އަލިފާނަށް ނުބަލާ ހެދި މާލެ، އެތައް މަރަކާ ގުޅިފައި

މާލެ ސިޓީ މަތިން-- ސަން ފޮޓޯ/ފަޔާޒު މޫސާ

ތަނަކަށް ފަހު ތަނެއްގައި ރޯވެ އަނދާ އަޅިއަށް ވަނީއެވެ. އަލިފާނުގެ ހާދިސާތައް އިތުރުވާއިރު، ހަގީގީ މައްސަލައަށް ހައްލެއް ނާދެއެވެ. އަލިފާންނިވި، މައްސަލައިގެ އަސްލުވެސް ދުމަށް ވަނީއެވެ. މިއީ ނުދައްކާ ވާހަކައެވެ.

އެހެން ގައުމުތަކާއި ރާއްޖެއާ ތަފާތެވެ. ހާއްސަކޮށް މާލެއެވެ. ކުޑަކުޑަ މާލޭގައި ތޮށްޖެހިގެން ބޮޑެތި އިމާރާތްތައް، ތަން މިނަށް ނަގާފައި ހުރުމަކީ ގޯހެކެވެ. އެންމެ ބޮޑު ގޯހަކީ އެ އިމާރާތްތައް އާ އުސްމިންތަކަކަށް ނެގިއިރު އަލިފާނުގެ ހާދިސާއަކުން ސަލާމަތް ވުމަށް ބޭނުންވާ އެންމެ ޒަރޫރީ ކަންކަން ފުރިހަމަވެފައިނެތުމެވެ.

މައްސަލައިގެ އަސްލަކީ އެއީއެވެ. ބޭރުގެ ތަހުޒީބު މުޖުތަމައުތަކުގައި ކަންކުރަނީ ތަފާތުކޮށެވެ.

އިމާރާތް ކުރާއިރު ތަނުގައި ހުންނަން ޖެހޭ 'ފަޔާ ސޭފްޓީ ސްޓޭންޑަޑެއް' އޮވެއެވެ. އެ ގައުމުތަކުގައި އިމާރާތް ކުރެވެނީ އެ އުސޫލުގެ ތެރެއިންނެވެ. އެކަމަކު، ރާއްޖޭގައި އެފަދަ އުސޫލެއް ލިޔެވިފައި ނެތެވެ. އިމާރާތް ކުރަނީ ވަރަށް އާދައިގެ ކޮށެވެ. އަލިފާނުގެ ހާދިސާއަކުން ރައްކާވާނެ ގޮތަކަށް މާބޮޑު ސަމާލުކަމެއް ނުދީއެވެ.

މާލެ މަތިން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ގޭގެއާއި އޮފީސްތަކާއި ސުކޫލުތައް އިމާރާތް ކުރާއިރު އެތަންތާންގައި އަލިފާން ނިއްވަން ބޭނުންކުރާ ސާމާނު ހުންނަން ޖެހެއެވެ. ފަސޭހައިން ނުކުމެވޭނެ ގޮތެއް އޮންނަން ޖެހެއެވެ. އެކަން ބަލާ ތަންފީޒު ކުރަން ޖެހެއެވެ.

މިހާރު އުސްކޮށް، ބަރިބަރިއަށް، ތޮށްޖެހިގެން މާލޭގައި އެހުރީ މަރުގެ ދަންތުރަ ތަކެކެވެ. އެތައް އާއިލާއެއް، އެތައް އޮފީހެއް ހިންގާ ބޮޑެތި އިމާރާތްތަކުގައި އެންމެ ޒަރޫރީ 'ފަޔާ ސޭފްޓީ' ނިޒާމުތަކެއް ނެތެވެ. އެކަން ބަލާނެ ބައެއް ވެސް ނެތެވެ. ރަނގަޅު ކުރާނެ އަތެއް ވެސް ނެތެވެ.

މައްސަލައިގެ ފެށުން އިމާރާތްތަކުން

އަލިފާން ނިއްވުމުގެ ދާއިރާގައި ހަރަކާތްތެރިވާ 25 އަހަރުގެ ތަޖުރިބާކާރު އަމިއްލަ ކުންފުންޏެއް ކަމަށްވާ އެލާމްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގަބޫލުރައްވާގޮތުގައި ރާއްޖޭގެ ފަޔާފައިޓަރުންނަށް ވެސް މިހާރު ޒަމާނީ ވަސީލަތްތަކާއި ތަމްރީނުތައް ވަނީ ލިބިފައެވެ.

އެހެންވެ، އިހުއޮތް އެ ކަންބޮޑުވުމެއް މިހާރަކު ނެތެވެ.

