ދިވެހި ޅެންވެރިކަމަށް މުސްތަގުބަލެއް އެބައޮތްތަ؟

ދިވެހި ބައެއް ޅެން ފޮތްތައް-- ފޮޓޯ: ޅެންވެރިޔާ

ދިވެހި އަދަބިއްޔާތުގެ ގުލްޒާރު ޖަރީކޮށް އަލިކޮށްދޭ "ބޮކިފުރާޅުއަލި"ގެ އެ ބާވަތާމެދު މީހުންގެ ހިތުގައި ވަނީ ބިންވަޅު ނެގިފައެވެ. އަސަރުގަދަ އަދި ހިތުގެ އެންމެ ހިމަ ލޭނާރާ ކުޅެލާ އެއްޗެއްގެ ގޮތުގައި މީހުން އެކަން ސިފަކުރެއެވެ.

ދުލުން ބަޔާންކޮށް ނުދެވޭ އިހުސާސްތައް އެންމެ ފުރިހަމަ ގޮތުގައި ބަޔާންކޮށްދެވޭ ވަސީލަތަކީ ވެސް އެއީ ކަމަށް އެކަމުގެ މާހިރުން ގަބޫލުކުރައްވައެވެ. މި ދެކެވެނީ ދިވެހި އަދައްބިއްޔާތު ބޮޑު އަދި ހިތްގައިމު ހިއްސާއެއް ކަމަށްވާ ޅެންވެރިކަމުގެ ވާހަކައެވެ.

ޅެންވެރިކަމަކީ ދިވެހިބަހުގެ އަދަބިއްޔާތު އިތުރަށް ފުރިހަމަ ކޮށްދީ ދިވެހިބަސް އިތުރަށް މުއްސަނދިކޮށްދޭ އެއްޗެކެވެ. އިހުންސުރެ ދިވެހި އަދަބިއްޔާތުގައި ރަން އަކުރުން ފަވާލެވިފައިވާ ޅެންވެރީންގެ ރީތި އަދި ފުރިހަމަ ޅެންތައް އެކަމުގެ ހެއްކަކަށް ފުދެއެވެ. ދިވެހި ޅެންވެރިންގެ ދުވަސް މިއަދު ފާހަގަ ކުރާއިރު މިއީ ކޮންމެހެން ދައްކާލަން ޖެހޭ ވާހަކައެކެވެ.

މިދިޔަ އަހަރުގެ ޅެންވެރިކަމުގެ ދުވަސް ހާއްސަކުރި އާދަމް އަބްދުލް ރަހްމާން (އުތީމު އާދަމްބެ) --- ފޮޓޯ/ ރައީސް އޮފީސް

ޅެންވެރިންގެ ދުވަސް ގައުމީ ފެންވަރެއްގައި 1989 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 15އިން ފެށިގެން ކޮންމެ އަހަރަކު ވެސް އަންނަނީ ފާހަގަ ކުރަމުންނެވެ. އެއީ މިކަމުގެ މުހިންމުކަން ރަމްޒުކޮށްދޭ ކަމެކެވެ.

އެންމެ ފުރަތަމަ ޅެންވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ދިވެހި ސަރުކާރުން ނިންމީ ދިވެހި އަދަބިއްޔާތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި އިބްރާހިމް ޝިހާބް އަވަހާރަވުމާ ގުޅިގެންނެވެ.

މި ދުވަހަކީ ދިވެހިބަހުގެ މުއްސަނދިކަމާއި ޅެންވެރިކަމުގެ އަސަރުގަދަކަމާއި ނުފޫޒުގަދަކަން ހާމަކޮށްދޭ ދުވަހެކެވެ. މީހުންގެ ޝުއޫރުތަކާ ކުޅެލާ ހަތިޔާރެއްގެ ގޮތުގައި ވެސް އެކަމުގެ މާހިރުން ޅެންވެރިކަން ސިފަކުރެއެވެ.

ޅެންވެރިންގެ ދުވަސް 35 ވަނަ ފަހަރަށް މި އަހަރު ފާހަގަ ކުރާއިރު ދާއިރާގެ މުސްތަގުބަލާމެދު ގިނަ ސުވާލުތަކެއް މީހުން އުފައްދައެވެ. ނަމަވެސް ޒަމާންބަދަލުވެ ދުނިޔެ ބަވަނަވި ނަމަވެސް ޅެންވެރިކަމުގެ ބާރުގަދަކަމާއި އެކަމުން ދިވެހިބަހުގެ އަދަބިއްޔާތަށް ގެނެސްދޭ ފުރިހަމަކަން އަދިވެސް އޮތީ ހަމައެގޮތަށެވެ. ހަމައެކަނި ތަފާތަކީ ކުރީގައި އެކަން ކުރި ގޮތާ މިހާރު އެކަން ކުރާ ގޮތުގެ ތަފާތުކަމެވެ.

