ދިވެހި ފަންނާނުންނާއި އިންޑިއާގެ ފަންނާނުންގެ ހުނަރު ދައްކާލާ "ޓުއަނިވަލް" ގެ ޓިކެޓު ލޯންޗްކޮށްފިއެވެ.
ސޮލްޓް ރެސްޓޯރަންޓްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ޓިކެޓު ލޯންޗުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު، ޑރ. އަބްދުﷲ މަޢުސޫމެވެ.
ސޮލައިޓް ރެސްޓޯރަންޓުގައި ބޭއްވި މި ޙަފްލާގައި ރާއްޖޭގެ ފިލްމީ ތަރިންނާއި، މޮޑެލުންނާއި، މޭކަޕް އާޓިސްޓުންނާއި، ފެހުންތެރިންގެ އިތުރުން މި އިވެންޓު ރާވާ ހިންގާ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. އަދި މިނިސްޓަރު މައުސޫމްގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވެސް ވަނީ މި އިވެންޓުގައި ބައިވެރިވެވަޑައިގެންފައެވެ.
މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ އިންޑިއާގެ ފަންނާނުންނާ ގުޅިގެން ދިވެހި ފަންނާނުންގެ މިފަދަ ކާނިވަލެއް ބޭއްވުމަކީ ރާއްޖެއަށް އެކަމުގެ ސަބަބުން ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް ކަމުގައެވެ.
އަދި ކޮވިޑްގެ ދަތި ދުވަސްވަރު، އިންޑިއާގެ އެކި ފަންނާނުން ރާއްޖެއަށް އައިސް ކުރި އިޝްތިހާރުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އެކަމުގެ ސަބަބުން ބޮޑު ކުރިއެރުމެއް ލިބުނު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖެ އާއި އިންޑިއާގެ ފަންނާނުން ގުޅިގެން ބާއްވާ ޓުއަނިވަލުގައި ދެކަމެއް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. އެއީ މި މަހުގެ 27 ވަނަ ދުވަހު ކުޅޭ ފުޓްބޯޅަ މެޗެއްގެ އިތުރުން، މި މަހުގެ 29 ވަނަ ދުވަހުގެ ރޭ އޮންނަ ކާނިވަލެވެ. މިއީ މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދެވޭ ހަރަކާތްތަކެކެވެ.
މި ހަރަކާތްތަކަށް ވަނުމަށް ޓިކެޓު ނެގުމަށް މިހާރު ވަނީ ހުޅުވާފައެވެ. އެގޮތުން ޓިކެޓެއްގެ އަގަކީ 249 ރުފިޔާއެވެ.
މި ޓުއަނިވަލަކީ ބޭރު ގައުމެއްގެ ފަންނާނުންތަކަކާ އެކު ރާއްޖޭގެ ފަންނާނުންތަކެއް ކުރިއަށް ގެންދާ ފުރަތަމަ މި ފަދަ ހާރަކާތެވެ. މިކަމަށްޓަކައި ދިވެހި ފަންނާނުން ވަނީ ޓުއަނިވަލް އިންތިޒާމްކުރާ ފަރާތަށާއި ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.