އެސްބީއައި އޮފީސް ހުންނަ އިމާރާތުގައި ރޭ ރޯވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ފެން ނުލިބިގެން، ބޭނުންވާ ވަސީލަތްތައް ލިބުން ލަސްވެގެން ރާއްޖެއަކު ނެތް އެއްވެސް ތަނެއް އަނދައިގެން ގޮސްފައެއް،" އުމަރު ވިދާޅުވިއެވެ.

އޭނާ ދެކޭ ގޮތުގައި ފަހުގެ ވަސީލަތްތަކާއި، އުޅަނދުފަހަރާއި، ތަމްރީނުތައް ނުލިބިގެން ކަންބޮޑުވާން ޖެހުނު ޒަމާން މާޒީވެއްޖެއެވެ. އެންމެ ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ދެކެނީ ގެތައް ހެދިއިރު ފަޔާ ސޭފްޓީ ސްޓޭންޑަޑެއް ޕްރެކްޓިސް ކުރެވިފައި ނެތުމެވެ. ފަޔާ ހައިޑްރެންޓް ސިސްޓަމްތައް ފަދަ ވަސީލަތްތައް ނެތިގެން ރާއްޖޭގައި މާބޮޑު މައްސަލައެއް ކުރިމަތި ނުވާ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

"ރާއްޖޭގައި އެންމެ ބޮޑު އިޝޫއަކީ ހަމަ އިމާރާތްތައް ހަދާއިރު ފަޔާ ސޭފްޓީ ކޯޑެއް ނެތުން. އެކަން ނުކުރެވި އޮތުން އެއީ މައްސަލައަކީ" އުމަރު ވިދާޅުވިއެވެ.

މާލެއަކީ މުޅި ދުނިޔޭގައި ވެސް އޮތް އެންމެ ތޮށްޖެހުން ބޮޑު ސިޓީއެވެ. ކުދިކުދި ތަންކޮކޮޅުގައި އުސް އިމާރާތްތައް ހުންނައިރު އެތަންތަން ހެދިފައިހުރީ ފަޔާ ސޭފްޓީ ކޯޑެއް ނެތިއެވެ. އެހެންވެ، އަލިފާނުގެ ހާދިސާއެއްގައި އެ ފެތުރުމުގެ ފުރުސަތު އިންތިހާއަށް ބޮޑެވެ. ނުރައްކަލަކީ އެއީއެވެ.

އަލިފާނުގެ ހާދިސާ ހިނގި ގެއެއް، ސުންނާފަތިވެފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އުސް އިމާރާތްތައް ހަދާއިރު އެންމެ ފަހުގެ ފަޔާ ސޭފްޓީ ސްޓެންޑަޑަށް ފެއްތުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަދި، އެ ކޯޑަށް ފައްތައިގެން އިމާރާތް ހެދުމަށް ފަހުގައި ވެސް އެތަންތަން ރަނގަޅަށް މެއިންޓެއިންކޮށް، ބެލެހެއްޓުން ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އަލިފާނުގެ ހާދިސާއެއް ހިނގައިފި ހާލަތެއްގައި އަމަލުކުރާނެ ގޮތެއް ލިޔެ، ދަސްކޮށްދެވިފައި އޮންނަން ޖެހޭނެއެވެ. އެއީ ތަހުޒީބު މުޖުތަމައުތަކުގައި ކަންކުރާ ގޮތެވެ.

ޕްލޭނިން މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އިމާރާތްތަކުގައި ހުންނަން ޖެހޭ ފަޔާ ސޭފްޓީ ސްޓޭންޑަޑު، ބިލްޑިން ކޯޑުގެ ތެރޭގައި ހިމެނި، ގަވާއިދަކަށް ވަރަށް އަވަހަށް ވެގެންދާނެއެވެ.

އޭރުން އިމާރާތް ކުރުމުގައި އެދިމާވާ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ގަބޫލުކުރެއެވެ. އޭނާ ވިދާޅުވި ގޮތުގައި ބިލްޑިން ކޯޑު ތެރޭގައި ފަޔާ ސޭފްޓީ ކޯޑެއް އިންނާނެއެވެ. އެއާއެކު މާލޭގައި އިމާރާތްކުރާ ގެތަކުގައި ހާއްސަ ފަޔާ ސޭފްޓީ ސްޓޭންޑަޑުތަކެއް ހުރުން މަޖުބޫރުވާނެއެވެ.

