އެެމެރިކާއާއި ޖަޕާނުގެ އަސްކަރީ ގުޅުންތައް ޗައިނާއާ ދެކޮޅަށް

އެމެރިކާއާއި ޖަޕާނުގެ ޚާރިޖީ އަދި ދިފާއީ ވަޒީރުން ބައްދަލުކުރައްވަނީ

ވޮޝިންޓަން (14 ޖަނަވަރީ 2023): އެމެރިކާ އާއި ޖަޕާނުގެ ޚާރިޖީ ވަޒީރުންނާއި ދިފާއީ ވަޒީރުން، ވޮޝިންޓަންގައި ބައްދަލުކުރައްވައި މުހިއްމު މަޝްވަރާތަކެއް ކުރެއްވުމަށްފަހު ދެގައުމުން ސްޓްރެޓީޖިކް ގުޅުންތަކެއް ގާއިމްކުރިކަން ހާމަކޮށް ބަޔާނެއް ނެރެފިއެވެ.

މިބަޔާނުގައި ދެގައުމުގެ އަސްކަރީ ގުޅުން އިތުރަށް ވަރުގަދަކޮށް ސްޓްރެޓީޖިލް ލެވެލަށް ގެންދިޔަކަމާއި ހަނގުރާމައިގެ ތައްޔާރީ ހާލަތުވެސް އިތުރުކުރިކަމާއި ޖަޕާން ދިފާއުކޮށްދިނުމުގައި އެމެރިކާ ޖާމިނުވާނެކަން ހާމަކޮށްފައިވެއެވެ. މި ބަޔާނުގައިވާގޮތުން ޔުކްރެއިންއާ ދެކޮޅަށް ރަޝިއާ ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ނިޒާމަށް އަންނަމުންދާ ޖިއޮޕޮލިޓިކަލް ބަދަލުތަކާއި ތައިވާނާ ދެކޮޅަށާއި ދެކުނު ޗައިނާ ކަނޑާއި ތައިވާން ކަނޑުއޮޅީގައި ޗައިނާ ހިންގާ އަސްކަރީ ހަރަކާތްތަކުގެ ސަބަބުން ބައިނަލްއަގްވާމީ ނިޒާމަށްވަނީ ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެއެވެ.

އެ ނުރައްކާތަކުން ސަލާމަތްވުމަށް އެމެރިކާއާއި ޖަޕާނާދެމެދު އަސްކަރީ ގުޅުން އިތުރުކޮށް ސްޓްރެޓީޖިކް ލެވެލަށް ގެންދިޔުން މުހިއްމުކަމަށް ބުނެފައިވެއެވެ.

މިބަޔާން ބުނާގޮތުން ޗައިނާދަނީ އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ބޮޑުބާރަކަށް ވުމުގެ އިތުރުން އަސްކަރީ ބޮޑުބާރަކަށްވާންވެސް އަމަލީގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޗައިނާގެ ސިޔާސަތުތައް ބައްޓަންކުރަމުން ގެންދަނީވެސް މިހާރު އޮތް ބައިނަލްއަގުވާމީ ނިޒާމު، ޗައިނާގެ މަސްލަހަތު ހަމައެކަނި ރައްކާތެރިކުރެވޭގޮތަށް ބައްޓަންކުރުމަށް ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ޖަޕާނުގައިވާ އެމެރިކާގެ އަސްކަރީ ބޭސް

އަދި ސިޔާސީ، އިގްތިސާދީ، އަސްކަރީ އަދި ޓެކްނޮލޮޖީގެ ގޮތުން ޗައިނާގެ ބާރު ގަދަކުރަމުން އަންނަނީވެސް، މިހާރު ހަމައެކަނި ހުޅަނގުގެ ނުފޫޒުއޮތް ބައިނަލްއަގްވާމީ ނިޒާމު، ޗައިނާގެ މަސްލަހަތު ހިމާޔަތްކުރެވޭގޮތަށް ބަދަލުކުރުމަސް އަމާޒު ހިފައިގެން ކަމަށް އެ ބަޔާން ބުނެއެވެ.

މިބަޔާން ނެރުމާއެކު ޖަޕާނުގެ ބޮޑުވަޒީރު ފޯމިޔޯ ކިޝީދާވަނީ މިއަދު ހަނގުރާމަ ހިނގަނީ ޔޫރަޕްގައި ކަމަށާއި މާދަމާ ހަނގުރާމަ ހިނގާނީ އޭޝިއާގައި ކަމަށް ވިދާޅުވެ ބަޔާނެއް ދެއްވާފައެވެ.

ޔޫރަޕްގައި ހިނގާ ހަނގުރާމަކަމަށް ކިޝީދާ ސިފަކުރައްވަނީ ޔުކްރޭނާއި ރަޝިއާއާ ދެމެދު ހިނގާ ހަނގުރާމައަށެވެ. އަދި އޭޝިއާގައި ހިނގާނެކަމަށް ކިޝީދާ ވިދާޅުވާ ހަނގުރާމައަކީ ތައިވާން ޗައިނާއާ އެއްކޮށްލުމަށް ޗައިނާ ހިންގަފާނެ އަސްކަރީ ހަރަކާތެއްގެ ވާހަކަ ކަމަށް ވަނީ ބެލެވިފައެވެ.

