ ކަމަށެވެ.
"ބައެއް ގައުމުތައް އެބަހުރި ތިމަންނަ ޕާޓީއެއް ހަދާފީމޭ ކިޔާފަ އިއުލާން ކޮށްލާފަ އެއްމަސް ތެރޭގައި ޗެލެންޖު ނުކުރިއްޔާ ޕާޓީ އުފެދޭ ގައުމުތައް ވެސް،" އޭކޭ ވިދާޅުވިއެވެ.
ޤާނޫނުގައި ބުނެފައިވާ މުއްދަތުގައި 3000 މެމްބަރުން ހަމަ ނުކުރެވިގެން އޭނާގެ މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލަން އިލެކްޝަންސް ވަނީ ނިންމާފައެވެ.
މިކަމުގެ ކަންބޮޑުވުން ފައުޅު ކުރައްވާ އޭކޭ ވިދާޅުވީ ލޭބާ ޕާޓީއެއް ވުޖޫދުގައި އޮތުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށާއި އެއީ ރާއްޖޭގެ މަސައްކަތްތެރިންނަށް ޚާއްސަކޮށްގެން އުފެއްދި ހަމައެކަނި ޕާޓީ ކަމަށެވެ.
"ކިހާ މަސައްކަތްތެރިންނެއް އެބައުޅޭ ނޫންތޯ. އަމިއްލައަށް މަސައްކަތްކޮށްގެން އުޅޭ މީހުންނާއި މީހުންގެ ވަޒީފާތަކުގައި އުޅޭ މީހުންނާއި އަދި ވަޒީފާ ދޭ ފަރާތްތަކާ މި އެންމެން އެބަ ހިމެނޭ ނޫންތޯ ލޭބަރުންގެ ތެރޭގަ،" އޭކޭ ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އޮންނަ ގޮތުން ޕާޓީ އުފެއްދުމުގެ ހުއްދަ ދޭތާ ތިން މަސް ދުވަހުގެ ތެރޭގައި 3000 މެމްބަރުންގެ ސޮއި ހަމަކުރުމުގެ އިތުރުން މަދުވެގެން 300 މީހުން ބައިވެރިވާ ޕާޓީ އުފެއްދުމުގެ ޖަލްސާގައި ޕާޓީގެ އަސާސީ ގަވާއިދު ފާސް ކުރަން ޖެހެއެވެ.
މޯލްޑިވްސް ސޮލިޑާރިޓީ ޕާޓީ ނުވަތަ ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ (އެންއެސްޕީ)ގެ ނަމުގައި އަލަށް ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް އޭކޭ ކުރެއްވިއެވެ.
އެކަމަކު ގާނޫނު އަސާސީން ލިބިދޭ ހައްގުތައް ކަށަވަރު ނުކުރެވޭތީ ކަމަށް ވިދާޅުވެ ޕާޓީ އުފައްދަވަން ކުރެއްވި މަސައްކަތް މިވަގުތަށް ވަނީ މަޑުޖައްސާލާފައެވެ.