"ބިލްޑިން ކޯޑު އަދި ފައިނަލް ވެފައެއް ނުވޭ، ބިލްޑިން ކޯޑުގެ މަސައްކަތަކީ ވަރަށް ބޮޑު މަސައްކަތެއް. ކޮންސަލްޓަންޓް ނަގައިގެން އެކަން ކުރީވެސް. އެ އެއްޗެހި ލިޔަމުން އެދަނީ. ވަރަށް ބައިވަރު އެއްޗެހި ބިލްޑިން ކޯޑުގައި ހިމަނަން ޖެހޭތީ ލަސްވަނީ. އެކަމަކު، އެ މަސައްކަތް އެބަ ކުރިޔަށްދޭ." އޭނާ ވިދާޅިއެވެ.

މާލޭގައި ހިނގި އަލިފާނުގެ ހާދިސާއެއް --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އޭނާ ގަބޫލުކުރައްވާ ގޮތުގައި ގާނޫނަކުން ނުވަތަ ގަވާއިދަކުން މަޖުބޫރުނުކުރި ނަމަވެސް އަމިއްލައަށް ވެސް ގޭގައި ދިރިއުޅޭ މީހުންގެ ރައްކާތެރިކަމާމެދު ވިސްނަން ޖެހޭނެއެވެ. އެހެންވެ، އެއީ ގަވާއިދަކުން މަޖުބޫރުނުކުރި ނަމަވެސް ކޮންމެހެން އަދާކުރަން ޖެހޭ ފަރުދީ ވާޖިބެއް ގޮތުގައި އޭނާ ދެކެއެވެ.

"ބިލްޑިން ކޯޑުގައި ވަރަށް ގިނަ އެއްޗެހި ހިމަނަން ޖެހޭނެ. ބިލްޑިން ކޯޑުގެ މަސައްކަތް 2020 ވަނަ އަހަރުން ފެށިގެން އަންނަނީ ކުރަމުން، މިހާރު ދެން ގާތްގަނޑަކަށް ނިމުމަކާ ހަމައަށް އާދެވިފައިވަނީ." މިނިސްޓްރީގެ އިސް އޮފިޝަލު ވިދާޅުވިއެވެ.

ދާއިމީ ހައްލު އޮތީ ލާމަރުކަޒު ކުރެވިގެން

އުސް އިމާރާތްތައް ހަދާއިރު، އެތަންތަނުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ފަޔާ ސޭފްޓީ ސްޓެންޑަޑެއް އޮންނަން ޖެހެއެވެ. ރާއްޖެއަށް އޮތް ނުރައްކަލަކީ އެއީއެވެ. އުސް އިމާރާތްތަކުގައި ފަޔާ ސޭފްޓީ ސްޓެންޑަޑެއް ނެތުމެވެ. ޒަމާނުއްސުރެ އެކަމަށް އެތައް ވެރިއަކު އިހުމާލުވެފައި އޮތުމެވެ.

ސިފައިންގެ ފަޔާ އެންޑް ރެސްކިއު ޚިދުމަތް ތަޢާރަފް ކުރުމުގައި އިސްކޮށް އުޅުއްވާ، އެ ޚިދުމަތުގެ އިސް މަގާމުތައް ފުރުއްވުމަށް ފަހު، ޝަރަފުވެރިކަމާއެކު ޚިދުމަތުން ރިޓަޔާ ކުރައްވާފައިވާ މުސްތަފާ ސަމީރު ގަބޫލުކުރައްވާ ގޮތުގައި އިމާރާތް ކުރުމުގެ ތެރެއަށް ފަޔާ ސޭފްޓީ ސްޓެންޑަޑެއް ވެއްދިޔަސް ހަގީގީ ދާއިމީ ހައްލެއް ލިބިގެނެއް ނުދާނެއެވެ.

މާލެ މަތިން ނަގާފައިވާ ފޮޓޯއެއް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

"އަލިފާނުގެ ހާދިސާއެއް ނުހިނގާ ވަރުގެ ފިޔަވަޅުތަކެއް ތަންތާގައި އެޅޭކަށް ނޯންނާނެ. އެކަމެއް ނުވާނެ، ބުނަން މިއުޅޭ ވާހަކައަކީ ހާދިސާއެއް ހިނގައިފިއްޔާ ދެން ހަދާނެ ގޮތްތައް ހޯދަން ޖެހޭނީ." 1988ގައި ސިފައިންގެ ޚިދުމަތް ފެއްޓެވި މުސްތަފާ ވިދާޅުވިއެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި މާލޭގައި އެންމެ ބޮޑު ގޮންޖެހުމަކީ ތޮށްޖެހުމުގެ މައްސަލައެވެ. ތޮށްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި، ކުދިކުދި ކޮޓަރިތަކުގައި އެތައް ބަޔަކު ދިރިއުޅޭ ކަމުގައި ވާނަމަ ނުރައްކާތެރި ހާދިސާތަކަށް ނިމުމެއް ނެތެވެ.