އެމެރިކާއާއި ޖަޕާނުން ގާއިމްކުރި ސްޓްރެޓީޖިކް ގުޅުންތަކާއެކު ޖަޕާނުގެ އޮކިނާވާގައި ރުކުރުވާލާފައިވާ އެމެރިކާ ލަޝްކަރުތަކުގެ އަދަދު އިތުރުކުރުމަށާއި އެތަނުގައި އެމެރިކާ ހިންގާ އަސްކަރީ ބޭސް އަޕްގްރޭޑްކޮށް އަސްކަރީ ކެޕޭސިޓީ މަތިކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ޖަޕާނުގައި މިހާރުހުރި ހަތިޔާރަށްވުރެ ޒަމާނީ ހަތިޔާރު ޖަޕާނަށް ވިއްކުމާއި އަސްކަރީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން މިހާރަށްވުރެ ފެންވަރު ރަނގަޅު ހަތިޔާރު ޖަޕާނުގައިވާ އެމެރިކާގެ އަސްކަރީބޭހުގައި ގުދަންކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެތެރޭގައި ޖަޕާނުގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭހުގައި ރުކުރުވާލާފައިވަ އެމެރިކާގެ 30،000 ސިފައިންނަށް ބޭނުންވާ އެކިބާވަތުގެ ހަތިޔާރުތައް ހިމެނެއެވެ. މިކަންކުރަނީ ޗައިނާއިން އެގައުމުގެ ބައެއްގެ ގޮތުގައި ދެކޭ ތައިވާން ޗައިނާއާ އެއްކޮށްލުމަށް ޗައިނާ ހިންގަފާނެ އަސްކަރީ އޮޕަރޭޝަނަކާ ދެކޮޅަށް އެމެރިކާ ތެދުވެ ޗައިނާއާ ދެކޮޅަށް އަސްކަރީ ގޮތުން ތެދުވަންޖެހިއްޖެ ހާލަތެއްގައި އެކަން ކުރުމަށް މަގުފަހިކުރުމުގެ ގޮތުންނެވެ.

ޖަޕާނާއި އެމެރިކާ ގުޅިގެން ނެރުނު ބަޔާނަށްފަހު އެމެރިކާގެ ރައީސް ޖޯ ބައިޑެންވަނީ ޖަޕާނުގެ ދިފާއުގައި އެމެރިކާ އަބަދުވެސް އޮންނާނެ ކަމަށާއި ޖަޕާނުގެ ދިފާއުގައި ނިއުކްލިޔާ ހަތިޔާރު ބޭނުންކުރަން ޖެހިއްޖެނަމަ އެކަންވެސް ކުރަން ފަސްނުޖެހޭނެކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

ޖަޕާނުން ދާދި ފަހުންވަނީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެގައުމުން މިހާތަނަށް ގެންގުޅެމުންއައި އަސްކަރީ ސިޔާސަތާއި ދިފާއީ ސްޓްރެޓެޖީ މިދިޔަ އަހަރުގެ ފަހުކޮޅު މުޅިން ބަދަލުކޮށް އަސްކަރީ ބަޖެޓްވެސް ސައްތަ އިންސައްތަ ބޮޑުކޮށްފައެވެ. ޖަޕާނުގެ އަސްކަރީ ބަޖެޓް ބޮޑުކުރުމާއެކު ޖަޕާން މިހާރުވަނީ އެމެރިކާއާއި ޗައިނާ ފިޔަވައި ދެން ދުނިޔޭގައި އަސްކަރީ ބަޖެޓް އެންމެ ބޮޑު ގައުމުކަމަށްވެގެން ގޮސްފައެވެ.

ޖަޕާނާއި އެމެރިކާ ގާއިމްކުރި އަސްކަރީ ސްޓްރެޓީޖިކް ގުޅުންތަކާބެހޭގޮތުން ބައިނަލްއަގްވާމީ މުހައްލިލެއް ކަމަށްވާ ޑރ. ޚަލީލް އަލްޢަނާނީ އަލްޖަޒީރާގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ މިގުޅުންތަކުގެ އަމާޒަކީ ރަޝިއާއަށްވުރެވެސް ބޮޑަށް ޗައިނާ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި ރަޝިއާއާއި ޔުކްރެއިންގެ ހަނގުރާ ނިމިގެންދާނެގޮތެއް އެމެރިކާއަށް ކަށަވަރުނުވުމާ ޗައިނާގެ އަސްކަރީ އަދި އިގްތިސާދީ ބާރު އިންތިހާއަށް ގަދަވަމުން ދިޔުމަކީ ދެވަނަ ބޮޑުހަނގުރާމައަށްފަހު ހުޅަނގުން ދުނިޔޭގައި ގާއިމްކޮށްފައިވާ ހަމައެކަނި ހުޅަނގަށް ފައިދާވާގޮތަށް އޮންނަ ބައިނަލްއަގްވާމީ ނިޒާމަށް ލޮޅުން އަރައި ހުޅަނގުގެ ނުފޫޒު ދުނިޔޭގައި ކުޑަވެގެންދާނެ ކަމެއްކަން ވަރަށް ސީރިއަސް ގޮތެއްގައި އެމެރިކާ މިހާރުވަނީ ދެކެންފަށާފައެވެ.

އެހެންކަމުން އެމެރިކާގެ ބޭނުމަކީ އެމެރިކާގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ޔޫރަޕްގެ ގައުމުތަކާއި ނޭޓޯގެ ގައުމުތަކާއި ޖަޕާނާއި ދެކުނު ކޮރެއާއާއި އޮސްޓްރޭލިއާ ފަދަ ގައުމުތައް ބޭނުންކޮށްގެން ހުޅަނގަށް ފައިދާވާގޮތަށް އޮންނަ މިނިޒާމު ދެމެހެއްޓުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުންކަމަށް ޑރ. ޚަލީލް އަލްޢަނާނީ ވިދާޅުވިއެވެ.

comment ކޮމެންޓް