ރާއްޖޭގެ ބައެއް ޅެންވެރިން --- ސަންފައިލް ފޮޓޯ

އިހުގައި ޅެންވެރިކަމަކީ ވަރަށް ސަމާލުކަން ދީގެން ހުރިހާ ގޮތަކުންވެސް އޭގެ ފުރިހަމަކަން ގެނައުމަށް މަސައްކަތް ކޮށްގެން ކުރާ ކަމެކެވެ. ޅެމުގެ ބޭރުފުށަށް ބެލުމުގެ ބަދަލުގައި ޅެމުގެ އެތެރެފުށް ވެސް އެހާމެ ފުރިހަމަ ކުރުމަށް މަސައްކަތް ކުރެއެވެ. މާނަފުން އަދި ދުނިޔެވީ ހަގީގަތްތަކުގެ މައްޗަށް ގިނަ ރީތި ޅެންތަކެއް ހަދައެވެ. މީހުންގެ ދިރިއުޅުމާ ގުޅޭ އެތައް ޅެންތަކެއް އޭރުގެ ކުޅަދާނަ ޅެންވެރީން މިހާރުގެ ޖީލަށްޓަކައި ދޫކޮށްލެއްވިއެވެ.

ނަމަވެސް އެއާ ޚިލާފަށް މިހާރު ހަދަމުން އަންނަ ޅެންތަކުގައި ހަމައެކަނި ސަމާލުކަން ދެނީ ޅެމުގެ ބޭރުފުށް ރީތިކުރުމަށް ކަމަށް ބެލެވެއެވެ. ޅެމުގެ އެތެރެފުށަށް ވިސްނައިގެން އިހުގައި ހަދާފައިހުރި ފަދަ ޅެންތައް ހެދުމަށް ކުރީގެ ޅެންވެރީން ކުރި މަސައްކަތް މިހާރުގެ ޅެންވެރިން ނުކުރާކަމަށް ދިވެހި އަދަބިއްޔާތުގެ އިސް ބޭފުޅުން ވިދާޅުވެއެވެ.

"ކުރިއަށްވުރެ ޅެންވެރީން މިހާރު މާ ގިނަ. ޅެންހަދަން ދަސްކުރާ މީހުންވެސް ގިނަ. އިހާ މިހާރާ އޮންނަ ތަފާތަކީ ކުރީގައި ޅެންތައް ފުރިހަމަވުން. އެކަމު މިހާރު ބޭރުފުށަށް އެކަނި ބަލަނީ. އެހެން އެކަން އޮތްނަމަވެސް ޅެންވެރިކަން އަދިވެސް އެބައޮތް. އެއްވެސް އިރެއްގައި އުވިގެންދާނެ އެއްޗެއް ކަމަށް ގަބޫލެއް ނުކުރަން،" ހުނަރުވެރި ޅެންވެރިޔާ، މުހައްމަދު އާމިރު (ފަރެސް) ވިދާޅުވިއެވެ.

ޒަމާން ބަދަލުވެ އެކަން ކުރާގޮތަށް ބަދަލު އައި ނަމަވެސް ޅެންވެރިކަމުގެ މުސްތަގުބަލު ވަރަށް އުޖާލާކަމަށް ޅެންވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން ވިދާޅުވެއެވެ. ކުރިއާ މިހާރު ޅެންވެރިކަން ކުރާ ގޮތް ބަދަލުވި ނަމަވެސް ދިވެހި ބަހުން ޅެންވެރިކަން ނުކުރާނެ ދުވަހެއް އަތުވެދާނެ ކަމަކަށް ޅެންވެރިން ގަބޫލެއް ނުކުރައްވައެވެ.