އެހެންވެ، އެފަދަ ހާދިސާތަކުގައި ނިޔާވާ މީހުންގެ އަދަދު މަދުކުރާ ނަމަ ކުރަން ޖެހޭ އެންމެ މުހިއްމު ކަމަކީ ތޮށްޖެހުމުގެ މައްސަލައަށް ހައްލެއް ގެނައުން ކަމަށް މުސްތަފާ ގަބޫލުކުރައްވައެވެ.

"ކޮންޖެސްޓުވުން ހައްލުވެގެން ހައްލެއް ފެންނާނީ. ރަށްރަށުގެ މީހުން ވެސް މާލެއަށް ތޮށްޖެހުމުގެ ބަދަލުގައި އެމީހުންގެ ރަށްރަށުގައި އެމީހުންނަށް ދިރިއުޅެވޭނެ ގޮތްތަކެއް ހަމަޖެހެންވީ. އެމީހުންގެ އަސާސީ ހައްގުތައް ހަމަޖެހޭނެ ގޮތްތަކެއް އެތަނުން ހަމަޖެހެންވީ. ހުރިހާ އިޝޫއަކަށް ވެސް މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުން އެއީ، ތޮށްޖެހުމުގެ އިޝޫ." އޭނާ ވިދާޅުވިއެވެ.

މާލެ --ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

އޭނާ ވިދާޅުވި ގޮތުގައި އުސް އިމާރާތްތައްކޮށް، ދިވެހިންގެ ދިރިއުޅުން ވެސް އެފަދަ ގޮތަކަށް ބައްޓަން ކުރަން އެދޭނަމަ، އެކަމުގައި ހުރި ނުރައްކާތަކާ ދިވެހިން ވެސް ކުރިމަތިލާން ޖެހެއެވެ.

"ވާލްޑް ޓްރޭޑް ސެންޓަރުގައި ކިހިނެއްތޯވީ؟ އެމީހުންނަށް ވަކި ކޮން ކަމެއްތޯ ވީ؟ އެތަނުގައި ވެސް ސިޑިތަކުން މީހުން އަރައިގެން ދިޔައީ މީހުން ސަލާމަތް ކުރަން. ރާސްލާފައި ހަމަ ބޭރުން އައިސް އަތެއް ދިއްކޮށްލާ މީހުން ނެރެ، އެހެންނެއް ނުހެދުނު އިނގޭތޯ. އެހެންވީމާ އެކަހަލަ ސިޗުއޭޝަނަކަށް އަޅުގަނޑުމެންގެ ހާލަތު ބަދަލުކުރާ ކަމުގައި ވާނަމަ މި ރިސްކްތަކާ އަޅުގަނޑުމެން ވެސް ކުރިމަތިލާން ޖެހޭނީ" އޭނާ ވިދާޅުވިއެވެ.

އަހަރަކަށްވުރެ އަހަރެއް އަލިފާނުގެ ހާދިސާތައް ވަނީ އިތުރެވެ. އެ ހާދިސާތަކުގައި ގެއްލޭ ފުރާނަތަކުގެ އަދަދު ވެސް ވަނީ އިތުރެވެ. އެތައް ބައެއްގެ މުދަލާއި ބޯހިޔާވަހިކަން ބީވެއްޖެއެވެ. އުމުރު ދުވަހުން އެއްކުރި ފައިސާ އަނދާ އަޅިއަށް ވެއްޖެއެވެ.

ކޮޓަރިއެއްގައި ދިހަ ބާރަ މީހުން ދިރިއުޅޭ ތަންތަން މަދެއް ނޫނެވެ. ފިތި ބާރު ވެގެން ކުދިކުދި ގޮޅިތަކުގައި އެތައް ހާސް ބަޔަކު ނިދާ މާލެއަކީ އަލިފާނަށް ހުށަހެޅިފައި އޮތް ނުރައްކާ ބޮޑު ސިޓީއެވެ. އެއް ހާދިސާގައި 10 މީހުންގެ ފުރާނަ ގެއްލިގެން ދިޔައީ ދާދިފަހުންނެވެ. މިއަދު އެކަން ހަނދާން ނެތިއްޖެއެވެ.

އެކަމަކު ހަގީގީ މައްސަލަ އަދިވެސް އޮތީ ފެށުނީއްސުރެ އޮތް ގޮތަށެވެ. އެކަމަށް ސަމާލުކަމެއް ނެތެވެ. ހައްލު ކުރާނެ އަތެއް ވެސް ނެތެވެ.

comment ކޮމެންޓް