އަދަބިއްޔާތާއި ޅެންވެރިކަމުގެ ދާއިރާއިން ގައުމީ އިނާމް ހާސިލްކޮށްފައިވާ އަދި ދިވެހި ބަހާ ގުޅުންހުރި ފޮތްތައް މިހާރު ވެސް ނެރުއްވަމުން ގެންދަވާ ފަރެސް އާމިރު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއީ މީހުންގެ ހިތަށް އެންމެ ފަސޭހައިން ކަންކަން ވަންނަ ދިވެހި އަދަބިއްޔާތުގެ ވަސީލަތަށް ޅެންވެރިކަން ވާތީއެވެ. އެކަމަކީ ރަނގަޅު ގޮތުގައި އެކަން ކޮށްފިނަމަ ގައުމަށްވެސް ކޮށްދެވޭ ބޮޑު އަދި އަގު ނުކުރެވޭ ފަދަ ޚިދުމަތެކެވެ. އަދި މީހުން ތެދުމަގަށާއި ގޯސްމަގަށް ވެސް އަނބުރާލަދޭ ވަރުގަދަ ހަތިޔާރެކެވެ. އެހެންކަމުން ޅެންވެރިކަމަކީ އަބަދުވެސް ދިވެހިބަހަށާއި އަދަބިއްޔާތަށް މުހިއްމު އެއްޗެއްގެ ގޮތުގައި ޅެންވެރިންނާއި އަދީބުން ސިފަކުރައްވައެވެ.

ދިވެހި ބަހާއި އަދަބިއްޔާތަކީ ގައުމިއްޔަތާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމަކަށްވާއިރު ގައުމިއްޔަތު ދިރުވާ އާލާކުރުމަށްޓަކައި މިފަދަ ކަންކަމަށް އިތުރު ސަމާލުކަމެއް ދޭން ޖެހެއެވެ. އާއްމުންނާ ގާތް، އަދަބިއްޔާތުގެ ބަޔަކަށް ޅެންވެރިކަންވާއިރު މިހާރުގެ ކުޑަކުދިން ޅެންވެރިކަމަށް އަހުލުވެރިކުރުވުމަކީ ވެސް މުހިއްމު ކަމެއްގެ ގޮތުގައި ޅެންވެރީން ދެކެއެވެ.

"ޅެންވެރިކަމަކީ މީހުންގެ ހިތުގައި ކަންކަން އެންމެ ބޮޑަށް ބިންވަޅު ނެގޭ އެއްގޮތް. ޅެންވެރިކަމުގެ މުސްތަގުބަލު އަޅުގަނޑަށް ވަރަށް އުޖާލާ. ޅެންވެރިކަމަކީ ދިވެހިބަހާ އަދަބިއްޔާތުގެ މުހިއްމު ބައެއް. އަދިވެސް ކުރީގައި އޮތްގޮތަށް މިކަން އަނބުރާގެނެވޭނެ. ބޭނުންވަނީ ކުޑަ ހިއްވަރެއް،" ދިވެހިބަހާއި އަދަބިއްޔާތަށް މުހިއްމު މަސައްކަތްތަކެއް ކޮށްދެއްވާ އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު ވިދާޅުވިއެވެ.

ދިވެހިބަހުގެ އަދަބިއްޔާތުގައި ޅެންވެރިކަމަށް ދެވިފައިވާ އަހައްމިއްޔަތު ކަމަށް އަދިވެސް އެއްވެސް ބަދަލެއް ނާދެއެވެ. ޒަމާނާ އެއްގޮތަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ބައެއް މީހުން ޅެންވެރިކަން ނެތިދަނީއޭ ބުނުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަން ހާމަކޮށްދެނީ ޅެންވެރީންނެވެ.

ދިވެހިބަހަށް ގިނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޅެންވެރިކަން މިހާރު ކުރާގޮތަށް ބަދަލުތަކެއް އައިސްފައިވާ ކަން އެބޭފުޅުން ވެސް ގަބޫލުކުރައްވައެވެ. އެގޮތުން މިހާރު ދަސްކޮށްދެނީ ޅެން ހަދަން އެކަންޏެވެ. އެ ޅެން ފުރިހަމަ ޅެމަކަށް ހަދާނެގޮތުގެ މާ ބޮޑު އެއްޗެއް ޅެންވެރިކަން ދަސްކުރަން ބޭނުންވާ ކުދިންނަކަށް ކިޔައެއް ނުދެއެވެ.

އޭގެ ބަދަލުގައި ޅެންވެރިކަން ދަސްކުރަން ބޭނުންވާ ކުދިންނަށް އަދަބިއްޔާތުގެ އިލްމުން އުނގަންނައިދީ، ހަދާ ޅެމަކީ ހުރިހާ ގޮތަކުންވެސް ޅެންވެރިކަމުގެ ހަމަތަކަށް ފެތޭ ފުރިހަމަ ޅެމަކަށް ހެދުމަށް އިރުޝާދުދީ ދަސްކޮށްދޭން ޖެހެއެވެ.

"ޅެންވެރިކަން ކުރާނެ ގޮތުގެ ފުރިހަމަ މައުލޫމާތު ދޭން ވަރަށް މުހިއްމު. އެ ޅެމަކީ ފުރިހަމަ ޅެމަކަށް ހެދުމުގެ މުހިއްމުކަން ބުނެދިނުން މުހިއްމު. ޅެންހަދާއިރު އެކަންކަމަށް ސަމާލުކަންދޭން ޖެހޭ ބަޔަކަށް ވާންޖެހޭ. އެގޮތަށް ކަންކޮށްފި ނަމަ ކުރިން ހަދާކަހަލަ ފުރިހަމަ ޅެންތަކެއް ނުހެދެންވި ސަބަބެއް ނެތް،" ޅެންވެރިޔާ މުހައްމަދު ޝާހިދު ހަލީމް ވިދާޅުވިއެވެ.

ޅެންވެރިކަމުގެ މުހިއްމުކަމާއި ފުރިހަމަކަމުގެ ވާހަކައަކަށް ނިމުމެއް ނެތެވެ. ދިވެހިބަހާ އަދަބިއްޔާތު ފުރިހަމަކޮށްދިނުމަށް ޅެންވެރިކަން ކުޅެދޭ ރޯލަށްވެސް ބަދަލެއް ނާދެއެވެ. ދިވެހިބަހަކީ ނިކަމެތި ބަހެއްގެ ގޮތުގައި ސިފަކުރާ މީހުންނެކޭ އެއްފަދައިން ޅެންވެރިކަމުގެ މުސްތަގުބަލެއް ނެތްކަމަށް ބުނާ މީހުން އުޅުނު ނަމަވެސް އެއީ އަދި ހަގީގަތެއް ނޫނެވެ.

މިދިޔަ އަހަރު ދުނިޔޭގެ ޅެންވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހީމް

އަންނަ ޒަމާނީ ބަދަލުތަކަކީ އެއްޗެއް ނެތިދިއުމަށް އައިސްދާނެ ބަދަލެއް ކަމަށް ބައެއް މީހުންނަށް ގަބޫލު ކުރެވޭ ކަމަށް ވީނަމަވެސް ޅެންވެރިންނާއި އަދީބުން ސިފަކުރައްވާ ގޮތުގައި އިހުގައި ވެސް އަދި މިހާރުވެސް ޅެންވެރިކަމުގެ މުސްތަގުބަލު އުޖާލާއެވެ.

"ޅެންވެރިކަމަމީ މުޖުތަމައަކަށް މުހިއްމު އެއްޗެއް. އިންގްލިޝް ޕޮއެޓްރީ ލިޔާ ކުދިންވެސް އުޅޭ. ދިވެހި ކުދިން. އެކަމު އެވެސް ކިޔާނީ ހަމަ ޅެމަށް. ކުރާ ގޮތް ތަފާތުވެދާނެ. އެކަމު ޒަމާނާ އެންމެ ގުޅޭ ގޮތަށް މުހިއްމު ކަންކަމުގައި އަދިވެސް ޅެންވެރިކަން ބޭނުންކުރޭ. ޅެންވެރިކަމުގެ މުސްތަގުބަލު އަނދިރިއޭ ބުނުމަކީ ކުށްހީއެއް،" ޅެންވެރިޔާ މަރިޔަމް އިޝާ އަޒީޒް ވިދާޅުވިއެވެ.

ޅެންވެރިކަމުގެ މާޒީން ދިވެހިންނަށް ދަސްކޮށްދިނީ އެކަމުގެ ފުރިހަމަކަމާއި އާއްމުންގެ ތެރޭގައި އޭގެ ބާރުގަދަކަމެވެ. ހިތުގެ އެންމެ ފުނުގައި ސިއްރުކޮށްފައި އޮންނަ ވާހަކަ ފުން މާނަތަކެއްގެ ޒަރިއްޔާއިން އަދި މުއްސަނދި ބަސްކޮށާރަކުން ބަޔާންކޮށްދެވެއެވެ.

ޒަމާނަށް އައި ބަދަލާއެކު ޅެންވެރިކަމަށް އައި ބަދަލުތަކުން އެއިން އެއްވެސް ކަމަކަށް ބަދަލެއް ނާދެއެވެ. ޅެންވެރިކަމުގެ މުސްތަގުބަލާމެދު ބައެއް މީހުން ސުވާލު އުދެއްދި ނަމަވެސް ޅެންވެރިންގެ ނަޒަރުގައި ޅެންވެރިކަމަށް އޮތީ އުފާ ފާގަތި ދުވަސްތަކެކެވެ.

comment ކޮމެންޓް